އެމެރިކާ-އީރާންގެ ޞުލްޙައިގެ އެއްބަސްވުމަށް ރާއްޖޭގެ މަރުހަބާ، އެއްބަސްވުމުގި ސޮއި ކުރާނީ ހުކުރު ދުވަހު

އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ދެ ޤައުމުން އެއްބަސްވުމަކަށް އައިސްފައިވާތީ، އެ ނިންމުމަށް ދިވެހި ސަރުކާރުން މަރުޚަބާ ވިދާޅުވެއްޖެއެވެ.
މި ތާރީޚީ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުއެވެ.
ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ މި އެއްބަސްވުމުގެ ދަށުން ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ނިންމި ނިންމުމަކީ ރާއްޖެއިން ނުހަނު އުފަލާއެކު ބަލައިގަންނަ ކަމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަވެ، މުޅި ސަރަޙައްދަށް ޞުލްޙަ އާއި އަމާންކަން ލިބިގެންދާނެ ކަމަށް ރާއްޖެއިން ޤަބޫލުކުރެއެވެ.
ޚާރިޖީ ވުޒާރާގެ ބަޔާނުގައި، ދެ ޤައުމުގެ ދެމެދުގައި ހުރި ޚިޔާލުތަފާތުވުންތައް ނައްތާލުމަށް މަޝްވަރާ އާއި ޑިޕްލޮމަސީގެ މަގު ޚިޔާރުކުރުމުގައި އެމެރިކާ އާއި އީރާނުން އަދާކުރި ދައުރު ފާހަގަކުރައްވާފައިވެއެވެ.
މީގެއިތުރުން، މި މަޝްވަރާތަކަށް މަގުފަހިކޮށްދިނުމުގައި ޕާކިސްތާނާއި، ގަތަރާއި، ގަލްފްގެ ޤައުމުތަކުގެ އިތުރުން ސަރަޙައްދީ އެހެން ޤައުމުތަކުން ވީ އެހީތެރިކަންވެސް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.
މި އެއްބަސްވުމުގެ ދަށުން ލުބުނާނު ހިމެނޭހެން ހުރިހާ ސަރަޙައްދެއްގައި ކުރިއަށްދާ އަސްކަރީ ހަރަކާތްތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލަން ޖެހެއެވެ. މިއީ ސަރަޙައްދީ ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން ސިފަކުރެއެވެ.
ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އެއްގޮތަށް ޑިޕްލޮމަސީގެ އުސޫލުން މައްސަލަތައް ހައްލުކުރުމަށެވެ. އިޤްތިޞާދީ ކުރިއެރުމާއި ދެމިގެންވާ ޞުލްޙައަށް ކުރެވޭ މިފަދަ ކޮންމެ މަސައްކަތެއްގައި ރާއްޖެއިން އަބަދުވެސް ވާގިވެރިވާނެ ކަމުގެ ޔަޤީންކަން ޚާރިޖީ ވުޒާރާއިން ވަނީ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ