ދުވާފަރު އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް ނިމިއްޖެ

ރ. ދުވާފަރުގައި ސަރުކާރުން ޤާއިމުކުރާ އައުޓްޑޯ ވޮލީކޯޓުގެ އަމަލީ މަސައްކަތް ނިމިއްޖެއެވެ.
މިމަޝްރޫޢަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންގޮސްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް މިހާރު ނިންމާލާފައިވާއިރު، މި އައުޓްޑޯރ ވޮލީކޯޓަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ވޮލީކޯޓެކެވެ.
ދުވާފަރު އައުޓްޑޯރ ވޮލީކޯޓުގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިކޯޓުގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރުމަހު މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
ދުވާފަރުގައި އަލަށް ތަރައްގީކުރި މިކޯޓާއެކު އެރަށުގައި މިހާރު ދެ ވޮލީކޯޓު އެބައޮތެވެ. ދުވާފަރު ކައުންސިލްގެ ސެކްރެޓެރީ ޖެނެރަލް އިސްމާއިލް އަހްމަދު ރަޝީދު ވިދާޅުވީ މިއީ ރަށުގެ ތަރައްޤީއަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށެވެ. ރަށުގެ ރައްޔިތުންނަކީ ކުޅިވަރަށް ލޯބިކުރާ ބައެއްކަމަށާ، މީގެ ކުރިން އެންމެ ކޯޓެއް އޮތުމުން ހަވީރު ވަގުތު ކުޅެން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހަނިވެފައިވާކަމަށް އޭނާ ހާމަކުރެއްވިއެވެ.
"މި ނިމުނީ ވަރަށް މުހިންމު މަސައްކަތެއް. ރަށުގެ ޒުވާނުން ވޮލީކުޅެލަން އާންމުކޮށް ނުކުންނަ ގަޑިއަކީ ހަވީރު. އެއްމެ ކޯޓެއް އޮތީމަ ދެ ޖިންސްގެ ފަރާތްތަކަށް ކުޅުމުގެ ފުރުސަތެއް ނުލިބޭ. އެހެންނަމަވެސް ރަށަށް ކޯޓެއް އިތުރުވުމުން ހުރިހާ އެންމެންނަށް ފުރުސަތު ފަހިވެއްޖެ. މިއީ ރަށަށް ލިބުނު ކުރިއެރުމެއް" އިސްމާއިލް ވިދާޅުވިއެވެ.
އަތޮޅު ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅެތި ވޮލީ ކުޅުންތެރިން ނިސްބަތްވާ ދުވާފަރުގެ ޔޫތް ޑެވެލޮޕްމެންޓަށްވެސް އަލަށް ތަރައްގީ ކުރެވުނު ކޯޓުގެ ސަބަބުން ހެޔޮ އަސަރެއްކުރާނެކަމަށް އިސްމާއިލް ވިދާޅުވިއެވެ. މިވަގުތު ސްކޫލު ކުދިން ފަރިތަކޮށްލަން އޮތީ ހަމައެކަނި ސްކޫލުގައި އޮތް އިންޑޯ ކޯޓްކަމަށްވުމުން ރަށަށް އިތުރުވި އައު އައުޓްޑޯ ކޯޓުގެ ސަބަބުން ހުނަރުވެރި އައު ޒުވާން ކުޅުންތެރިން އުފެދިގެންދާނެކަމަށް ދުވާފަރު ކައުންސިލްގެ ސެކްރެޓެރީ ޖެނެރަލް އިސްމާއިލް ވިދާޅުވެފައެވެ.
"މި ކޯޓުގެ ސަބަބުން ޔޫތް ޑެވެލޮޕްމެންޓަށްވެސް ފައިދާތަކެއް ކުރާނެ. މިވަގުތު ސްކޫލުގައި އޮތީ އިންޑޯ ކޯޓެއް. އެހެންކަމުން ސްކޫލް ކުދިިންނަށް ފަރިތަކުރާނެ އައުޓްޑޯ ކޯޓެއް ނެތުމުގެ ދަތިކަން އޮތް. އެކަމަށްވެސް ހައްލެއް މި ލިބުނީ" އެސްޖީ ވިދާޅުވިއެވެ.
ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ އާބާދީއަކަށް ހެދުމުގެ އަމާޒުގައި ސަރުކާރުން ގެންދަނީ ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންނެވެ. އެގޮތުން ކޯޓުތަކާއި ދަނޑުތަކުގެ އިތުރުން ޓްރެކްތަކުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރަމުން އަންނައިރު، މި ވަސީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި އާންމުން ހިފަމުންދާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ