ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މި ވެރިކަން ވަގުތުން ވަގުތަށް ބަދަލުކުރަން ޖެހިފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
މާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައި ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އިތުރު ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީން ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ)ގެ ކެމްޕޭން ޖަލްސާގައި ސޯލިހު ވިދާޅުވީ، 2023 ވަނަ އަހަރު ރައްޔިތުން އާ ވެރިޔަކު ހޮވީ އޭރަށް ވުރެ ރަނގަޅު ގޮތްތަކެއް ހޯދައި، އުފާވެރި މާދަމައެއް ބިނާކުރުމަށް ކަމަށެވެ. އަދި 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ސަރުކާރަށް ސުޕަ މެޖޯރިޓީ ދިނީ ވެސް ވެފައިވާ ވައުދުތައް ފުއްދުމުގެ ފުރުސަތު ދިނުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަމަވެސް، ވެރިކަމަށް ދެ އަހަރާ ބައި ވެގެންދާއިރު ގައުމު އޮތް ހާލަތު ކޮންމެ މީހަކަށް ވެސް ވަޒަންކުރެވޭނެ ކަމަށާއި، ސަރުކާރުން ވީ އެއްވެސް ވައުދެއް ފުއްދަމުން ނުދާއިރު، ހުދުމުހުތާރު ވެރިކަމަކަށް ބަދަލުވެފައިވާ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި ރިފަރެންޑަމްގެ ނަތީޖާއަށް އިޝާރާތް ކުރައްވައި ސޯލިހު ވިދާޅުވީ، ރައްޔިތުން މިހާރު ތިބީ މި ސަރުކާރު ބޭނުންވެގެން ނޫން ކަމަށެވެ. މިއީ ވަގުތުން ވަގުތަށް ބަދަލުކުރަން ޖެހިފައިވާ ސަރުކާރެއް ކަމަށާއި، އިތުރަށް ފުރުސަތު ދިން ވަރަކަށް ގައުމު ދާނީ ހަލާކުގެ ތެރެއަށް ކަމަށް އެމަނިކުފާނު އިންޒާރު ދެއްވި އެވެ.
"މިއީ ބަދަލުކުރަން ޖެހިފައި ވަގުތުން ވަގުތަށް ބަދަލުކުރަން ޖެހިފައި އޮތް ސަރުކާރެއް. މިއީ މިއަދު އަޅުގަނޑުމެން ކުރަންވީ ކަމަކީ. އެ ނޫން އެއްވެސް ކަމެއް މިއަދަކު ނެތް އަޅުގަނޑުމެން ކުރަންޖެހޭ. އިތުރަށް ފުރުސަތު ދިން ވަރަކަށް މި ގައުމު ދާނީ ހަލާކުގެ ތެރެއަށް. މިނިވަންކަން ދާނީ ގެއްލިގެން،" ސޯލިހު ވިދާޅުވި އެވެ.
ވެރިކަން ބަދަލުކުރަންޖެހޭ ކަމަށް ސޯލިހު ވިދާޅުވި ފަހުން މިރޭގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން މުއިއްޒުގެ ވެރިކަން ބަދަލު ކުރާނެ ކަމަށާއި އެކަން ކުރާނީ މަޖިލީހުގެ ތެރެއިން މުއިއްޒު އަޒުލުކޮށްގެން ކަމަށެވެ.
މިއަހަރު ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، ވެރިކަން ބަދަލުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. މި މަސައްކަތުގައި ރައީސް ޔާމީނާއި ޕީއެންސީގެ ބައެއް މެންބަރުންގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އޮތްކަން ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު މިކަމަށް ހޯއްދަވާނެ ކަމަށެވެ.
ރާއްޖޭގެ ވެރިކަން މިހާރު ބަދަލުވެފައިވަނީ ހުދުމުހުތާރު ވެރިކަމަކަށް ކަމަށާއި މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލި، ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އަސާސީ ހައްގުތަކާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަން މުޅިން ހަނިކޮށްފައިވާ ކަމަށާއި، މަޖިލީހުގެ ބާރު ކަނޑުވާލައި، ސަރުކާރާ ދެކޮޅަށް ބަސްބުނާ މީހުން ޖަލަށްލަމުންދާ ކަމަށް ވެސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ މިހާރު ހައްޔަރުކޮށްފައި ތިބި ނޫސްވެރިންނާއި، އިހުތިޖާޖުތަކުން ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލުމަށް މުއިއްޒަށް ގޮވާލައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރައީސް އޮފީހުގެ ތެރޭގައި ހިނގާ ކަންކަމުގެ ހަބަރު ފެތުރުމަކީ މިހާރު ކުށަކަށް ވެފައިވާ ކަމަށާއި، ނަމަވެސް އެތަނުގައި ހިނގާ ކޮންމެ ކަމެއް ރައްޔިތުންނަށް ސާފުކޮށް އެނގެންޖެހޭނެއެވެ.
"އެއީ އެތާ ހުންނަ ސޯފާއެއް ކަމަށް ވިޔަސް، ދިގުގޮނޑިއެއް ކަމަށް ވިޔަސް، ވަށް މޭޒެއް ކަމަށް ވިޔަސް އެ ވާހަކަތައް ހާމަވާންޖެހޭނެ،" ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވަނީ އަބްދުﷲ ސޯދިގު އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އޭނާއަކީ މަޖިލީހަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށާއި، އޭނާއަކީ އައްޑޫގެ ތަރައްގީގެ މޭސްތެރިޔާ ކަމަށް ސޯލިހު ވިދާޅުވިއެވެ.
އަބްދުﷲ ސޯދިގު މަޖިލީހަށް އިންތިހާބުވުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށް ވެސް ސޯލިހު ވިދާޅުވިއެވެ. މި މަސައްކަތުގައި އެމަނިކުފާނާއި ރައީސް ނަޝީދު އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މުއިއްޒު ވައުދުތައް އުވާލައި ހުދުމުހުތާރުވެއްޖެ، މި ވެރިކަން ވަގުތުން ބަދަލުކުރަން ޖެހޭ: ސޯލިހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ