ފުލުހުންގެ ގޭންގު ސަޕްރެޝަން ޔުނިޓުން މަގުތައް ބަލަހައްޓަނީ

ދިވެހި ފުލުހުންގެ ހިދުމަތުގެ ގޭންގް ކްރައިމް އެންފޯސްމެންޓުގެ ފުލުހުން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެ މަގުތައް ބަލަހައްޓަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ސޯޝަލްމީޑިއާގައި ފުލުހުން ކުރި ޕޯސްޓެއްގައި ބުނީ ކުށްތަކަށް އަރައިގަންނަ މީހުން އުޅޭ ސަރަހައްދުތަކަށް އަމާޒުކޮށްގެން ފުލުހުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެކި ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނީ ކުށް މަދު ކުރުމަށާއި ދިމާވާ މައްސަލަތަކަށް ކުރިއާލައި ހައްލު ހޯދުމުގެ އިތުރުން، ފުލުހުންގެ ހިދުމަތުގެ ތެރެއިން އާންމު ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުން ކަމަށެވެ.
ގޭންގް ކްރައިމް އެންފޯސްމެންޓުގެ ފުލުހުން މާލޭގައި ހަރަކާތްތެރިވަމުންދާއިރު، ފުލުހުންނަށް ބޮޑެތި ބާރުތައް ލިބިދޭ ގޮތަށް ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނެއް ފާސްކޮށް އެ ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ އަހަރު އެވެ.
ކޯޓު އަމުރަކާ ނުލައި މީހުން ބަލައި ފާސްކުރުމަށާއި، ހައްޔަރު ކުރުމަށާއި، އަމިއްލަ ތަނަކުން މީހަކު ހައްޔަރު ކުރުމަށް ފަހު އެ ތަނެއް ބަލައި ފާސްކުރުމަށް ހާއްސަ ބާރުތަކެއް އެ ގާނޫނުގެ ދަށުން ފުލުހުންނަށް ވަނީ ދީފަ އެވެ. އޭގެ އިތުރުން، އެއްގަމު އުޅަނދާއި ކަނޑުގައި ދުއްވާ އުޅަނދުތައް ބަލައި ފާސްކުރުމާއި، އެ އުޅަނދެއްގައިވާ މީހެއްގެ ސާމްޕަލް ނެގުމުގެ ބާރު ވެސް ފުލުހުންނަށް އެ ބިލުން ވަނީ ދީފަ އެވެ.
އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުން ނުވަތަ ހިންގުމުގެ ކުށް ކުރާ މީހަކު 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު 10 މިލިއަން ރުފިޔާ އާއި ތިން މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ ކުށް ކުރަން އެހީތެރިވާ މީހަކު 18 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު ފަސް މިލިއަން ރުފިޔާ އާއި ދެ މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް މީހުން ހޯދާ މީހަކު އެ ބިލުގެ ދަށުން 20 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު ހަތް މިލިއަން ރުފިޔާ އާއި ދެ މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެފަދަ ގްރޫޕަކަށް ކުޑަކުއްޖަކު ހޯދައިފި ނަމަ އެކަން ކުރާ މީހަކު 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު 10 މިލިއަން ރުފިޔާ އާއި ތިން މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ