ކަރަންޓު ދޭން އިތުރު ޓްރާންސްފޯމަރު ބަހައްޓަން ކައުންސިލުން ބިން ނުދޭ: ސްޓެލްކޯ

މާލޭގެ ހަތަރު ސަރަހައްދަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންވާ ޓްރާންސްފޯމަރުތަކެއް ބަހައްޓަން މާލޭ ސިޓީ ކައުންސިލުން ބިން ހަމަޖައްސައި ނުދޭ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މާލޭގެ ތިން ސަރަހައްދެއްގައި ބަހައްޓާފައިވާ ހަތަރު ސަބްސްޓޭޝަނެއްގައި އިތުރު ޓްރާންސްފޯމަރުތަކެއް ބަހައްޓަން ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލްގައި އެކި ފަހަރު މަތިން ސްޓެލްކޯއިން އެދިފައި ވާނެކަމަށެވެ. އެއީ ގާކޮށި، ސިނަމާލޭ 2 ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަނާއި، މަޖީދިއްޔާ ސްކޫލު ކުރިމައްޗަށްވާ ގޮތަށް ހުރި ޕާކިންޒޯނާ ދިމާލުގައި ހަދާފައިވާ ސަބްސްޓޭޝަނުގެ އިތުރުން، ވިޔަފާރިވެރިންގެ މިސްކިތާ އިންވެގެން އޮތް ޕާކިން ޒޯނުގައި ހަދާފައިވާ ސަބްސްޓޭޝަން ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެ ކުންފުނިން ބުނީ، ސިނަމާލޭ 2 ގޯތި ތެރޭގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ އޯވާލޯޑްވުމުގެ ސަބަބުން ކައިރީގައި ހުރި އެހެން ޓްރާންސްފޯމަރުތަކަށް އޭގެ ބައެއް ލޯޑް ޓްރާންސްފާ ކޮށްފައިވާ ޓްރާންސްފޯމަރެއް ކަމަށެވެ. އަދި މިހާރު އެ ލޯޑް ޓްރާންސްފާކުރި ޓްރާންސްފޯމަރުތައްވެސް އޯވާލޯޑްވުމާ ގާތަށް ގޮސްފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެހެންކަމުން، މި ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށް ބޭނުންވާ ބިން ހޯދުމަށް 2021 ވަނަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހު ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވާކަމަށް އެ ކުންފުނީގެ ބަޔާނުގައި ވެއެވެ. ނަމަވެސް އެ ސިޓީއަށް ޖަވާބެއް ނުލިބުމުން އިތުރު ސިޓީތަކެއްވެސް ފޮނުވާ، އެ ސިޓީތަކަށްވެސް ޖަވާބު ލިބިފައިނުވާ ކަމަށް އެ ބަޔާނުގައިވެއެވެ. އެ ބަޔާނުގައި ވަނީ، ވިޔަފާރިވެރިންގެ މިސްކިތާ އިންވެގެން ހުރި ޕާކިންޒޯން ހުރި ބިމުގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ 81 އިންސައްތަ ޔުޓިލައިޒްކުރެވިފައިވާ ޓްރާންސްފޯމަރެއް ކަމަށެވެ. އެހެންކަމުން އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަން ބޮޑު ކުރުމަށް ބޭނުންވާ ބިން އެތަނުން ހަމަޖެއްސައިދިނުން އެދި، ސެޕްޓެމްބަރު 13، 2021ގައި ސިޓީ ކައުންސިލަށް ސިޓީ ފޮނުވާފައި ވާނެކަމަށާއި ނަމަވެސް އެ ސިޓީތަކަށް އަދިވެސް ޖަވާބު ލިބިފައި ނުވާކަމަށް އެ ބަޔާނުގައި ވެއެވެ. "މީގެ އިތުރުން، މަޖީދިއްޔާ ސްކޫލް ކުރިމަތީ ޕާކިންޒޯން ކައިރީގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރުގެ 73 އިންސައްތަ ޔުޓިލައިޒް ކުރެވިފައިވާއިރު، އެ ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަނާ އިން ވެގެންއޮތް ހުސް ބިންކޮޅެއް ހަމަޖައްސައިދިނުމަށް 23 މެއި 2021 ގައި ވަނީ ސިޓީކައުންސިލަށް ރަސްމީކޮށް ހުށަހަޅާފައި. އަދި އެސިޓީގެ ޖަވާބު ހޯދުމަށް އޭގެ ފަހުން ފޮނުވާފައިވާ ސިޓީތަކަށްވެސް މިއަދާ ހަމަޔަށް އެއްވެސް ޖަވާބެއް ލިބިފައެއްނުވޭ،" ސްޓެލްކޯގެ ބަޔާނުގައި ވެއެވެ. ސްޓެލްކޯއިން ބުނީ، އެ ޓްރާންސްފޯމަރުތައް އަވަހަށް ނުބެހެއްޓިއްޖެނަމަ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިއަށްއޮތް ދުވަސްތަކުގައި ކަރަންޓު ކެނޑުން ފަދަ ދަތިތަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އަދި ކުރިއަށް މިއޮތް ދުވަސްތަކަކީ ހޫނު މޫސުމުގެ ދުވަސްތައް ކަމަށްވާތީ އާއި، ރޯދަމަހު މި ޓްރާންސްފޯމަރުތައް އޯވާލޯޑްވެ، ކަރަންޓު ކެނޑުންފަދަ ކަންކަން ދިމާވެދާނެތީ، މި ބިންތައް ހަމަޖެހި މި ޓްރާންސްފޯމަރުތައް ވީއެންމެ އަވަހަކަށް ބެހެއްޓުމަށް ސަޓެލްކޯއިން ބޭނުންވާކަން ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ