ދިވެހި އަސްކަރިއްޔާއަށް ބޮޑު އަގު ދީގެން ޑްރޯން އާއި ޓެންކަރުތައް ގަންނެފައިވާތީ އެއީ "ބޭކާރު ހަރަދުތަކެއް" ކަމަށް ބައެއް މީހުން ސިފަ ކުރާތީ އެކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ރައްދު ދެއްވައިފި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެގޮތަށް ވާހަކަ ދައްކާނީ ހިތުގައި ގައުމީ ލޯބި ނެތް މީހުންނެވެ.
ވީ ކިހިނެއް؟ - އެވާހަކަތަކަށް ރައީސް މިއަދު ރައްދު ދެއްވީ، 60 ވަނަ ގައުމީ ދުވަހުގެ މުނާސަތުގައި ސިފައިންނާއި ފުލުހުންނާ ބައްދުލުކުރުމަށް މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްުޔާތުގަ އެވެ.
ތަފްސީލު - ރައީސްގެ ވާހަކައިގައި ފުރަތަމަ ސިފައިންނާއި ފުލުހުން ކުރާ ބުރަ މަސައްކަތްތަކަށް ޝުކުރު އަދާ ކުރެއްވި އެވެ. އަދި ދެ މުއައްސަސާގެ ވެސް ވަސީލަތްތަކާއި ހިދުމަތް ތަރައްގީ ކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދެއްވާކަން ފާހަގަ ކުރެއްވި އެވެ. އަދި އެ މަސައްކަތަކީ ވަރަށް ފަހުރާ އެކު ކުރައްވާ ކަމެއްގެ ގޮތުގައި ސިފަ ކުރެއްވި އެވެ.
"ވަސީލަތްތަކުގެ ގޮތުން ވެސް އިރާދަކުރެއްވީތީ މިއަހަރު ކުރެވުނު ކަންތައްތައް އަދި މިއަހަރުގެ ބާކީ މި އޮތް ހައެއްކަ މަސް ދުވަހު ކުރެވެން ހުރި ކަންކަމުގެ އިތުރަށް މިއަންނަ އަހަރަށް އަޅުގަނޑުމެން ބަޖެޓް ހަދާއިރު، ދެ މުއައްސަސާއަށް ވެސް ބޭނުންވާ މުހިންމު ކަންތައްތައް ހިމަނަން އަޅުގަނޑު ވާނީ ކަނޑައަޅާފައި،" ރައީސް ވިދާޅުވި އެވެ.
އެއާ އެކު ރައީސް ވިދާޅުވީ މި ކުރާ ހަރަދުތަކަކީ ކޮން ވިސްނުމެއްގައި ކުރާ ކަމެއް ކަމަށް ބައެއް މީހުން ސުވާލު ކުރާ ކަމަށެވެ.
"މިތަން މިއޮތީ ހަނގުރާމައެއް ކުރަން މި ރާއްޖެ ތައްޔާރު ވަނީހޭ [މީހުން އަހާ]. ދާދި އިހަށް ދުވަހު ވެސް އަޅުގަނޑާ ނޫސްވެރިޔަކު ކުރި ސުވާލެއްގައި އެ ސުވާލު އައި،" ރައިސް ވިދާޅުވި އެވެ.
އެ ސުވާލުތަކަށް އަމިއްލައަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ހަނގުރާމައަށް ނެތަސް ރާއްޖެ އޮންނަން ޖެހެނީ އަބަދު ވެސް ރައްޔިތުންގެ ހިމާޔަތުގައި ތައްޔާރަށް ކަމަށެވެ.
"އަޅުގަނޑުމެންނަކީ ފަހުވެރިވެރި މިނިވަން ގައުމެއް، ފަހުވެރި މިނިވަން ގައުމެއް. އަޅުގަނޑުމެންގެ ކަންކަން ބަލަހައްޓާނީ އަޅުގަނޑުމެން އަމިއްލައަށް،" ރައީސް ވިދާޅުވި އެވެ
"މިހާ ބޮޑު ކަނޑުގެ ސަރަހައްދެއް އޮވެފައި، މިހާ ބޮޑު ސަރަހައްދަކަށް ރަށްތަކާއި އަތޮޅުތައް ފެތުރިފައި އޮތް ގައުމަކަށްވާއިރު، އަޅުގަނޑުމެންގެ މީސްތަކުންގެ އަދަދު މިލިއަނުން ގުނާލަން ނުޖެހުނަސް އަޅުގަނޑުމެންނަކީ ފަހުވެރިވެރި މިނިވަން ގައުމެއް،"
ރައީސް ވިދާޅުވީ މި ފަހުވެރި މިނިވަން ގައުމުގެ "ކޮންމެ އަކަ އިންޗިއެއް ބަލަހަޓާނީ، އަޅުގަނޑުމެން އަމިއްލައަށް" ކަމަށެވެ. އަދި ސިފައިންނާއި ފުލުހުންނަށް އެހާ ބޮޑަށް ފައިސާ ހަރަދު ކުރަނީ ވެސް އެ ބޭނުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިކަން ކުރުމުގައި އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދަން ޖެހޭކަން ވެސް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ފަންނީ ގޮތުންނާއި ކެޕެސިޓީ އިތުރު ކުރުމުގެ ގޮތުން އެ އެހީތެރިކަން ހޯދާނެކަން ވެސް ފާހަގަ ކުރެއްވި އެވެ. ނަމަވެސް އެކަން ކުރުމުގައި ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ގައުމަކާ ވެސް ގުޅިގެން އެކަން ކުރުން ކަމަށްވެސް ވިދާޅުވި އެވެ.
"އެހެން ނަމަވެސް އެހެން ބަޔަކު އައިސް އަޅުގަނޑުމެންގެ ކަންކަމާ ހަވާލުވެގެން ކުރުމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން. އެހެންވީމަ، ސިފައިންނަށާއި ފުލުހުންނަށް މި ސަރުކާރުން މިހާ އިސްކަމެއް ދީގެން ކަންކަން މި ކުރަނީ،" ރައީސް ވިދާޅުވި އެވެ.
"މިއީ ފަހަރެއްގައި ހިތުގައި މިނިވަން ކަމުގެ ލޯބި، ޖޯޝް [ނުވަތަ] ގައުމީ ލޯބި ނެތް ބަޔަކަށް އެހާ ބޮޑަށް ފަހުން ނުވެދާނެ ކަމެއް. އެހެން ނަމަވެސް އަޅުގަނޑު ގަބޫލު ކުރަނީ ދިވެހި ކޮންމެ ރައްޔިތެއްގެ ހިތުގައި މި ގައުމީ ލޯތްބާއި ޖޯޝް ހުންނާނެއޭ."
ގައުމީ ލޯބި ނެތް މީހަކަށް އަސްކަރިއްޔާއަށް ކުރާ ހޭދައިގެ މުހިންމުކަން ފަހުމު ނުވެދާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ