އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރަން މުޅި އަހަރަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރަން މުޅި އަހަރަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް

އިދިކޮޅު އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރަން މުޅި އަހަރަށް ބަހާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް އެ ޕާޓީން އިއުލާނުކޮށްފި އެވެ.
މި ހަރަކާތްތައް އިއުލާނުކުރީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެމްޑީޕީއަށް 20 އަހަރު ފުރެނީ މާދަމާ އެވެ.
މާދަމާގެ ހަރަކާތްތައް ފަށާނީ އެމްޑީޕީ ދަނޑިކޮށި ޖަގަހައިގައި ބާއްވާ ހެދުނު ސަޔަކުން ކަމަށާއި އެއަށްފަހު 9:00 ގައި އެ ޖަގަހައިގައި އަދި ރަށްރަށުގެ ޖަގަހަތަކާއި އޮފީސްތަކުގައި ދިދަ ނެގުމުގެ ހަރަކާތެއް ބާއްވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ކޮންމެ އަހަރެކޭ އެއްގޮތަށް ކޭކު ފެޅުން އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ބާއްވަ އިތުރު ހަރަކާތްތަކުގެ ތެރޭގައި މާދަމާ މެންދުރުފަހު ބާއްވާ ފުޓްސަލް މުބާރާތަކާއި ޒުވާނުންގެ ރޫހުގެ ފަރާތުން އަލަށް މިރޭ ތައާރަފުކުރާ ޕޮޑްކާސްޓެއް ވެސް ހިމެނެ އެވެ.
އަހަރު ތެރެއަށް ރާވާފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި، 20 އަހަރު ފުރުމާއި ގުޅިގެން ރާއްޖޭގެ ކޮންމެ ސިޓީއެއްގައި ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށާއި އޭގެ ފަރުަތަމަ ޖަލްސާ ބާއްވާނީ ޖުލައި 11، ގައި ކުޅުދުއްފުށީގައި ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ފަހު ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ ތެރޭ މާލޭގަ އެވެ.
މީގެ އިތުރުން، އެމްޑީޕީގެ ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި "ރަން ރީނދޫ" ގެ ނަމުގައި ޖުލައި 18، ގައި ދުވުމެއް ފަށަން ނިންމާފައިވާ ކަމަށާއި އެ ދުވުން ނިމޭނީ އަންނަ އަހަރުގެ މެއި މަހު ކަމަށް މިއަދު ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި 20 އަހަރު ފާހަަގަކުރުމުގެ ގޮތުން ދިގުދެމިގެންދާ ހަރަކާތްތަކެއް ރޭވުމުގެ ބޭނުމަކީ އެމްޑީޕީން ރާއްޖެއަށް ގެނައި ރަނގަޅު ބަދަލުތައް ފާހަގަކުރުމާއި ރަށްރަށުގައި ތިބި މެންބަރުންގެ މަސައްކަތް ފާހަގަކޮށް، ޝުކުރު އަދާކުރުމެވެ.
މި ހަރަކާތްތަކުގެ އިތުރުން މިއުޒިކު ޝޯއަކާއި ކާނިވަލެއް އަދި އާޓު އެގްޒިބިޝަނެއް ބޭއްވުމަށް ހަމަޖެފައިވާ ކަމަށާއި އެކަންކަން ފައިނަލްވެގެން އަންނަވަރަކުން އިތުރު މައުލޫމާތު މީޑިއާތައް މެދުވެރިކޮށް މެންބަރުންނާއި ރައްޔިތުންނަށް ދެމުންދާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީއަކީ އާ ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީ ކުރި ފުރަތަމަ ސިޔާސީ ޕާޓީ އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ގިނަ ޕާޓީތަކެއް އެކުލެވޭ އިންތިހާބު 2008 ގައި ކާމިޔާބުކުރީ އެ ޕާޓީ އިސްކޮށް އުފެއްދި ކޯލިޝަނަކުންނެވެ. އެ ޕާޓީން ދެވަނަ ފަހަރު ވެރިކަމަށް އައީ 2018 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ