ރާއްޖޭގެ ބޮޑު ބަޔަކަށްް ޔޫޓިލިޓީ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަނަށް އެކި ސަރުކާރުތަކުން އާދަޔާ ހިލާފަށް ގިނައިން މުވައްޒަފުން ވައްދާފައި އެބަތިބި ކަމަށާއި ބައެއް ފަހަރު ޕްރޮމޯޝަނާއި މުސާރައިގެ ކުރިއެރުން ވެސް ދީފައި ވަނީ މަސްއޫލިއްޔަތެއް ނެތި "ކޮފީޝޮޕްތަކުގައި" އުޅޭ މުވައްޒަފުންނަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އަފީފް މިދިޔަ އަންގާރަ ދުވަހު ވިދާޅުވީ ފެނަކައިން މުސާރަ ދޭން ޖެހޭ 8،000 މުވައްޒަފުން މިހާރު ވެސް އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ރަަށްރަަށުގައި ކުރިން އެހެން އެކިއެކި މަސައްކަތް ކުރަން ތިބި އެކި އުމުރު ފުރައިގެ އެތައް ބަަޔަކު ހިމެނޭ ކަމަށް ވިދާޅުވި އެވެ. އެހާ ގިނަ އަދަެއްގެ މުވައްޒަފުންނާ އެކީ ހިންގޭ ވަރަށް ވުރެ ފެނަކައިގެ މާލީ ހާލަތު މާ ދަށް ކަމަށް ވެސް އާ މެނޭޖިން ޑިރެކްޓަރު އަފީފް ވިދާޅުވި އެވެ.
"ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ހުރީ ވަރަށް ގިނަ އަދަދަކަށް މީހުން ނަގާފައި. ބައެއް މީހުން ދާއިމީކޮށްފައި އަނެއްބައި މީހުން ދާއިމީ ނުކޮށް. ދެން އަނެއްކާ ބައެއް އިންޖީނުގެތަކުގައި، ފެނަކަ ބްރާންޗުތަކުގައި އެބަހުރި އިނގޭތޯ ކާޑު ޖަހަން ނުޖެހޭ ގޮތަށް ވެސް މުވައްޒަފުންނަށް،" މިދިޔަ އޭޕްރީލް 27 ގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވި އަފީފް ވިދާޅުވި އެވެ.
"ކޮންމެެވެސް ޕްރޮޖެކްޓެއްގެ ނަމުގައި ނެގުނީ އެ ރަށުގައި ހަދާ އިންޖީނުގެއެއްގެ ނަމުގައި މުވައްޒަފުންކޮޅެއް މިތިބީ ނަގާފައި، ދެން މަސައްކަތް ނުކުރެވެނީސް، ތަކެތި ނެތިގެން މަސައްކަތް ނުކުރެވޭތީ އެ މީހުން ކޮންމެހެން ކާޑުޖަހަން ވެސް އަންނާކަށް ނުޖެހޭ."
އަފީފް ވިދާޅުވި ގޮތުގައި ފެނަކައިގެ ބްރާންޗްތަކުގައި އެފަދަ މުސާރަ ދެމުން އަންނަނީ މަސް ނިމުނީމާ "ކޮންމެވެސް ގޮތަކަށް ހާޒިރީއެއް" ހަދާލައިގެންނެވެ.
ޕްރޮޖެކްޓްތަކުގެ ނަމުގައި ނަގާފައި ތިބި ގިނަ އަދަދެއްގެ މުވައްޒަފުންނަށް ބައެއް ބްރާންޗުތަކުގައި ކާޑުޖަހަން ވެސް ނުޖެހޭއިރު އަނެއްބައި ބްރާންޗުތަކުގައި އެ މީހުން ކުރަންޖެހޭ ހަމަ އެކަނި ކަމަކީ އަފީފް ވިދާޅުވި ގޮތުގައި މަސައްކަތެއް ނެތި ކާޑު ޖެހުމެވެ. އެގޮތަށް ތިބޭ މުވައްޒަފުން އަމިއްލަ އެކިއެކި މަސައްކަތްތައް ކުރާ ކަމަށާއި އޭގެ ތެރޭގައި ވިޔާނުދާ އެކި ކަންކަމަށް ދާ މީހުން އެބަ ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަފީފް ވިދާޅުވީ އެ ހުރިހާ ކަމަަކަށް ބެއްލެވުމަށް ފަހު މިހާރު ކުރައްވަމުން ގެންދަވަނީ ފެނަކަައަށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް ގެންނެވުމުގެ މަސައްކަތް ކަމަށެވެ. އެކަމުގައި އޭނާ މިހާރު ވަނީ ވަކިވަކި މުވައްޒަފުންނާ ވެސް ބައްދަލު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.
އަފީފް ވިދާޅުވި ގޮތުގައި ފެނަކައަށް އެހާ ގިނަ މުވައްޒަފުން ވައްދައި އަދި ފަހުން ވެއްދި ބައެއް މީހުންނަށް ޕްރޮމޯޝަންތައް ދީފައިވާއިރު ކުރިއްސުރެ ތިބި ޓެކްނިކަލް މުވައްޒަފުންނަށް ކުރިއެރުމެއް ދީފައެއް ނެތެވެ.
ފެނަކަ އުފެއްދުމުގެ ކުރިން ސްޓެލްކޯއިން ހިންގި އިންޖީނުގެތަކާއި ބައެއް ރަށްރަށުަގައި ރައްޔިތުން ހިންގިއިރު ތިބި މުވައްޒަފުން ވެސް ފެނަކަ އުފައްދައި އިންޖީނުގެތައް ހަވާލުކުރުމާ އެކު ބަދަލުވީ ފެނަކައަށެވެ.
"މިހެން ބަދަލުކުރެވުނު ހިދުމަތްތެރި މުވައްޒަފުން. މިސާލަކަށް އިންޖީނުގޭގެ ޑިއުޓީ ކުރާ މުވައްޒަފު ނުވަތަ ރީޑިން ނަގަން ދާ މުވައްޒަފު، ކަސްޓަމާ ސާވިސް ދިނުމަށް ކައުންޓަރުގައި އިންނަ މުވައްޒަފު ނުވަތަ މުވައްޒަފު ނުވަތަ މުވައްޒަފުންގެ މުސާރަ ހަދާ މުވައްޒަފު. މިސާލަކަށް ކަރަންޓްގެ މަސައްކަތް ކުރުމަށް ކަސްޓަމަރުންގެ ކައިރިއަށް ދާ މުވައްޒަފުން، ކަރަންޓް ކޭބަލްގެ މަސައްކަތް ކުރާ މުވައްޒަފުން އިންޖީނު އޯވަހޯލް ކުރާ މުަވައްޒަފުން، މިއީ އިންޖީނުގެ ހިންގުމުގައި ބޭނުންވާނެ މުވައްޒަފުންނަކީ،" އަފީފް ތަފުސީލް ދެއްވި އެވެ.
"އަދި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި ވެސް ހަމަ ޓެކްނިކަލް މުވައްޒަފުންނާއި އިދާރީ މުވައްޒަފުން ބޭނުންވާނެ."
އަފީފް ވިދާޅުވީ، އެ މުވައްޒަފުންނަށް ވަޒީފާ އަދި މުސާރައިގެ ކުރިއެރުމެއް ވެސް ނުލިބޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮންމެވެސް މީހަކާ ގުޅިގެން ކޮންމެވެސް ނުފޫޒަކުން ފަހުން ވަޒީފާ ދިން ބައެއް މީހުން ވައްދާފައި ތިބީ އެފަދަ ހިދުމަތްތެރި މުަވައްޒަފުންގެ މައްޗަށެވެ. އެގޮތަށް ވައްދާ މުވައްޒަފު ކުރާނެ މަސައްކަތެއް ނެތިގެން ކާޑު ޖަހާފައި "ކޮފީޝޮޕް ތަކުން" އުޅެމުން ދަނިކޮށް ޕްރޮމޯޝަން ވެސް ދީފައި ހުރީ އަފީފް ވިދާޅުވި ގޮތުގައި ހަމަ އެ މީހުންނަށެވެ.
އެގޮތަށް ކަންތައް ހިނގާފައި ވާތީ ފެނަކައިގެ ހިދުަމަތްތެރި މުވައްޒަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމާއި މާޔޫސްކަން އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވަޒީފާގެ ކުރިއެރުން ވެސް ޒިންމާއެެއް ނެތި "ކޮފީޝޮޕްތަކުގައި" ހޭދަކުރާ މުވައްޒަފުންނަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ