އަދާލަތު ޕާޓީއަށް ރައީސަކު ހޮވުމަށް އޮންލައިންކޮށް ވޯޓުލާން ފަށައިފި
އަދާލަތު ޕާޓީގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބު އޮންލައިންކޮށް މިއަދު ފަށައިފިއެވެ. އެ އިންތިޚާބުގެ ވޯޓުލުން ހެނދުނު 09:00ގައި ފަށާފައިވާއިރު، ވޯޓު ލުން ކުރިއަށް ދަނީ ފަހި ވޯޓު އޮންލައިން އެޕްލިކޭޝަން މެދުވެރިކޮށެވެ. އެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދާނީ، މިއަދު 15:00އަށެވެ. އަދާލަތު ޕާޓީގެ ރައީސަކު ހޯވުމުގެ ވޯޓުލުން ކުރިއަށްދާއިރު، އެ އިންތިޚާބުގައި ވޯޓު ލާނެ ގޮތަކާ މެދު އެޕާޓީގެ ތެރޭގައި އޮތީ ޚިޔާލު ތަފާތުވުން އުފެދިފައެވެ. މިގޮތުން، އެ އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓުމަށް އެދިވަޑައިގެން މިމަހު 11ގައި، އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވި ޑރ. އިކްރާމް އަބްދުއްސައްތާރު ވަނީ ސިޓީއެއް ހުށަހަޅާފައެވެ. އެކަމަކު، އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ޕާޓީގެ އެތެރޭގެ އިންތިޚާބުތަކަށް ހަދާފައިވާ ގަވާއިދުން ޖާގަ ނުދޭ ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ. އޭގެފަހުން، އިކްރާމް ނެރުއްވި ބަޔާނެއްގައި ވަނީ، އިންތިޚާބާ ގުޅިގެން ހުރިހާ ކަމެއް ކުރަމުން ދިޔައީ، ދެފުށްފެންނަ ޢަދުލު އިންސާފުގެ އުސޫލުތަކާ ޚިލާފަށް ކަމަށް ތުހުމަތުކުރައްވައި، އަދާލަތު ޕާޓީގެ ރައީސަކު ހޮވާ އިންތިޚާބު ބޮއިކޮޓު ކުރާނެ ކަން ހާމަކުރައްވާފައެވެ. އަދި، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓުން އިކްރާމް ވަނީ ނަން ނަންގަވާފައެވެ. https://sun.mv/216911 ތަކުރާރުކޮށް އެދުމުން ވެސް ވޯޓުފޮށި ބަހައްޓައިގެން ޕާޓީގެ ޢާއްމު މެންބަރުން ތާއީދުކުރާ ކެންޑިޑޭޓަކަށް ވޯޓުލުމުގެ ޙައްޤު މެންބަރުންނަށް ނުދިނުމަށް ޕާޓީން ނިންމާފައިވާ ކަމަށް އިކްރާމް ވިދާޅުވިއެވެ. އިކްރާމުގެ އިތުރަށް، ދެން އަދާލަތު ޕާޓީގެ ރައީސަކަށް ވާދަކުރައްވަނީ، އެ ޕާޓީގެ ނައިބު ރައީސް ޝެއިޚު މުހައްމަދު ޝިފާނެވެ. އޭގެތެރެއިން، ޝެއިޚް ޝިފާން ވާދަކުރައްވަނީ މިހާރު އެޕާޓީގެ ރައީސް އިމްރާން އަބްދުاللهއާއި ޝެއިޚް އިޔާޒް އަބްދުއްލަތީފާއި ޝެއިޚް އިލްޔާސް ހުސައިންގެ ތާއީދާއެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ