އައްޑޫ ކަރަންޓުގެ މައްސަލައަކީ ސަރުކާރުތަކުން ގިނަ ވައުދުތަކެއްވެ، އެ ވައުދުތަކަށް އަމަލީ ސިފަ ނުގެނެސް އޮތް މައްސަލައެއްކަމަށް ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ، އައްޑޫގައި ގިނަ މަޝްރޫއުތަކެއްގައި ސޮއިކުރެވިގެން ދިޔަ ދުވަހަކީ ތާރީޚީ ދުވަހެއް ކަމަށާއި، އެއީ އެތައް ރައްޔިތުންނެއްގެ އުންމީދުތަކާ ގުޅިފައިވާ މަޝްރޫއުތަކެއް ކަމަށެވެ.
މެމްބަރު ވިދާޅުވީ، އައްޑޫސިޓީގެ ކަރަންޓުގެ މައްސަލައަކީ އެ ސިޓީއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށާއި، އެއީ ޒަމާންވީ ބޮޑު މައްސަލައެއް ކަމަށެވެ. މިއީ ދާއިމީ ޙައްލެއް ގެންނަން ޖެހިފައިވާ އަސާސީ ކަމެއްކަންވެސް މެމްބަރު ފާހަގަ ކުރެއްވިއެވެ.
މެމްބަރު އިތުރަށް ވިދާޅުވީ، މިއީ އެކިއެކި ސަރުކާރުތަކުން ގިނަ ވައުދުތަކެއްވެސް ވެފައިވާ މައްސަލައެއް ކަމަށެވެ. ނަމަވެސް އެއްވެސް ސަރުކާރަކުން އެކަމަށް ދާއިމީ ޙައްލެއް ގެނެސްދީފައިނުވާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.
އައްޑޫ ކަރަންޓުގެ މައްސަލައަކީ ސަރުކާރުތަކުން ދިގު މުއްދަތަކަށް، ގިނަ ވައުދުތަކެއްވެ، އެ ވައުދުތަކަށް އަމަލީ ސިފަ ނުގެނެސް އޮތް ކަމެއް
އެހެންނަމަވެސް ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި މި ކުރެވެމުންދާ މަސައްކަތްތަކާއެކު މި މައްސަލައަށް ދާއިމީ ޙައްލެއް އަންނާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މީގެ އިތުރުން، އައްޑޫސިޓީ ފެނުގެ މައްސަލައަށްވެސް މެމްބަރުގެ ވާހަކައިގައި ވަނީ އަލިއަޅުވާލައްވާފައެވެ. އަދި ވިދާޅުވީ، މިހާރު އެކަން ޙައްލު ކުރުމަށްވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
ހަމައެއާއެކު، އައްޑޫސިޓީގެ ސިއްޙި ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރަންހުރި ކަންކަމާއި، އެނޫންވެސް އިތުރު ދާއިރާތަކަށް މެމްބަރު އަލިއަޅުވާލެއްވިއެވެ.
މެމްބަރު ވަނީ އައްޑޫގައި ސޮއިކުރެވިގެން ދިޔަ މަޝްރޫއުތައް ފާހަގަ ކުރައްވައި މިހާރުގެ ރައީސް ޑރ މުޙައްމަދު މުއިއްޒަށް ޝުކުރު ދަންނަވާފައެވެ.
އައްޑޫގެ ތަރައްޤީގެ މަޝްރޫއުތަކުގައި ދާދި ފަހުން ސޮއިކުރެވިފައިވާއިރު، ކައުންސިލާއި ފެނަކައާއެކު ބޭއްވި ބައްދަލުވުމުގައި އައްޑޫގެ ކަރަންޓު މައްސަލަ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ދާއިމީ ގޮތެއްގައި ޙައްލުކޮށްދޭނެ ކަމުގެ ޔަޤީންކަން ފެނަކައިން ދީފައިވާކަން ފާހަގަކޮށްލެވެއެވެ.
އައްޑޫ ކަރަންޓުގެ މައްސަލައަކީ ސަރުކާރުތަކުން ވައުދުވެ، އަމަލީ ސިފަ ނުގެނެސް އޮތް މައްސަލައެއް: ނިޒާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ