މަޔޯކާ (އޮގަސްޓް 17) - ސްޕެނިޝް ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، ބާސެލޯނާ އިން 3-0 އިން މަޔޯކާ އަތުން މޮޅުވި ނަމަވެސް ކުޅުމާ މެދު ހިތްހަމަނުޖެހޭ ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.
ރޭގެ މެޗު މަޔޯކާ އިން ނިންމާލީ ދެ ކުޅުންތެރިން މަދުކޮށެވެ. ބާސެލޯނާ އިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، މެޗުގެ 39 މިނިޓް ތެރޭ މަޔޯކާ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކި އެވެ. އެ ގޮތުން، ރަފީނިއާ އާއި ފެރާން ޓޮރޭޒް ވަނީ 23 މިނިޓް ތެރޭ ބާސެލޯނާ އަށް ދެ ލަނޑު ޖަހައިދީފަ އެވެ. ރަފީނިއާ، ފުރަތަމަ ލަނޑު ޖެހީ، ހަތް ވަނަ މިނިޓްގައި ލަމީން ޔަމާލް ދިން ބޯޅައަކުންނެވެ. އަދި، 23 ވަނަ މިނިޓްގައި ފެރާން ވަނީ އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލަށް ފޮނުވާލައިފަ އެވެ.
އޭގެ ފަހުން، މެޗުގެ 33 ވަނަ މިނިޓްގައި މަޔޯކާގެ މަނޫ މޮނާލެސް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދައްކައިފަ އެވެ. އަދި، އޭގެ ހަ މިނިޓް ފަހުން، މަޔޯކާގެ ވޭދާތު މުރީގީ އަށް ދެއްކި ރީނދޫ ކާޑެއް ވަނީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ރަތަކަށް ބަދަލުކޮށްފަ އެވެ. އެއީ، ބާސެލޯނާގެ ގޯލު ބެލެހެއްޓި ޖޮއާން ގާސިއާ އަށް ކުރި ނުރައްކާތެރި ފައުލަކަށެވެ.
ގާސިއާ އާއި މާކަސް ރެޝްފޯޑްގެ ރަޖިސްޓްރޭޝަން ކަންކަން ރޭގެ މެޗުގެ ކުރިން ބާސެލޯނާ އިން ނިންމައި، ދެ ކުޅުންތެރިންނަށް ވެސް ފުރަތަމަ މެޗު ކުޅުމުގެ ފުރުސަތު ދިނެވެ. ދެ ކުޅުންތެރިން މަދުކޮށް ކުޅުނު މަޔޯކާ ކޮޅަށް ބާސެލޯނާ އިން ފަހު ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. މި ލަނޑު ޖެހީ ޔަމާލް އެވެ.
މެޗަށް ފަހު ކޯޗު ފްލިކް ބުނީ، މޮޅުވިޔަސް ކުޅުން އެންމެ ރަނގަޅު ނޫން ކަމަށާއި ފެނިގެންދިޔައީ އެ ޓީމުގެ ލެވަލުން ބަލާނަމަ، 50 ޕަސެންޓާ އެއް ފެންވަރުގެ ކުޅުމެއް ކަމަށެވެ.
ޗެމްޕިއަން ބާސެލޯނާ މޮޅަކުން ފެށިޔަސް ހިތްހަމައެއްނުޖެހުނު ޗެމްޕިއަން ބާސެލޯނާ މޮޅަކުން ފެށިޔަސް ހިތްހަމައެއްނުޖެހުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ