އާސަންދައިން ބިލްތައް ނުދައްކާ އޮތް ލަންކާ ހޮސްޕިޓަލުން އާސަންދަ ޚިދުމަތް ކަނޑާލައިފި

ގައުމީ ސިއްހީ އިންޝުއަރެންސްގެ ނިޒާމު، އާސަންދައިން ލަންކާ ހޮސްޕިޓަލަށް ދައްކަންޖެހޭ ބިލުތަކަށް ބޮޑު އަދަދެއްގެ ފައިސާ ނުދައްކާ އޮތުމުގެ ސަބަބުން އެ ހޮސްޕިޓަލުން ދެމުންއައި އާސަންދައިގެ ޚިދުމަތް މެދުކަނޑާލައިފިއެވެ. 'ސަން' އަށް އެނގިފައިވާ ގޮތުގައި ލަންކާ ހޮސްޕިޓަލްގެ ބިލުތަކަށް އާސަންދައިން ދޭންޖެހޭ ވަރަށް ބޮޑު އަދަދެއް އޮތީ ނުދައްކައެވެ. އެގޮތުން 70 މިލިއަނެއްހާ ރުޕީސް، އެ ހޮސްޕިޓަލަށް ނުދައްކާ އޮތްކަން ވަނީ އެނގިފައެވެ. އެއާއެކު އާސަންދައާއި ލަންކާ ހޮސްޕިޓަލާ ދެމެދު ހަދާފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވުމާއެކު، ދެކޮޅުން ވާހަކަ ދައްކައިގެން ވެސް އެއްބަސްވުމަކަށް ވަނީ ނާދެވިފައެވެ. އެއާއެކު ލަންކާ ހޮސްޕިޓަލުން ވަނީ އެ ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަތް ކަނޑާލައިފައެވެ. ގާތްގަނޑަކަށް 1،800 އެއްހާ ދިވެހީން ދިރިއުޅޭ ލަންކާއިން އާސަންދައިގެ ޚިދުމަތް ދެމުންދަނީ ލަންކާ ހޮސްޕިޓަލާއި، ލަންކާ ދޫރުދަންސް ހޮސްޕިޓަލުގެ އިތުރުން ނަވަލޯކާ ހޮސްޕިޓަލުންނެވެ. ލަންކާ ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަތް މެދުކަނޑާލިއިރު, އެ ގައުމަކީ 'މެރަނާ'ގެ ދަށުން އެ ގައުމުގައި ދިރިއުޅޭ ދިވެހީންގެ ބޭސްފަރުވާއަށް އާސަންދަ ދޭ ގައުމެކެވެ. https://www.sun.mv/216365 އޮޑިޓް އޮފީހުން އިއްޔެ ހާމަ ކުރި ތަފާސްހިސާބުތަކަށް ބަލާއިރު 2019 އިން 2014 އަށް އާސަންދައިން ވަނީ 35.8 ބިލިއަން ރުފިޔާ ބޭސްފަރުވާއަށް ހޭދަކޮށްފައެވެ. މިހާ ބޮޑު ހޭދައެއް ކޮށްފައިވާއިރު އެ ސްކީމު ހިންގަމުން އަންނަނީ ދެކޮޅު ޖެހޭ ގޮތަކަށް ނޫންކަން ފާހަގަކޮށް ގިނަ ކަންތައްތަކެއް އިސްލާހު ކުރަން އޮޑިޓާ ޖެނެރަލް ވަނީ ލަފާ އަރުވައިފައެވެ. އޭގެ ތެރޭގައި ހަމަ އެކަނި ނިކަމެތިންނަށް އެ ހަރަދު ކޮށްދިނުމާއި ރާއްޖޭން ބޭރުން އާސަންދަ ހޯދާއިރު ކޯ ޕޭމަންޓެއް ނެގުންފަދަ ކަންކަން ހިމެނެއެވެ. ދައުލަތަށް ބުރައަކަށް ވެފައިވާ އާސަންދަ އިސްލާހު ކުރަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލަފާ ދޭތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް މި ސަރުކާރުން ވެސް އެކަން ކުރާކަށް އަދި ނޫޅެއެވެ. އޭގެ ބަދަލުގައި މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިލިޕީންސްއިން ވެސް އާސަންދަ ދޭން ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ