ގުރޫމްކުރުމުގެ ތުހުމަތަމަށް ވަޒީފާއިން ވަކިކުރީ ރަނގަޅަށް، ކުދިންގެ އަތުން ބަރަހަނާ ފޮޓޯ ހޯދި: ޓްރައިބިއުނަލް

ރާއްޖޭގެ އުތުރުގެ ރަށެއްގެ ސްކޫލުގައި ކިޔަވަމުންދިޔަ އުމުރުން 18 އަހަރުން ދަށުގެ ފިރިހެން ކުދިންތަކަކަށް ބޭއަދަބީ ފޮޓޯއާއި ވީޑިއޯ ފޮނުވައި، އަދި އެ ކުދިން ގްރޫމް ކުރުމުގެ ތުހުމަތަށް ވަޒީފާއިން ވަކިކުރި ޓީޗަރު ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ. ވަޒީފާގައި ގާތްގަނޑަކަށް 29 އަހަރު ވެފައިވާ، ދެކުނުގެ ރަށަކަށް ނިސްބަތްވާ ފިރިހެން، ދިވެހި ޓީޗަރު ވަޒީފާއިން ވަކިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހެވެ. އޭނާ ވަޒީފާއިން ވަކިކުރުމުން އޭނާވަނީ އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައެވެ. ސިވިލް ސާވިސް ކޮމިޝަނާ ދެކޮޅަށް އޭނާ ކުރި ދައުވާގައި ވަނީ، އަނބުރާ ވަޒީފާ ހޯދައި ދިނުމުގެ އިތުރަށް، ވަކީލު ފީގެ ގޮތުގައި 35،000 ރުފިޔާ ހޯދައި ދިނުމަށް އެދިފައެވެ. އެހެންނަމަވެސް، އެ މައްސަލަ ނިމުނީ އޭނާއާ ދެކޮޅަށެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އޭނާވަނީ އޭނާ ކިޔަވައިދޭ ފިރިހެން ކުދިންނަށް ފޭސްބުކް މެސެންޖާ މެދުވެރިކޮށް ބަރަހަނާ ފޮޓޯ ފޮނުވާފައެވެ. އޭގެ އިތުރުން އޭނާގެ ދަރިވަރުންނަށް އެކި ފަހަރު މަތިން ފައިސާ ދީގެން އެ ކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ހޯދާފައިވާކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ. އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި މައްސަލައިގެ ތަހުގީގު މަރުހަލާގައި އެ ފިރިހެން ޓީޗަރުވަނީ އެކި ގޮތް ގޮތުން ތަހުގީހަށް ހުރަސް އަޅަން މަސައްކަތްކޮށްފައެވެ. އޭނާގެ ފޯނުގެ ލޮކް ކޯޑު ހޯދުމަށް ފުލުހުން ކޯޓު އަމުރަކާއެކު ދިޔުމުންވެސް އެކަމުގައި ފުލުހުންނަށް އެއްވެސް ވަރަކަށް އެއްބާރުލުން ނުދީ، އެކި ގޮތްގޮތުން އުނދަގޫ ކުރިކަންވެސް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީފާއިން އެ ޓީޗަރު ވަކިކުރުމުގެ އިތުރުން އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ދައުވާތައް މިހާރު ކުރިއަށް އެބަދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޓީޗަރު ހުރީވެސް ބަންދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ