ވަކި އުޞޫލެއްގެ ދަށުން ސްޓޫޑެންޓް ލޯން މަޢާފްކޮށްދޭވޭނެ ގޮތްތަކެއް ހަދަނީ

މަތީ ތަޢުލީމާއި ތަމްރީން ހާސިލްކުރުމަށްޓަކައި ސަރުކާރުން ދޫކުރައްވާފައިވާ ސްޓޫޑެންޓް ލޯނު ވަކި އުޞޫލެއްގެ ދަށުން މަޢާފްކޮށްދެވޭނެ ގޮތްތަކެއް ހަދަމުން އަންނަކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ގަލޮޅު ކަންމަތީގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި މާލޭގެ ގެތަކަށް ކުރާ ޒިޔާރަތުގައި، މާކުރިން ނަގާފައި ހުރި ސްޓޫޑެންޓް ލޯނުތަކެއް ދެއްކުމުގައި ހުރި ދަތިތަކުގެ ވާހަކަތައް ބައެއް ޒުވާނުން ހިއްސާކުރި ކަމަށެވެ.
އެގޮތުން ސްޓޫޑެންޓް ލޯނު ދެތިން ހަތަރު ފަހަރަކު ނުދެއްކުމުގެ ސަބަބުން ކޯޓާއި ހިސާބަށް ހިނގައިދާނެ ކަމުގެ ކަންބޮޑުވުން އެ ޒުވާނުން ފާހަގަކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސް ޞާލިހް ވަނީ އެކަމާ ކަންބޮޑުނުވުމަށް ދަރިވަރުންނަށް އެދިވަޑައިގެންފައެވެ.
"ދަންނަވަންތޯ އެކަމާ ކަންބޮޑުވެވަޑައިނުގަންނަވަން އަޅުގަނޑު ދަންނަވަން. އަޅުގަނޑުމެން މިދަނީ ސްޓޫޑެންޓް ލޯނު ވަކި އުސޫލެއްގެ މަތިން މައާފުކުރެވޭނެ ގޮތްތަކެއް ހަދަމުން. އެހެން ތިބި ހުރިހާ ކުދިންނަށް އަޅުގަނޑުމެން އިރާދަކުރެވިއްޔާ އެ ލުދި ދޭނަން" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.
ކުރިއަށް އޮތް ދައުރުގައި އެމް.ޑީ.ޕީގެ މެނިފެސްޓޯގައި ވަނީ ރާއްޖެއިން ބޭރުން ކުދިން ކިޔަވަން ރާއްޖެ އައުމަށް ބާރުއެޅުމުގެ ގޮތުން ސްޓޫޑަންޓް ވިސާ ތައާރަފްކުރުމާއި، ބޮންޑް ގާނޫނަށް އަމަލުކުރުން ހުއްޓާލުމަށް ހިމަނާފައެވެ. އަދި ލޯނު އެހީގެ އުޞޫލު މުރާޖައާކޮށް، ކަނޑައެޅޭ މިންގަނޑެއްގެ ތެރެއިން ލޯނު ދައްކަން އޮންނަ މިންވަރެއް މަޢާފުކުރަންވެސް ހިމަނާފައިވެއެވެ.
މަތީ ތަޢުލީމާއި ތަމްރީން ފޯރުކޮށްދިނުމަށް ސަރުކާރުން ކޮންމެ އަހަރެއްގައިވެސް ބޮޑު ބަޖަޓެއް ކަނޑައަޅުއްވައެވެ. އަދި އެންމެ ފަހުން ސަރުކާރުން ހުޅުވާލި ފުރުޞަތުގައި ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން ސްޓޫޑެންޓް ލޯނުގެ އިންޓަރެސްޓް ރޭޓް ކުޑަކޮށް ލޯނު ދެއްކޭނެ މުއްދަތުވެސް އިތުރުކުރެއްވިއެވެ. އަދި އެދަރިވަރަކު ބޭނުން ޤައުމަކަށް ކިޔަވަންދެވޭނެ ގޮތްވެސް ވަނީ ހައްދަވާދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ