ސީއެސްސީން ވަކިކުރަން އުޅުނު ނާސިހަށް ދެވަނަ ދައުރެއް ދޭން މަޖިލީހުން ރުހުން ދީފި
މި ސަރުކާރުގައި އެންމެ ފުރަތަމަ ވަކިކުރަން މަސައްކަތްކުރި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހު ދެވަނަ ދައުރަކަށް އެ މަގާމަށް އައްޔަނުކުރުމަށާއި، ސީއެސްސިގެ މެންބަރުކަމަށް އިތުރު ދެބޭފުޅުން އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. ނާސިހުގެ އިތުރުން، ދެން އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަނުކުރަން މަޖިލީހުން ރުހުން ދިނީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްގެ އަނބިކަނބަލުން ޑރ. ދީބާ މޫސާ އަދި ސުޕްރިމް ކޯޓުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒެވެ. ސީއެސްސީގެ ރައީސްކަމަށް ދެވަނަ ދައުރަކަށް ނާސިހު އައްޔަނުކުރުމަށް ރުހުން ދޭން މަޖިލީހުން ލިބިވަޑައިގަތީ 52 މެންބަރުންގެ ވޯޓެވެ. ދެކޮޅަށް ވޯޓު ދެއްވީ އެންމެ ހަތަރު މެންބަރުންނެވެ. ޑރ. ދީބާ މޫސާއަށް ރުހުން ދީފައި ވަނީ 60 މެންބަރުންގެ އިއްތިފާގުންނެވެ. އަދި ޑރ. ހުސައިން ފާއިޒަށް ރުހުން ދީފައި ވަނީ 54 މެންބަރުންގެ އިއްތިފާގުންނެވެ. އެ ދެ ވޯޓުގައި ވެސް ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ. ސީއެސްސީގައި މި ވަގުތު ތިއްބެވި މެންބަރުންގެ ތެރެއިން ނާސިހާއި މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފްގެ މެންބަރުކަން އަންނަ މަހުގެ ތިންވަނަ ދުވަހަށް ހަމަވާނެއެވެ. އެެހެންވެ އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ނާސިހުގެ ނަން ހިމެނޭހެން ހަ ނަމެއް ރައީސް މަޖިލީހަށް ފޮނުއްވީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ނާސިހުގެ ނަން ހިމެނޭހެން އޭރު ރައީސް ދެން ފޮނުއްވި ނަންތަކުގެ ތަރުތީބަކީ: ޑރ. ހުސައިން ފާއިޒް - ދަފްތަރު ނަންބަރު 1325 ޑރ. ދީބާ މޫސާ - މ. ވައިޓްބެލް ބަދުރިއްޔާ މޫސާ - ދަފްތަރު ނަންބަރު ރސ-414 ޑރ. ފާތިމަތު މުނާ - ވާދީއާގެ، ގއ. ވިލިނގިލި އާމިނަތު އުއްމުކުލްސޫމް - މޫންލައިޓްހައުސް، އައްޑޫ، މަރަދޫ މިހާރު ސީއެސްސީގެ ރައީސްގެ މަގާމުގައި ހުންނެވި ނާސިހު ވަނީ އިންޖިނިއަރިންގެ ދާއިރާއިން އިނގިރޭސިވިލާތުގެ ލިވަޕޫލް ޔުނިވާސިޓީން މާސްޓާސް ހާސިލްކުރައްވައި، ޓެލެކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓިންގެ ދާއިރާގައި 28 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައެވެ. އެގޮތުން ބްރޯޑްކޮމްގެ އަމީން އާންމުގެ މަގާމާއި އެ ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވައި، ކޮމިއުނިކޭޝަންސް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރުކަން ވެސް ކުރެއްވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނާސިހު ވަކިކުރަން ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހު، އަމިއްލަ މަގްސަދެއް ހާސިލްކުރަން އުޅުނުކަމަށް ތުހުމަތުކޮށް، ޝަކުވާ ލިބިފައިވާ ކަމަށް ބުނެއެވެ. ނަމަވެސް ހަމަ އެ މަހު މަޖިލީހުން ވަނީ އޭނާ ވަކިނުކުރަން ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ