ދޮގު އިލްޒާމު އަޅުވާނަމަ އެކަން ބެލެންވާނެ: ހަލީލް

މިނިވަން ނޫސްވެރިކަމުގެ ނަމުގައި، ބައެއް ނޫސްވެރިން އެތައް ބައެއްގެ ބޮލުގައި ދޮގު އިލްޒާމް އަޅުވާނަމަ އެކަން ބެލެން ވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލް ވިދާޅުވީ މިނިވަން ނޫސްވެރިކަމުގެ ނަމުގައި، ބައެއް ނޫސްވެރިން އެތައް ބައެއްގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި، މުޖުތަމަޢު ތެރޭގައި ނަފްރަތާއި ފަސާދަ އުފައްދަމުން ދާއިރު އެކަންކަން ބެލެން ވާނެ ކަމަށާއި މިފަދަ މަދު "ނޫސްވެރިން"ގެ ސަބަބުން މުޖްތަމަޢުގައި އޮންނަންޖެހޭ އަދަބު އަޚްލާގު ގެއްލި، އެކަކު އަނެކަކާ މެދު އޮންނަ އިތުބާރު ގެއްލެން މެދުވެރިވާ ކަމަށެވެ.
"މިފަދަ މަދު ނޫސްވެރިން ގެ ސަބަބުން މުޅި ނޫސްވެރިކަމުގެ ޕްރޮފެޝަންއަށް ހުތުރު ނަމާއި ބަސްތައް އަމާޒުވޭ،" ހަލީލް ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ މިފަދަ ވިޔާނުދާ ކަންކަން ނޫސްވެރިކަމުގައި ދިމާވަނީ، ރާއްޖޭގައި ނޫސްވެރިއަކަށް ވުމަށް އެއްވެސް މިންގަނޑެއް، ޝަރުތެއް އަދި ފުރިހަމަ ކުރަންޖެހޭ ތަމްރީނެއް ވެސް ނެތުމުން ކަމަށެވެ.
"ގައުމެއްގެ ހަތަރުވަނަ ބާރަކީ ނޫސްވެރިކަން ކަމަށް ބުނެއުޅޭއިރު، އެބާރުގެ "ވަޒީފާ"ގައި ތިބެންވާނީ ވެސް އެކަށީގެންވާ ތަމްރީނުލިބިފައިވާ، ކަނޑައެޅޭ ޝަރުތު ތަކެއް ފުރިހަމަވާ ހުނަރުވެރިން،" އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ހަލީލް ވަނީ ޒިންމާދާރު، މިނިވަން ނޫސްވެރިކަމަކީ ގައުމުގެ އިޖްތިމާއި ފޭރާމުގެ މުހިންމު ގުނަވަނެއް ކަމަށްވެސް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ