ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ލީޑަރުން ޖަލުގައި ހުންނެވި އެ ކޯލިޝަނުގެ އިސްލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.
ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަރުންނާ ރައީސް ޔާމީނާ ބައްދަލުވެވަޑައިގެންނެވި ކަމަށެވެ. ރައީސް ޔާމީނާ ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ނައިބު ލީޑަރުންކަމަށްވާ ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޣައްސާން މައުމޫނާއި މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަންނަވައެވެ.
ޕީއެންސީގެ ނައިބު ލީޑަރު އަދި ހުޅުމާލެ ދާއިރާގެ މާލެ ސިޓީ ކައުންސިލަރު އިބްރާހީމް ޝުޖާއާއި އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރުވެސް ހިމެނިވަޑައިގަންނަވައެވެ. އަދި މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފުވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.
ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށްފަހު އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނާ ބައްދަލުވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ ފިސާރި ގަދަކޮށް ކަމުގައިވެސް އަދުރޭ ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ އަޅުވެތިކަމަށް ބޯ ނުލައްބަވާނެކަމަށާއި، އެމަނިކުފާނަކީ މައުސޫމު ބޭފުޅެއްކަން ސާބިތުކޮށްދެއްވާނެކަމަށް ކަމުގައި އަދުރޭ ވިދާޅުވިއެވެ. އަދި އަދުރޭ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ރައްޔިތުންނަށް ކުރެއްވި އިލްތިމާސަކީ މާޔޫސްނުވެ ގަދަކޮށް ތިބުމަށް ކުރެއްވި އިލްތިމާސެވެ.
ނިމުނު ޑިސެންބަރު 25 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއެކު އެމަނިކުފާނު ހުންނެވީ މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރުމަށް ބަންދުކުރެވިފައެވެ. އެމަނިކުފާނު މިނިވަންކުރަން ގޮވައިލާ އިދިކޮޅުން އަންނަނީ ސިލްސިލާ ހަރަކާތްތަކެއް ބާއްވަމުންނެވެ.
ޕީޕީއެމްގެ ލީޑާޝިޕުން ރައީސް ޔާމީނާ ބައްދަލުކޮށްފި، ގަދަކޮށް ރައްޔިތުން ތިބުމަށް އިލްތިމާސްކުރެއްވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ