ކާވާ ޗެމްޕިއަންސް ލީގަށް ހެލްޕް ނޭޕާލް ޓީމު ރާއްޖެއަށް
އަންނަ ބުރާސްފަތި ދުވަހު ރާއްޖޭގައި ފަށާ, މެދުތެރޭ އޭޝިއާގެ ފިރިހެން ވޮލީ ކުލަބުތަކުގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ކާވާ ޗެމްޕިއަންސް ލީގުގައި ވާދަކުރުމަށް ނޭޕާލްގެ ޗެމްޕިއަން ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެއެވެ. މިއީ މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ދެވަނައަށް ރާއްޖެ އައި ޓީމެވެ. ރޭގެ ވަގުތެއްގައި ކަޒަކިސްތާނުގެ ޒައިކް ވީސީގެ ކުޅުންތެރިން ވަނީ މުބާރާތުގައި ވާދަކުރުމަށް ރާއްޖެ އައިސްފައެވެ. މިއަދު ހެނދުނު ރާއްޖެއައި ނޭޕާލް ޓީމުގައި 15 މެމްބަރުން ހިމެނެއެވެ. މި ޓީމުގައި މިވަގުތު ނޭޕާލްގެ ވޮލީގައި އެންމެ އުންމީދީ ކުޅުންތެރިން ހިމެނެއެވެ. ތަޖުރިބާކާރު ކުޅުންތެރިން މަދު ނަމަވެސް އެ ޓީމު ވަނީ އެންމެފަހުން އެ ގައުމުގައި ބޭއްވި ލީގު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. ހެލްޕް ނޭޕާލް ޓީމު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފޮޓޯ: ސަން މިމަހުގެ 17އިން 23ގެ ނިޔަލަށް މާލޭގެ ސޯޝަލް ސެންޓަރުގެ އެތެރޭ ހޯލުގައި ކުރިއަށްގެންދާ މި މުބާރާތުގައި ހެލްޕް ނޭޕާލް ކުޅޭ ފުރަތަމަ މެޗުގައި 17 ވަނަ ދުވަހުގެރޭ އޮންނަ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ބައްދަލުކުރާނީ ރާއްޖޭގެ ލީގު ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާއެވެ. ރާއްޖޭގެ ދެ ޓީމު ހިމެނޭގޮތަށް ޖުމްލަ ހަ ޓީމު މި މުބާރާތުގައި ވާދަކުރެއެވެ. ރާއްޖެއިން ވާދަކުރާ ދެ ޓީމަކީ ގައުމީ މުބާރާތާއި އެސޯސިއޭޝަން ކަޕުގެ ފައިނަލުގައި ކުޅުނު ކުލަބު އެޗްޑީސީ އާއި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އެވެ. ދެން މި މުބާރާތުގައި ވާދަކުރާނީ ކަޒަކިސްތާނުގެ ޒައިކް ވީސީގެ އިތުރުން ކިރްގިސްތާނުގެ ބިޝްކެކް، އަދި ނޭޕާލުގެ ޗެމްޕިއަން ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި ލަންކާގެ ޗެމްޕިއަން ސްރީ ލަންކާ ޕޯޓްސް އޮތޯރިޓީއެވެ. ލީގު އުސޫލުން ކުރިއަށްގެންދާ މި މުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓު ލިބޭ ދެ ޓީމެއް ފައިނަލުން ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން ތިންވަނަ އާއި ހަތަރުވަނަ ޓީމުގެ މެދުގައި ރޭންކިން މެޗެއް ކުޅޭއިރު، ފަސްވަނަ އަދި ހަވަނަ ޓީމުގެ މެދުގައިވެސް ޕްލޭއޮފް މެޗެއް ކުޅޭނެއެވެ. މުބާރާތުގެ ޝެޑިއުލް ޖުމްލަ 18 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ކޮންމެ ދުވަހަކު ވެސް ތިން މެޗު ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. އެއީ މެންދުރުފަހު 13:30، 16:30 އަދި 20:45 އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. މުބާރާތުގެ ހުރިހާ މެޗެއް އެސްއެސްޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ