އަތޮޅު ކައުންސިލް އިދާރާތައް އުވިގެން ދިއަސް އަތޮޅުތެރޭގެ ރައްޔިތުންނަށް އެކަމުގެ ސަބަބުން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އާ ކައުންސިލްތައް ހުވާކުރާ ހިސާބުން މިހާރު އޮތް އަތޮޅު ކައުންސިލް އިދާރާތައް އުވިގެންދާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ، މިހާރު އަތޮޅުތަކުގައި ހުރި ކައުންސިލް އިދާރާތަކުގެ ބަދަލުގައި ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އޮފީހެއް ގާއިމްކުރެވިގެން ދާނެ ކަމަށެވެ. އަދި މި ބަދަލާއެކުވެސް މިހާރު ކައުންސިލްތަކުން ދެމުންދާ އެއްވެސް ޚިދުމަތަކަށް ބުރޫނާރާނެ ކަމަށާއި، އައިޑީ ކާޑު ހެއްދުން ފަދަ ސަރުކާރުން ފޯރުކޮށްދޭ އެކި ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ.
”ކައުންސިލްތައް އުވުނަސް ސަރުކާރުން ގާއިމްކޮށްފައިހުރި އެކި ޚިދުމަތްތައްވެސް ފޯރުކޮށްދެވޭނެ، މުވައްޒަފުންނަށް ވަޒީފާގައި އެއްވެސް ގޮންޖެހުމެއްނެތި ވަޒީފާ އަދާކުރެވޭނެ، އަދި ރައްޔިތުންނަށް މިކަމުގެ ސަބަބުން އެއްވެސް ގެއްލުމެއް ނުލިބޭނެ“
އަތޮޅު ކައުންސިލްތަކުގެ މިލްކުވެރިކަމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އަތޮޅު ކައުންސިލްތަކަށް ނިސްބަތްވާ ވަސީލަތްތަކަކީ އަތޮޅުތަކުގެ ރައްޔިތުންގެ އެއްޗެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ. އެގޮތުން އެލްޖީއޭ އޮފީހުގެ ދަށުން އެތަކެތީގެ ރައްކާތެރިކަމާއި މިލްކުވެރިކަން އަތޮޅުތަކުގެ ރައްޔިތުންނަށް އޮންނާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ލިބޭ ފައިސާވެސް އެލްޖީއޭގެ ފަރާތުން އެ އަތޮޅެއްގެ އިދާރީ ބަޔަށް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ. އެހެންކަމުން، އިދާރީ އޮނިގަނޑަށް ބަދަލު އައި ނަމަވެސް، ރައްޔިތުންނަށް ލިބޭ ޚިދުމަތްތަކަށާއި އަތޮޅުތަކުގެ މަންފާއަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.
އަތޮޅު ކައުންސިލްތައް އުވިގެން ދިއަސް ރައްޔިތުންނަށް އެއްވެސް ގެއްލުމެއް ނުލިބޭނެ: އާދަމް ޝަރީފް އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ