ޑުރަގަށް ފަރުވާ ހޯދާ މީހުން ޖަލަށްނުލައި ފަރުވާއަށް ފުރުސަތު ދޭނަން: ރައީސް

މަސްތުވާތަކެތީގެ ނުރައްކަލުގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ މެތަޑޯން މެއިންޓަނަންސް ތެރަޕީ ފުރިހަމަ ކުރަމުންދާ ފަރާތްތަކަށް ގާނޫނީގޮތުން ކުރިމަތިވާ ހުރަސްތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން މއ. ސްނޯލައިޓް އާމިނަތު ނަތާޝާ ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ. ނަތާޝާ ވަނީ ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ)ން ދޭ މަސްތުވާތަކެތީގެ ފަރުވާއެއް ކަމަށްވާ މެތަޑޯން ފުރިހަމަކުރަމުންދާ ފަރާތްތަކަށް، މަސްތުވާތަކެތީގެ ކުރީގެ މައްސަލައެއްގައި ރިހެބަށް ދިޔުމަށް ހުކުމް ކުރާ ކަމަށެވެ. އަދި މިގޮތަށް ހުކުމް ކުރުމުން ވަޒީފާ ދޫކޮށްލުމަށްފަހު ރިހެބަށް ދާން ޖެހޭތީ މިކަމަށް ހައްލެއް ހޯދައި ދިނުމަށް ނަތާޝާވަނީ އެދިފައެވެ.
ރައީސްގެ ޖަވާބު24 މާރިޗް 2024ރައީސުލްޖުމްހޫރިއްޔާ މިއަދު ޖަވާބުދެއްވީ، މާލެ ސިޓީ، މއ.ސްނޯލައިޓް، އާމިނަތު ނަތާޝާ ކުރެއްވި 2 ވަނަ ސުވާލަށް. އެއީ މަސްތުވުމުން ސަލާމަތްވުމަށް ފަރުވާ ހޯދަމުންދާ މީހުން، އެ ފަރުވާ ފުރިހަމަކުރަން ފުރުޞަތު ދިނުމާ ބެހޭ ސުވާލެއް. pic.twitter.com/2MeEA4VZFV— Government of Maldives (@governmentmv) March 24, 2024
"ކުއްޖާ އަމިއްލަ ގޮތުން މެތަޑޯންގައި ބައިވެރިވެގެން އުޅެނިކޮށް ކުރީގެ މައްސަލައެއްގައި ޑުރަގު ކޯޓުން މި ހުކުމްކުރަނީ ރިހެބަށްދާން. ކުރީމާ އެއްކަލަ ކުއްޖާ ވަޒީފާގައި ހުރެފައި ވަޒީފާ ދޫކޮށްލާފައި އަނެއްކާ އެބަ ބުނޭ އެކޮޅަށް ދާން،" އޭނާ ބުންޏެވެ. އޭގެ ބަދަލުގައި ފަރުވާ ކުރިއަށް ގެންދެވޭނެ ގޮތެއް އޮތްތޯ އޭނާ ވަނީ ސުވާލުކޮށްފައެވެ.
މި ސުވާލަށް ޖަވާބުދެއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މެތަޑޯން ފަރުވާ ފުރިހަމަ ކުރެވޭގޮތްތައް ގާނޫނީ އިމުގެތެރެއިން ހަމަޖައްސަވާދެއްވާނެ ކަމަށެވެ.
"މިކަމާއި ގުޅޭގޮތުން ކަމާއި ގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރާނަން، އަދި ޓްރީޓްމަންޓު އެއްކޮށް ފުރިހަމަ ކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށް ޤާނޫނީ އިމުގެތެރެއިން ގެންނަން ޖެހޭ ބަދަލުތައް ގެންނާނަން،" ރައީސް ވިދާޅުވިއެވެ.
މެތަޑޯންއަކީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ ފަރާތްތަކަށް ދެވޭ ފަރުވާއެކެވެ. މިފަރުވާގެ އެހީގައި މިފަދަ ފަރާތްތައް އަނބުރާ މުޖުތަމަޢަށް ގެނެވިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ