ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުޅޭ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި މިރޭ ރާއްޖެ އިން ކުޅުނު ފުރަތަމަ މެޗުގައި އަފްގާނިސްތާން އަތުން ބަލިވެއްޖެ އެވެ.
އަފްގާނިސްތާނުން ރާއްޖެ ބަލިކުރީ 1-0 ނަތީޖާއަކުންނެވެ. މިއީ، ރާއްޖެ އަތުން އަފްގާނިސްތާނަށް ޖެހިޖެހިގެން ލިބުނު ތިން ވަނަ މޮޅެވެ. އަދި މިއީ ގަލޮޅު ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗަކީ 2017 ވަނަ އަހަރަށްފަހު ރާއްޖެ އާއި އަފްގާނިސްތާން ބައްދަލުކުރި ފުރަތަމަ މެޗެވެ. އެ ފަހަރު ކުޅުނު އެކުވެރިކަމުގެ މެޗުގައި އަފްގާނިސްތާނުން ރާއްޖެ ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ.
ރާއްޖޭގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) އަށް އަނިޔާގެ ސަބަބުން ޑައިމަންޑް ޖުބިލީ މުބާރާތުގައި ނުކުޅެވޭއިރު، ރާއްޖޭގެ ޓީމުގެ ކެޕްޓަން، ބޭންޑް އަޅައިގެން ކުޅުނީ ހަމްޒާ މުހައްމަަދު (ހަމްޕު) އެވެ.
މިރޭގެ މެޗުގެ ފުރަތަމަ މިނިޓުން ފެށިގެންވެސް އަފްގާނިސްތާނުން ދިޔައީ އަވަސް ކުޅުމެއް ކުޅެގެން، ރާއްޖޭގެ ފަހަތަށް ބާރު ބޮޑުކުރަމުންނެވެ. އެގޮތުން މެޗުގެ ކުރީކޮޅުގައި އޯމިދު ޕޮޕަލްޒޭއަށް ލިބުނު ފުރުސަތުތައް ދިޔައީ ބޭނުން ނުކުރެވި އެވެ. ހާފުގެ ބޮޑުބައެއްގައި ރާއްޖޭން ރަނގަޅަށް ޑިފެންސް ކުރަމުން ދިޔަ އިރު، ކައުންޓާގައި ހަމަލާތަކަށް ފުރުސަތު ހޯދި އެވެ.
އެގޮތުން ކައުންޓާ އެޓޭކުގައި އިބްރާޙީމް އައިސަމް މުޅިން ހުސްކޮށްލާފައި ދިން ބޯޅައެއް، އަފްގާނިސްތާނުގެ ހާފު ތެރެއިން މުޅިން ހުސްކޮށް ހުރެ ހޯދައި، ހަމްޕު ކުރިއަށްދާން މަސައްކަތްކުރި ވަގުތު އަފްޣާނިސްތާނުގެ ކީޕަރު ފައިސަލް އަހުމަދު ހަމީދީ ފައުލްކުރި އެވެ. މި ފައުލާ ގުޅިގެން ރެފްރީ އޭނާއަށް ރީނދޫ ކާޑު ދެއްކި އެވެ.
އެ ފައުލާ ގުޅިގެން ލިބުނު ހިލޭ ޖެހުމުގައި އައިސަމް ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ، އަފްގާނިސްތާން ކީޕަރުގެ އަތުގައި ޖެހިފައި ގޯލާއި ދިމާލަށް ދިޔަ ނަމަވެސް ރޮނގު މަތިން ކަހަލަ ގޮތަކަށް ކީޕަރު ވަނީ ބޯޅަ ހުއްޓުވައިފަ އެވެ.
މެޗުގެ ދެވަނަ ހާފު ރާއްޖެއިން ފެށީ ބަދަލަކާއެކު އެވެ. ޒުވާން ތަރި އަހުޒަމް ރަޝީދުގެ ބަދަލުގައި އަލީ ފާސިރު (ސެންޓޭ) ކުޅެން އަރައި، ރާއްޖޭގެ އެޓޭކުތައް އިތުރަށް ވަރުގަދަ ކުރި އެވެ.
ހާފުގެ ހަތް ވަނަ މިނެޓުގައި ރާއްޖޭގެ ޒުވާން ފޯވާޑް، މުހައްމަދު އިލާން އިމްރާން އޭރިއާބޭރުން ޝޮޓެއް ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން، ރާއްޖޭގެ އަހުމަދު އައިހަމް (ފަތޯ)، އަފްގާނިސްތާން ޑިފެންޑަރެއް ކައިރިން ނައްޓާފައި އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.
މެޗުގައި އަފްގާނިސްތާނުން ގޯލު ޖެހީ މެޗު ނިމެން ދަނިކޮށް، 80 ވަނަ މިނެޓުގައެވެ. އަފްގާނިސްތާނަށް ގޯލް ޖަހައިދިނީ ނޯވޭގެ ހަތަރުވަނަ ޑިވިޝަނުގައި ކުޅޭ ރޯމަން ފާޒީ އެވެ. އޭނާ އެ ގޯލު ޖެހީ އޭރިއާތެރެއަށް ނެގި ހުރަހެއް ޑިފެންސްކުރަން އުޅުމުގެ ތެރޭގައި ރާއްޖޭގެ ޑިފެންޑަރުން އަތުން ދޫވި ބޯޅައެއްގެ ފައިދާ ނަގައި، ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ
އަފްގާނިސްތާނުން ލަނޑު ޖެހުމާ އެކު، ރާއްޖޭން ފަހު ބަދަލަކަށް އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އެރުވި އެވެ. މިއީ ގައުމީ ޖާޒީގައި އަޝްފާގު ކުޅުނު 100 ވަނަ މެޗެވެ.
ޑައިމަންޑް ޖުބިލީގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ބަންގްލަދޭޝްއާއި ޕާކިސްތާން އަދި އަފްގާނިސްތާނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ބަންގްލަދޭޝް އާއި ޕާކިސްތާން ވާދަކުރި އިރު، އެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ދަގަނޑޭ ގައުމީ ޖާޒީގައި 100 ހަމަކުރި މެޗުގައި އަފްގާނިސްތާނުން ރާއްޖެ ބަލިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ