އަނަސް މަރާލުމުގެ ތުހުމަތުގައިވާ މީހުން ބަންދުން ދޫކޮށްލަން ނިންމި ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުން ބާޠިލުކޮށްފި

މުހައްމަދު އަނަސް މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ބަންދުން ދޫކޮށްލުމަށް ހައިކޯޓުން ނިންމި ނިންމުމަކީ ގޯސް ނިންމުމެއްކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
އަނަސްގެ މަރުގެ މައްސަލައިގައި ހައިކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުންތަކުގައި ދައުލަތުން އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމާއެކު، އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމައި، ހައިކޯޓުން ވަނީ އެ ފަރާތްތައް ބަންދުން ދޫކޮށްލުމަށް ހުކުމްކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހާމަކުރެއްވި ގޮތުގައި، ”ކުށް ސާބިތުނުވާ މައްސަލަތަކުގެ އިސްތިއުނާފު ޝަރީއަތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަކި ގޮތެއް ނިންމުމުގައި އަމަލުކުރަންޖެހޭ ގޮތް ގާނޫނުގައި ތަފުސީލީ އިބާރާތުން ބަޔާންކޮށްފައި މިހާރު އޮންނާނެ“ ކަމަށެވެ. އަދި ގާނޫނުގައި އަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައިނެތް ކަމަށް ނުބެލެވޭނެ ކަމަށްވެސް އެ ފަނޑިޔާރުގެ ރައުޔުގައި ފާހަގަކުރައްވާފައިވެއެވެ.
ފަނޑިޔާރު ރަޝީދު ހަވާލާދެއްވި ގާނޫނަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާއަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ގެނައި އިސްލާހެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓުން ބެއްލެވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި އިސްތިއުނާފުގެ މައްސަލަ ކާމިޔާބުވުމުގެ އިހްތިމާލު، މުޖުތަމަޢުގެ މަސްލަހަތު ގެއްލިދާނެ މިންވަރު އަދި ތުހުމަތުކުރެވޭ ފަރާތްތައް ފިލައިގެން ހިނގައިދާނެ ކަމުގެ ބިރު ހިމެނެއެވެ.
ސުޕްރީމް ކޯޓުގައި ބޭއްވުނު އިސްތިއުނާފީ އަޑުއެހުންތަކުގައި ދެފަރާތަށް ވާހަކަދެއްކުމުގެ ފުރުސަތު ދެވުނު ކަމަށާއި، އޭގެ ތެރޭގައި ޚުލާސާ ގޮތެއްގައި ވާހަކަދެއްކުމުގެ ފުރުސަތުވެސް ހިމެނޭކަމަށް ސުޕްރީމް ކޯޓުން ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ