އިނގިރޭސި ރާނީ އެލިޒަބަތު އަވަހާރަވެއްޖެ

އިނގިރޭސި ރާނީ އެލިޒަބަތު އަވަހާރަވެއްޖެއެވެ. މިކަން ޝާހީ ހާންދާނުގެ ރަސްމީ ޓްވިޓާ އެކައުންޓުން ވަނީ އާންމު ކޮށް ހާމަ ކޮށްފައެވެ.
އުމުރުފުޅުން 96 އަހަރުގެ ރާނީ އެލިޒަބަތު އަވަހާރަ ވީ، ސިއްހީ ހާލުކޮޅު ގޯސްވެ ޑޮކްޓަރުންގެ ހާއްސަ ބެލުމުގެ ދަށުގައި ސްކޮޓްލޭންޑްގައި ހުންނަ ބެލްމޯރަލް ގަނޑުވަރުގައި އޮންނަވަނިކޮށެވެ.
ބަކިންހަމް ޕެލަސް އިން މި ހަބަރު އާންމުކޮށް ބުނެފައި ވަނީ ރާނީގެ ހަށިކޮޅު މިއަދު ބާއްވާނީ ބެލްމޯރަލްގައި ކަމަށާއި މާދަމާގެ ވަގުތެއްގައި ލަންޑަނަށް ގެންދާނެ ކަމަށެވެ.
ކްއީން އެލިޒަބަތު 2، މި އަވާހަރަ ވީ އާލާސްކަންފުޅާ އުއްވާތާ ގިނަ ދުވަސް ވެފައި ކަމަށް ބައެއް ހަބަރުތައް ބުނާ އިރު ޝާހީ ހާންދާނުގެ ބޭބޭފުޅުންގެ ސިއްހީ މައުލޫމާތަކީ އާންމުކޮށް އާންމު ކުރާ ވާހަކަތަކެއް ނޫނެވެ. އެހެން ކަމުން ރާނީ ފަރުވާ ހޯއްދަވަމުން ގެންދެވީ ކޮން އާލާސްކަންފުޅެއްގައި ކަން ސާފެއް ނުވެއެވެ.
ރާނީ އެލިޒަބަތަކީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖު 1952 ވަނަ އަހަރު އަވަހާރަ ވުމުން ރަނިކަމާ ހަވާލުވެވަޑައިގެން އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވުމުގެ ޝަރަފު އޮތް ރާނީއެވެ. އެކަމަނާ ރަނިކަމުގައި ހުންނަވާތާ މިހާރު 70 އަހަރު ވީއެވެ.
އިނގިރޭސި ދައުލަތް ހިނގާ ގޮތުން، ވެރިކަމުގެ ބާރުގެ ތެރޭގައި ނުވަތަ ސަރުކާރު ހިންގުމުގެ ބާރުގެ ތެރޭގައި ރަސްކަމުގެ ނުވަތަ ރަނިކަމުގެ އެއްވެސް ދައުރެއް ނޯވެއެވެ. އަދި ސިޔާސީ ކަންކަމުގައި ރަސްކަމުގެ ފަރާތުން ބައިވެރިވެ ނޫޅުނަސް، ބަކިންހަމް ޕެލަސް އިން ކަމަކާ މެދު ދެކޭ ގޮތެއް ހާމަ ކޮށްފި ނަމަ، އެކަމަކަށް އެގައުމުގައި އިހުތިރާމް ލިބިގެން ދެއެވެ.
އެލިޒަބަތަކީ އިނގިރޭސި ރާނީގެ އިތުރުން އެ ރަސްކަމުގެ ދަށުގައި އޮންނަ ކޮމަންވެލްތުގެ 14 ގައުމެއްގެ ރާނީވެސް މެއެވެ. އޭގެ ތެރޭގައި ހިމެނެނީ އެންޓިގުއާ އެންޑް ބާބުޑާ، އޮސްޓްރޭލިއާ، ބަހާމާސް، ބެލީޒް، ކެނެޑާ، ގްރެނާޑާ، ޖެމެއިކާ، ނިއުޒީލަންޑް، ޕަޕާ ނިއުގިނީ، ސެއިންޓް ކިޓސް އެންޑް ނެވިސް، ސެއިންޓް ލޫސިއާ، ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނާޑިއަންސް، ސޮލޮމޮން އައިލޭންޑްސް އަދި ޓްވާލޫއެވެ.
ރާނީ އަވަހާރަ ވުމުން ދެން ރަސްކަމާ ހަވާލުވެ ވަޑައިގަންނަވާނީ އެކަމަނާގެ ދަރިކަލުން އަދި އުމުރުފުޅުން 73 އަހަރު ޕްރިންސް ޗާލްސްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ