އަބްދުﷲ ހަމީދުގެ މޫނު ބަލަން ގިނަ ބަޔަކު ޖަމާވެއްޖެ

ސަރުކާރުގެ މިނިސްޓަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އަބްދުﷲ ހަމީދުގެ މޫނު ދެކުމަށް އެތައް ސަތޭކަ ބަޔަކު އިސްލާމީ މަރުކަޒަށް މިއަދު ޖަމާވެއްޖެ އެވެ.
މިއަދު މެންދުރުގެ ވަގުތެއްގައި އައި އިންޑިއަން އެއާލައިންސްގެ ފްލައިޓަކުން އަބްދުﷲ ހަމީދުގެ ހަށިކޮޅު ވަނީ މާލެ ގެނެސްފަ އެވެ. އަދި އެއަށް ފަހު އިސްލާމީ މަރުކަޒަށް ގެންގޮސް، މޫނު ދެއްކުން ފަށާފައި ވަނީ މިއަދު މެންދުރު 2:30 އެހާކަން ހާއިރު އެވެ. އެ މަރުހޫމަށް ތައުޒިޔާ ދެންނެވުމަށާއި އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށް އެއްވި މީހުން ގިނަ ކަމުން ކިޔޫ ވަރަށް ދުރަށް ދެމިފައި އޮތެވެ.
ހަށިކޮޅު އެއާޕޯޓަށް ގެނައުމުން އެތަނުން އާއިލާގެ މީހުންނަށް ތައުޒިޔާ ވިދާޅުވީ އަބްދުﷲ ހަމީދުގެ އެއްބަޑު އެއްބަފާ ބޭބޭ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. ރައީސް ޔާމީން ވަނީ ހަށިކޮޅު މާލެ ގެނައި ވަގުތު، ރަސްމީ ފާލަން އިއްޒުއްދީނަށް ވަޑައިގެން ތައުޒިޔާ ވިދާޅުވެފަ އެވެ. އަދި އިސްލާމީ މަރުކަޒަށް ވަޑައިގެން އާއިލާއަށް ތައުޒިޔާ ވިދާޅުވި އެވެ.
އަބްދުﷲ ހަމީދަކީ މައުމޫން އަބްދުލް ގައްޔޫމުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅުގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ އެއްބަފާ ބޭބެ އެކެވެ.
މައުމޫނުގެ ވެރިކަމުގައި އަބްދުﷲ ހަމީދު ވަނީ އެޓޯލްސް މިނިސްޓަރު ކަމުގެ މަގާމާއި އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަގާމު އަދި މަޖިލީހުގެ ރައީސްކަން ވެސް ގިނަ ދުވަސްތަކެއްވަންދެން ކުރައްވައިފަ އެވެ. މައުމޫނުގެ ޒަމާންވީ ވެރިކަމަށް ފަހު ސްރީލަންކާގައި ދިރިއުޅުއްވި ނަމަވެސް 2013 ވަނަ އަހަރު ދިރިއުޅުން ރާއްޖެ އަށް ބަދަލުކުރެއްވި އެވެ.
ކުއްލިގޮތަށް އިއްޔެ އަވަހާރަވެފައި ވަނީ ހިތްހުއްޓިގެންނެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 76 އަހަރެވެ. އަބްދުﷲ ހަމީދު ފަސްދާނުލުމަށް ހަމަޖެހިފައި ވަނީ ރަސްމީ އިއްޒަތުގައި މިރޭގެ އިޝާނަމާދަށް ފަހު އެވެ.
ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވަންދެން ދައުލަތަށް ހިދުމަތްކުރެއްވި އަބްދުﷲ ހަމީދުގެ މޫނު ދެއްކުން އޮންނާނީ މިއަދު މެންދުރު ފަހު އެއްގަޑި ސުންމިނެޓުން ފެށިގެން އިރުއޮއްސި ހަތެއް ޖަހަންދެންއާ ހަމަ އަށެވެ.
ކަށު ނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ