މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްސަ އިނާމަށް ނަން ދޭން ހުޅުވައިލައިފި
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްސަ އިނާމަށް ނަން ހުށަހަޅަން މިއަދު ހުޅުވައިލައިފިއެވެ. ރައީސް އޮފީހުން ބުނީ، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ އޮގަސްޓު މަހުގެ ނިޔަލަށް ހުޅުވައިލައިފައިވާ ކަމަށެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް މިއަހަރުވެސް ޚާއްސަ އިނާމު ދޭނީ ހަތަރު ގިންތިއަކުންނެވެ. އޭގެ ތެރެއިން އެންމެ ފުރަތަނަ ގިންތިއަކީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއެވެ. އެ ގިންތީގައި ހިމެނެނީ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއްގެ ނުވަތަ އަށެއްގެ ނުވަތަ ނުވައެއްގެ ސަނަދެއް ހާސިލުކުރުމުގައި މަތީ ތަޢުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒަކުންދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކެވެ. އޭގެ އިތުރުން ދެން އިނާމު ދޭ ގިންތިތަކަކީ: ރާއްޖެ ތަމްސީލުކުރުމަށްޓަކައި ބައިވެރިވާ ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަގުވާމީ މިނޫންވެސް މުބާރާތަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދައިފައިވުން ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމަށް އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށް ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން އިނާމަށް ނަން ހުށަހަޅާއިރު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ފުރިހަމަކުރުމަށް ފަހު ހުށަހެޅުމަށް، ޚާއްސަ އިނާމާބެހޭ ކޮމިޓީން އެދިފައިވެއެވެ. މިއަހަރު ޚާއްސަ އިނާމު ދިނުން އޮތީ ޖުމްހޫރީ ދުވަހު އޮންނަ ރަސްމީ ޖަލްސާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ