ހުށަހެޅި ޝަކުވާތައް ބެލުމުން އެނގުނީ ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވިކަން: ސްޓެލްކޯ

ގޭބިސީތަކަށް އެންމެ ފަހުން ފޮނުވި ކަރަންޓު ބިލް ބޮޑުވެގެން ހުށަހެޅި ޝަކުވާތައް ބަލައި ތަހުގީގު ކުރުމުން ފާހަގަވީ ބިލު ބޮޑުވީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ ކަމުގައި ސްޓެލްކޯ އިން ހާމަކޮށްފިއެވެ.
ކަރަންޓު ބިލް ބޮޑުވެގެން މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ އަދިވެސް ޝަކުވާ ކުރަމުންނެވެ. އެހެންކަމުން އެ ޝަކުވާތައް ރަސްމީކޮށް ހުށަހެޅޭނެގޮތް މިދިޔަ އާދީއްތަ ދުވަހު ސްޓެލްކޯއިން ވަނީ ފަހިކޮށްދީފައެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ އެންމެ ފަހުގެ ކަރަންޓު ބިލް ބޮޑު ކަމަށް ގިނަ ބަޔަކު ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި ސްޓެލްކޯއިން އެ ހުރިހާ ޝަކުވާއެއް ބަލާފައިވާ ކަމަށެވެ. އެ ކުންފުނިން ބެލިބެލުމުން ފާހަގަކުރެވުނީ އެމަހު ކަރަންޓު ގިނައިން ބޭނުންކޮށްފައިވުން ކަމުގައި ވިދާޅުވިއެވެ. އަދި ފާއިތުވީ ދެމަހުގައި ސަރުކާރުން ޑިސްކައުންޓު ދިން ބިލްތަކާއި މިދިޔަ މަހުގެ ބިލާއި އަޅާކިޔުމުން ގިނަ ބަޔަކަށް ބިލް ބޮޑުވިކަން ފާހަގަކުރެވޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
"ކަރަންޓު ބޭނުންކުރާ މިންވަރުވެސް އިތުރުވޭ، ދެން ގިނަ ޝަކުވާތަކުގައި ވާ ގޮތަކީ މިހުންނަނީ ކޮމްޕެއަރކޮށްފަ މިދިޔަ ދެމަހުގެ ޑިސްކައުންޓެޑް ބިލް އާއި އެންމެ ފަހުން ފޮނުވި ބިލާ. އެމައުންޓު ޑިފަރެންސެއް އިނދެގެން އެކަމާ ޝަކުވާކުރި. ދެން އަޅުގަނޑުމެން މިކޮޅުން ކަސްޓަމަރުންނަށް އެ އެއްޗެހި ކިޔައިދިނީމަ ކަސްޓަމަރުންނަށް އަންޑަސްޓޭންޑްވޭ." މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ހަމައެއާއެކު މީހުން ދިރިނޫޅޭ ގެތަކުގެ ބިލް ބޮޑުވެގެންވެސް ބައެއް ފަރާތްތަކުން ވަނީ މީސްމީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ. މިކަމާއި ގުޅިގެން މީޑިޔާ އޮފިޝަލް ވިދާޅުވީ އެ ކުންފުނީގެ ބިލިންގ ސިސްޓަމް އިންނަ ގޮތުންނާއި އެފަދަ ގެތަކުގައި ކޮންމެވެސް ވަރަކަށް ކަރަންޓު ބޭނުން ކުރެވިފައިވާ ކަމަށެވެ. ސުކޫލް ބަންދު ދުވަސްކޮޅާއި ދިމާވުމުން މީހުން ޗުއްޓީއަށް ފުރައިގެން ދިޔަނަމަވެސް އެ ގެތަކުގައި މީހުން އުޅުނު ދުވަސްތަކު ބޭނުން ކުރި ކަރަންޓަށް ބިލު ހެދިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
"މީހުން ދިރިނޫޅޭ ގެތަކުގައި އެވާ ގޮތަކީ އަޅުގަނޑުމެންގެ ބިލިންގ ސައިކަލް އިންނަ ގޮތުން ޑިލޭ އުޅޭ 20 ވަރަކަށް ދުވަހުގެ." މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ