ސައުދީން އުރުގުއޭއާ އެއްވަރުކޮށްފި

މަޔާމީ، އެެމެރިކާ (ޖޫން 16) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސައުދީ އަރަބިއްޔާ އިން އުރުގުއޭއާ 1-1 އިން އެއްވަރުކޮށް މުހިންމު ޕޮއިންޓެއް ހޯދައިފި އެވެ. 
ގްރޫޕް އެޗްގެ ފުރަތަމަ ދެ މެޗު ވެސް ނިމިފައިވަނީ އެއްވަރުވެގެންނެވެ. ސްޕެއިނާއި ކޭޕް ވާޑް އިން އެއްވަރުވީ 0-0 އިންނެެވެ. 
މިއީ، ވޯލްޑް ކަޕެއްގައި އުރުގުއޭ އާއި ސައުދީގެ ދެ ވަނަ ކުރިމަތިލުމެވެ. އެ ގޮތުން، 2018 ވަަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުުކުރި މެޗުން އުރުގުއޭ ވަނީ 1-0 އިން މޮޅުވެފަ އެވެ. 
މަޔާމީ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ފުރަތަމަ 25 ވަރަކަށް މިނިޓްގައި އުރުގުއޭ އިން އެޓޭކަށް ޖެހިގެން ރަނގަޅު ފުރުސަތުުތަކެއް ހޯދި އެވެ. އެ ގޮތުން، އުރުގުއޭގެ މެކްސިމިލިއާނޯ އަރައުހޯ އާއި ފެޑެރީކޯ ވީނާސް ފޮނުވާލި ބޯޅަތައް ސައުދީ އަރަބިއްޔާގެ ކީޕަރު މުހައްމަަދު އަލް އުވައިސް ވަނީ މަތަކޮށްފަ އެވެ. 
މެޗު ކުރިއަށްދިޔަ ވަރަކަށް ފުރަތަމަ ހާފުގައި ސައުދީގެ ނުފޫޒު މެޗުގެ ތެރެއަށް ބޮޑުވަމުންދިޔައިރު، އެ ޓީމުން ވަނީ ލަނޑެއް ޖަހައި ލީޑުނަގައިފަ އެވެ. އެ ގޮތުން، އެ ޓީމުގެ ލަނޑު ޖެހީ ޑިފެންޑަރު، އަބްދުﷲ އަލް އަމްރީ އެވެ. މިއީ ކޯނަރަކުން ނެގި ބޯޅައަކުން، ހަސަން އަލް ބަކްތީ ބޮލުން ޖެހި ބޯޅައެއް އުރުގުއޭ ކީޕަރު ފެނާންޑޯ މުސްލޭރާ އަތުގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސަކުން އަލް އަމްރީ ކާމިޔާބުކުރި ގޯލެކެވެ. އެ ލަނޑު ޖެހުމުގެ އިރުކޮޅެއް ކުރިން، އަލް އަމްރީ ބޮލުން ޖެހި ބޯޅައެއް ކީޕަރު މުސްލޭރާ މަތަކުރި އެވެ. އެކަމަކު، މި ފަހަރު ލިބުނު ރީބައުންސް ފުރުސަތުގައި އަލް އަމްރީ ގޯލު ޖެހީ އެވެ. 
ސައުދީން ފުރަތަމަ ހާފު ލީޑުގައި އޮވެ ނިންމާލިއިރު، މިއީ، 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި ވޯލްޑް ކަޕުގައި ބެލްޖިއަމް ކައިރިން 1-0 އިން ކުރީގައި އޮވެގެން މެޗު ނިންމާލި ފަހުން، ވޯލްޑް ކަޕް މެޗެއްގައި ސައުދީން ލީޑެއް ނެގި ފުރަތަަމަ ފަހަރެވެ. އަނެއްކޮޅުން، 2010 ގެ ވޯލްޑް ކަޕްގައި ސައުތު އެފްރިކާ ކޮޅަށް ދެ ވަނަ ހާފުގައި ދެ ގޯލު ޖެހި ފަހުން، އުރުގުއޭ އަށް ވޯލްޑް ކަޕްގެ މެޗެއްގެ ވަނަ ހާފުގައި ދެ ގޯލު ޖެހިފައިނުވެ އެވެ.  
ދެ ވަނަ ހާފަށް އުރުގުއޭ އިން ދެ ބަދަލެއް ގެނެސްގެން ފެށިއިރު، އޭގެ ތެރެއިން ބަދަލަކަށް އެރި އޮގަސްޓިން ކަނޯބިއޯ ނެގި ހުރަހަކަށް އަރައި ވީނާސް ބޮލުންޖެހި ބޯޅަ ކީޕަރު އޮވައިސް މަތަކުރި އެވެ. 
މެޗުގެ 60 ވަނަ މިނިޓްގައި އުރުގުއޭގެ މެނުއަލް އުގާޓޭ އޭރިއާބޭރުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ދަނޑިއަށެވެ. ނަތީޖާ ހަމަހަމަ ކުރަން އުރުގުއޭ އިން ކުރި މަސައްކަތް ކާމިޔާބުކުރީ މެޗުގެ 80 ވަނަ މިނިޓްގަ އެެވެ. މި ލަނޑު ޖެހީ އަރައުހޯ އެވެ. އޭރިއާތެރެއިން ވީނާސް ބޮލުން ޖެހި ބޯޅަ ކީޕަރު އަލްއޮވައިސް އަތުގައި ޖެހިފައި ނުކުތް ވަގުތު އަރައުހޯ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. 
އޭގެ ފަހުން އުރުގުއޭ މޮޅުކޮށްދޭން އެ ޓީމުގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކެއް ކީޕަރު އޮވައިސް ވަނީ މަތަކޮށްފަ އެވެ. އޭގެ ތެރޭގައި ފެޑެރީކޯ ވަލްވޭޑޭ ގޯލުގެ ތިރީ ކަނަށް ފޮނުވާލި ހަަމަލާއެއް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ