މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ގައި ހިމެނޭ މޯލްޑިވްސް ޒަކާތު ހައުސްގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ބާއްވާ ޚާއްސަ ކުއިޒެއްގައި ބައިވެރިވެގެން އުމްރާ ދަތުރަކާއި އެހެނިހެން އިނާމުތައް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޒަކާތާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ކުރިއަށްގެންދާ މި "ޒަކާތު ކުއިޒް" ގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 1,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތިން ދުވަހުގެ އެކްސްޕޯ ނިމުމުން، ކުއިޒްގެ ހުރިހާ ބައިވެރިންގެ މެދުގައި ނެގޭ ގްރޭންޑް ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ލިބޭނެ ކަމަށް ޒަކާތު ހައުސްއިން މައުލޫމާތުދެއެވެ.
މި ކުއިޒް ބިނާކޮށްފައިވަނީ ޒަކާތުގެ އަސާސްތަކާއި އުސޫލުތަކުގެ އިތުރުން، ޒަކާތާ ގުޅޭ އަމަލީ ކަންކަމާއި މޯލްޑިވްސް ޒަކާތު ހައުސްއިން ފޯރުކޮށްދޭ ޚިދުމަތްތަކާއި ކުރިއަށްގެންދާ މަޝްރޫއުތަކުގެ މައްޗަށެވެ.
ޒަކާތު ހައުސްގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޒަކާތާ ގުޅޭ އެކި މައުލޫމާތުތައް ސާފުކުރުމަށް ދީނީ އިލްމުވެރިންނާ މަޝްވަރާކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން، އެ މުއައްސަސާއިން އަލަށް ފެށި "ޒަކާތު ސްކޮލަޝިޕް" ޕްރޮގްރާމާ ބެހޭ މައުލޫމާތާއި، ޒަކާތާ ގުޅޭ ފޮތްތަކާއި ލީފްލެޓްތައް ހިލޭ ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ކުރިއަށްދާނީ ޖުލައި 2 އިން 4 އަށް، ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އަށެވެ.
ފައިނޭންޝަލް އެކްސްޕޯ: ޒަކާތު ހައުސްގެ ސްޓޯލަށް ޒިޔާރަތްކޮށްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ