ހިރިމަރަދޫގެ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަކީ މިވަގުތަށް ދަޢުލަތުން ކޮންމެހެން ކޮށްދޭންޖެހޭ ކަމެއްކަމަށާއި، ނަމަވެސް އެއާއެކީގައި ހަނިމާދޫގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މަސައްކަތްތަކަށްވެސް ސަރުކާރުން ޚާއްސަ އިސްކަމެއް ދޭ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ހިރިމަރަދޫގެ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ނިންމެވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 30ވަނަ ދުވަހުއެވެ.
މިހާރު ހިރިމަރަދޫ ރައްޔިތުންގެ އިދާރީ ދާއިރާއަކީވެސް ހަނިމާދުއެވެ. އެންމެ ފަހުގެ ލޯކަލް ކައުސިލް އިންތިޚާބުގައި ހިރިމަރަދޫގެ ރައްޔިތުން ވޯޓުލާފައިވަނީ ހަނިމާދޫގެ ކައުންސިލް ހޮވުމަށެވެ.
މީހުން ބަދަލުކުރާއިރު، މިހާރު ގޯތި ގެދޮރު އެރަށުގައި ހުރި ކޮންމެ ރައްޔިތަކަށް ހަނިމާދޫން ގޯއްޗެއް ހަމަޖައްސާނެއެވެ. ބޯހިޔާވަހިކަން ދޭނީ 3 ކޮޓަރީގެ ގެތައް އިމާރާތްކޮށްފައެވެ.
މިކަމުގެ ޢަމަލީ މަސައްކަތްތައް މިހާރު ހަނިމާދޫގައި ފަށާފައިވާއިރު، ހަނިމާދޫ ރައްޔިތުންގެ ކަންބޮޑުވުމަކީ ހަނިމާދޫގެ ރައްޔިތުންނަށް ޚާއްސަކޮށް ފެށި ބޯހިޔާވަހިކަމުގެ ބައެއް މަޝްރޫޢުތައް ހުއްޓިފައިވުމެވެ. ނޫމަޑިއާ ހަވާލުކޮށް ހަނިމާދޫގައި 100 ހައުސިން ޔުނިޓްގެ މަސައްކަތް ފެށީ 2011ވަނަ އަހަރުއެވެ.
ފަހުން 2021ވަނަ އެ މަސައްކަތް ދޮންވޭސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރިއެވެ. ހަނިމާދޫގައި 100 ހައުސިން ޔުނިޓްގެ މަޝްރޫޢަށް ބިޑް ކުރި އަނެއް ކުންފުނި، އެސްޖޭ ކޮންސްޓްރަކްޝަންއިން ކޯޓަށް ހުށައެޅި މައްސަލައަކާ ގުޅިގެން މިހާރު އަނެއްކާވެސް މި މަސައްކަތްވަނީ ހުއްޓިފައެވެ.
މިމައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވީ މިމަޝްރޫޢަށް އޭރު އެޑްވާންސް ފައިސާވެސް ދޫކުރިކަމަށެވެ.
ވަޒީރު ވިދާޅުވީ މިމަޝްރޫޢުގެ މަސައްކަތް އަލުން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންންކަމަށެވެ. އެގޮތުން އެސްޖޭ ކުންފުންޏާއެކު ކޯޓުން ބޭރުން އެއްބަސްވުމަކަށް (އައުޓް އޮފް ސެޓްލްމަންޓް) ގޮސް، އެސް.ޖޭއާއި މަސައްކަތް ހަވާލުކޮށްގެން ކުރިއަށްގެންދެވޭނެ ގޮތެއް އޮތްތޯ މަސައްކަތް ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.
"ލީގަލީ އެކަން ކުރެވެންޏާ އެސްޖޭއިން ތިބީ މަސައްކަތް ފަށަން. އެގޮތަށް މަސައްކަތް ފެށޭތޯ ދަނީ ބަލަމުން. އިތުރު ބިޑަކަށް ދިއުމުގެ ބަދަލުގައި." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ހިރިމަރަދޫ ރައްޔިތުން މިހާރު ތިބީ ހަނިމާދޫގެ އިޙުތިޞާސްގައިކަމަށްވާތީ، އެމީހުންނަށް މިހާރުން މިހާރަށް ބޯހިޔާވަހިކަން ދިނުމަކީ ދަޢުލަތުން ކޮށްދޭންޖެހޭ ކަމެއް ކަމަށެވެ. އެމީހުން ބަދަލުވާން ނިންމާފައިވަނީ އަމިއްލަ ބޯހިޔާވަހިކަން ދޫކޮށްލާފައިކަމަށެވެ.
ހިރިމަރަދޫގެ ރައްޔިތުން 18 މަސް ދުވަހުގެތެރޭގައި ހަނިމާދުއަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެކެވެ. 500އަށް ވުރެ ބޮޑު އާބާދީއެއް ރަޖިސްޓްރީކޮށްފައިވާ ހިރިމަރަދޫގައި ދިރިއުޅެނީ 200އެއްހާ މީހުންނެވެ.
"ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުމަށް ހަނިމާދޫގައި ގެތައް އަޅާ ސަރަޙައްދު ހުސްކުރުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުން. ގިނަ އަދަދަކަށް ރުއްގަސް ހުރި ސަރަޙައްދަކަށްވުމުން، އީއައިއޭގެ މަސައްކަތް ކުރިއަށްދަނީ." ވަޒީރު ޑރ.މުއްޠަލިބު ވިދާޅުވިއެވެ.
ހިޖުރަކުރާ ހިރިމަރަދޫގެ ރައްޔިތުންނަށް 100 ރޯހައުސް ހަނިމާދޫގައި ތަރައްޤީކުރެއެވެ.
ވަޒީރު ވިދާޅުވީ ހަނިމާދޫގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކުރުމަށް ސަރުކާރުން ރާވާފައިވާކަމަށެވެ. ޚާއްސަކޮށް އައު އިންޓަރނޭޝަނަލް އެއާޕޯޓާއެކު، ހަނިމާދުއަކީ ބޮޑެތި ކުރިއެރުންތައް އަންނަ ތަނަކަށް ވާނެކަމަށެވެ.
ހަނިމަދުއަކީ ސަރުކާރުން އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާ ރަށެކެވެ. ވަޒީރު ވިދާޅުވީ ހަނިމާދޫގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަސައްކަތްތަކަށްވެސް ސަރުކާރުން އިސްކަން ދޭ ކަމަށާއި، އެ މަސައްކަތްތައް ހަނދާން ނައްތާނުލާކަމަށެވެ.
ފްލެޓު ކޮންސެޕްޓަށް ތަރައްޤީކުރާ އެޕާޓްމަންޓާއި، އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 500 ހައުސިންގ ޔުނިޓުއެޅުމަކީ ސަރުކާރުގެ ޢަމާޒެވެ.
ހަނިމާދުއަށް މީގެކުރިންވެސް ބައެއް ރަށްރަށުގެ ކުދި އާބާދީތައް ވަނީ ބަދަލުކޮށްފައެވެ. އެގޮތުން އަހަރުތަކެއް ކުރިން، ހއ. ހަތިފުށި، ހދ. ހޮނޑައިދޫ އަދި ފަރިދޫގެ އިތުރުން ޅ. އަތޮޅު މާފިލާފުށީގެ ރައްޔިތުން ހަނިމާދުއަށްވަނީ ބަދަލުކޮށްފައެވެ.
ހަނިމާދޫގެ އާބާދީ 3000އާ ގާތްކުރެއެވެ.
ހަނިމާދޫގައި ހުއްޓިފައިވާ ހައުސިން މަޝްރޫޢަށް ޙައްލެއް ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ