ފާއިތުވި ދޮޅުއަހަރުތެރޭ މާލޭ ސަރަޙައްދުގެ ހޮސްޕިޓަލްތަކަށް 500 އަށްވުރެ ގިނަ މުވައްޒަފުން އިތުރުކޮށްފި: ސީއީއޯ

ފާއިތުވި ދޮޅުއަހަރުތެރޭ މާލޭ ސަރަޙައްދުގައި ހިމެނޭ ސަރުކާރު ހޮސްޕިޓަލްތަކަށް 500 އަށްވުރެ ގިނަ މުވައްޒަފުން އިތުރުކުރެވިފައިވާކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސީއީއޯ ޢަބްދުއްރައްޒާޤު ފާހަގަކުރެއްވިގޮތުގައި، މި ސަރުކާރުން މިހާތަނަށް މާލޭ ސަރަޙައްދުގައި ހިންގާ ސަރުކާރު ހޮސްޕިޓަލްތަކުގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން، އެ ކުންފުނީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ، މެޑިކަލް އާލާތްތަކާއި ވަސީލަތްތައް އަދި އިންސާނީ ވަސީލަތް އިތުރުކުރުމަށް ފާއިތުވި ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން މާލޭ ސަރަޙައްދުގައި ސަރުކާރުން މިހާރު ހިންގަމުންދާ ހޮސްޕިޓަލްތަކުގެ ތެރޭގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)، ދަރުމަވަންތަ ހޮސްޕިޓަލް، ހުޅުމާލޭ ހޮސްޕިޓަލް އަދި ވިލިމާލޭ ހޮސްޕިޓަލް ހިމެނެއެވެ. މި ހޮސްޕިޓަލްތަކަކީ ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު ޞިއްޙީ ޚިދުމަތް ހޯދަމުންދާ މުހިންމު މަރުކަޒުތަކެކެވެ.
މާލޭ ސަރަޙައްދުގެ ހޮސްޕިޓަލްތަކުގެ ޙިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ތަރައްޤީކުރި ދަރުމަވަންތަ ހޮސްޕިޓަލް އޮޕަރޭޝަނަށް ގެނައުމަށް ކުރެވުނު މަސައްކަތްތައްވެސް ސީއީއޯ ޢަބްދުއްރައްޒާޤު ވަނީ ފާހަގަކުރައްވާފައެވެ. މި މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދުމަތްތަކަށް އިތުރު ފަސޭހަތަކެއް ލިބި، ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގާބިލިއްޔަތު އިތުރުވެގެން ގޮސްފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ