ރައްޔިތުން އެހާ ދަތި ހާލުގައި ތިބި އިރު، ޓާމިނަލް ހުޅުވަން އެހާ ބޮޑު ހޭދައެއް ކުރުން ގަބޫލެއް ނުކުރެވޭނެ: ޔާމީން

ރައްޔިތުން އެހާ ދަތި ހާލުގައި ތިބި އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވަން އެހާ ބޮޑު ހޭދައެއް ކުރާތީވެ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ޔާމީން މިގޮތަށް ވިދާޅުވީ، މިއަދު ފާހަގަ ކުރާ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސަންގު ޓީވީން ގެނެސްދިން ހާއްސަ ކަވަރޭޖަށް ދެއްވި ބަސްދީގަތުމުގަ އެވެ.
ތަފްސީލު -  ޔާމީން ވިދާޅުވި ގޮތުގައި ރައްޔިތުން މިއަދު ތިބީ ވަރަށް ދަތި ހާލުގަ އެވެ. އެހެންވެ މިނިވަން ދުވަސް އަންނަ އިރު އޭގެ ހަގީގީ އުފާވެރިކަން އެ ރައްޔިތުންނަށް ނުލިބޭކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"ރައްޔިތުންގެ ތެރެއިން މީހުން މިހާ ހާލުގައި އުޅޭ ކަމުގައިވާ ނަމަ، އަނބިދަރިންނަށް ކާންބޯން ދެވޭނެ ގޮތެއް ނެތި، ބޭސްފަރުވާއަށް ދެވޭނެ ގޮތެއް ނެތި، މިނިވަންކަމުގެ ކޮން ކަމެއްތޯ އެމީހުންނަށް މެޓާ ވާނީ؟،" ޒަމާނަށް އަންނަ ބަދަލާ އެކު، މިނިވަން ދުވަހާ މެދު ރައްޔިތުން ދެކެމުން އައި ގޮތަށް ބަދަލުތަކެއް އަންނާތީ އެކަމާ ގުޅިގެން ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޔާމީން ކުރެއްވީ އެ ސުވާލެވެ.
މިނިވަންކަން ރާއްޖޭގައި އޮތް ނަަމަވެސް، އެ ހާލުގައި އުޅޭ ރައްޔިތު މީހާއަށް އެއީ އުފާވެރިކަމަށް ނުވާ ދަރަޖައަށް ކަންކަން ގޮސްފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެ ހާޅުގައި އުޅޭ މީހާއަށް މިހާރު "މިނިވަން ދުވަސް ދުވަސް އޮތަސް، ނެތަސް މައްސަލަކަށް ނުވާ" ކަމަށަް ޔާމީން ވިދާޅުވި އެވެ.
"އެކަމަކު އެންމެނަކީ، އާދައިގެ ފެންވަރެއްގައި ހަމަޖެހިގެން އުޅޭ ބައެއް ކަމުގައި ވަންޏާ، މިނިވަން ދުވަހަކާ މެދު ނުވަތަ ގައުމީ ދުވަހަކާ މެދު އެ މީހަކަށް ވިސްނަން ވަގުތު ނުލިބޭ. މިހާރު އެކަމަކު އެކަމާ ވިސްނަން ވަގުތު ނުވޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަން ނިމުނު ފަހުން މިހާރު ދެ ސަރުކާރު ވެރިކަމާ ހަވާލުވެއްޖެ ކަމަށާއި އެހެން ނަމަވެސް އެންމެ އަސާސީ ކަންކަމުގައިވާ ބޯހިޔާވަހިކަމަށް މާ ބޮޑު ކަމެއް ކުރެވިފައެއް ނެތެވެ. އެފަދަ އަސާސީ ކަންކަން ފުރިހަމަ ނުވާއިރު، އެހެން ކަންކަމަށް އަހަމިއްޔަތުކަން ދީގެން ފައިސާ ހަރަދު ކުރުން ރައްޔިތުން ބަލައިނުގަންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އާސަންދައިގައި ވެސް މިހާ ދަތިވެގެން އުޅޭ އިރު، އަޅުގަނޑުމެންނަށް މި އަޑުއިވެނީ، އެއާޕޯޓު ހުޅުވަން ޑްރޯން ޝޯއެއް، 6 މިލިއަން ޑޮލަރު ނުވަތަ 7 މިލިއަން ޑޮލަރުގެ މަޖާގަނޑެއްގެ ވާހަކަ މި އިވެނީ. އެ ރައްޔިތުން ގަބޫލެއް ނުކުރާނެ،" ޔާމީން ވިދާޅުވި އެވެ.
އެނގުން މުހިންމު - މިރޭ ރަސްމީކޮށް ހުޅުވާ ވީއައިއޭގެ އާ ޓާމިނަލްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދައްކާލާ ޑްރޯން ޝޯއަށް 1،000 ޑްރޯން ބޭނުން ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން، މާލެ ސަރަހައްދު ވަށައިގެން ކަނޑުގެ 16 ތަނެއްގައި ހަވާ އެރުވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ކުލަ ގަދަ މި ރަސްމިއްޔާތައް ހިނގާނެ ހަރަދެއް އެމްއޭސީއެލްއިން އަދި ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ