އޮސްޓްރޭލިއާއިން މިދިޔަ އަހަރުގެ ފަހުކޮޅު ފާސްކުރި ގާނޫނާ އެއްގޮތަށް، އުމުރުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ކެނެޑާ ސަރުކާރުން ހުށަހަޅައިފި އެވެ.
ނަމަވެސް، އޮސްޓްރޭލިއާގެ ގާނޫނާ ހިލާފަށް، ކެނެޑާގެ މި ހުށަހެޅުމުގައިވާ ގޮތުން ކުޑަކުދިންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅޭކަން ސާބިތުކޮށްދީފި ނަމަ، ޓެކްނޮލޮޖީ ކުންފުނިތަކަށް މި މަނާކުރުމުން އިސްތިސްނާ ލިބުމުގެ ފުރުސަތު އޮންނާނެ އެވެ.
މި ގާނޫނުގެ ދަށުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓްތައް ރެގިއުލޭޓް ކުރުމަށާއި އިންޓަނެޓްގައި ފަތުރާ "ގެއްލުންދެނިވި މައުލޫމާތު" ހުއްޓުވުމަށް ފުޅާ ދާއިރާއެއްގައި ފިޔަވަޅުތައް އެޅުމަށް ވަނީ ހިމަނާފަ އެވެ. އަދި ޓެކްނޮލޮޖީ ކުންފުނިތަކުން މި ގާނޫނަށް އަމަލުކުރޭތޯ ބެލުމަށް ރެގިއުލޭޓަރީ އިދާރާއެއް އުފެއްދުމަށް ވެސް ވަނީ ނިންމާފަ އެވެ.
އެހެން ނަމަވެސް، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މަސައްކަތް ކުރާ ބައެއް ޖަމާއަތްތަކުން ވަނީ މީގެ ސަބަބުން ސެންސަރު ކުރުން އިތުރުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ކެނެޑާއިން މިފަދަ ގާނޫނެއް ހުށަހަޅާފައި މިވަނީ، އިންޓަނެޓްގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކުން އެ ކުދިން ރައްކާތެރިކުރުމަށް ބެލެނިވެރިންނާއި އެހެން ފަރާތްތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި އިނގިރޭސިވިލާތް ހިމެނޭހެން އެހެން ގައުމުތަކުން ވެސް މިފަދަ މަނާކުރުންތަކެއް ގެނައުމަށް ދަނީ ތައްޔާރުވަމުންނެވެ.
މި ގާނޫނު ހުށަހަޅާފައި މި ވަނީ އަންނަ ހަފުތާގައި ފްރާންސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ7 ސަމިޓުގެ ކުރިންނެވެ. މި ސަމިޓުގައި ދުނިޔޭގެ ލީޑަރުން އޭއައި އާއި އިންޓަނެޓްގެ ޒަރީއާއިން ކުޑަކުދިންނަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށް، ބަޔާންތައް ނެރޭނެ ކަމަށް ބެލެވެ އެވެ.
"ސޭފް ސޯޝަލް މީޑިއާ އެކްޓް" ގެ ނަމުގައި ކެނެޑާއިން ހުށަހެޅި މި ބިލު، އެ ގައުމުގެ ހައުސް އޮފް ކޮމަންސްއަށް ބުދަ ދުވަހު ހުށަހެޅުއްވީ ކަލްޗާ މިނިސްޓަރު މާކް މިލާ އެވެ.
މި ހަފުތާގެ ކުރީކޮޅު މިލާ ވިދާޅުވީ، އިންޓަނެޓްގެ ސަބަބުން ލިބޭ ގެއްލުންތަކަށް ހައްލެއް ހޯދުމަށް ގާނޫނެއް ފާސްކުރުމަކީ ކެނެޑާ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. އެއީ މިކަމުގެ ސަބަބުން "ކުޑަކުދިން މަރުވަމުންދާތީ" ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން މިލާ ވިދާޅުވީ، ކެނެޑާގެ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅާނެ އެވެ.
ކެނެޑާގެ ކުރީގެ ލިބަރަލް ސަރުކާރުން އިންޓަނެޓްގެ ރައްކާތެރިކަމާ ގުޅޭ ގާނޫނެއް ތަންފީޒުކުރުމަށް ދެ ފަހަރެއްގެ މަތިން ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެން، މިފަދަ ގާނޫނެއް ފާސްކުރުމަށް އެ ގައުމުގެ ސަރުކާރަށް އޮތް ފިއްތުންތައް ވަނީ ބޮޑުވެފަ އެވެ.
ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު، އިނގިރޭސިވިލާތުގެ "އޮންލައިން ސޭފްޓީ އެކްޓް" ގެ އިތުރުން ފްރާންސާއި ނިއުޒީލެންޑުން ވެސް ވަނީ މިފަދަ ގާނޫނުތަކަށް މިހާރު އަމަލުކުރަން ފަށާފަ އެވެ.
ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަން ކެނެޑާއިން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ