ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ ވޯޓަކުން އިންތިހާބުކުރުމަކީ ބޮޑު ބަދަލުގެ އަސާސީ ސިފައެއް: ނަޝީދު

ބޮޑު ބަދަލުގައި ހުށައަޅާފައިވާ އެއް އަސާސީ ސިފައަކީ ސަރުކާރުގެ ވެރިޔާ އަކީ ރައްޔިތުންގެ ވޯޓުން އިންތިހާބުކުރުން ކަމަށް އެމްޑިޕީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ އިސްތިއުފާ ދެއްވުމާ ގުޅިގެން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވީ، އިނގިރޭސި ބޮޑުވަޒީރު އިސްތިއުފާ ދެއްވި ނަމަވެސް އެ ގައުމުގައި އާ އިންތިހާބެއް ނުބާއްވާނެ ކަމެވެ. ބޮޑު ވަޒީރަކީ އެންމެ ގިނަ މަޖިލިސް ގޮނޑި ކާމިޔާބުކުރާ ޕާޓީގެ ލީޑަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފަސް އަހަރުގެ ދައުރަކަށް ސަރުކާރު ހިންގަން ލިބިފައި އޮންނާނީ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީއަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ޕާޓީ އިސްތިއުފާ ދެއްވީމާ ނުވަތަ ޕާޓީ މެންބަރުން، ޕާޓީގެ ލީޑަރު ވަކިކުރުމުން ދެން ސަރުކާރުގެ ވެރިޔަކަށް ވާނީ ޕާޓީން ހޮވާ އާ ލީޑަރު ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޕާޓީގެ ލީޑަރަކަށް ވެވެނީ މަޖިލިސް މެމްބަރަކަށް ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ޗެއާޕާސަން ކެމްޕޭނުގައި ހުށަހެޅުއްވި ”ބޮޑު ބަދަލު“ގައި ހުށައަޅައިވާ އެއް އަސާސީ ސިފައަކީ ސަރުކާރުގެ ވެރިޔާ އަކީީ ރައްޔިތުންގެ ވޯޓު އިންތިހާބު ކުރަންޖެހޭ މީހަކަށް ވުންް ކަމަށެވެ.
ރައީސް ނަޝީދު ވަރަށް ބޮޑަށް ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރައްވާ ބޭފުޅެކެވެ. އެގޮތުން މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ ރާއްޖެއަށް ވެސް އެންމެ ކަމުދާނެ ނިޒާމަކީ ބަރުލަމާނީކަން ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ