އެމެރިކާ އާއި އީރާނުގެ މަޝްވަރާތަކަށް ތައްޔާރު: ޕާކިސްތާނު

ސައުދީ އަރަބިއްޔާ، މިސްރު އަދި ތުރުކީއާ އެކު އިސްލާމްއާބާދުގައި އިއްޔެ ބޭއްވި ސަރަހައްދީ ބައްދަލުވުންތަކަށް ފަހު، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް ނިމުމެއް ގެނައުމަށްޓަކައި އެމެރިކާ އާއި އީރާނާ ދެމެދު ބާއްވާ ނަތީޖާ ނެރެވޭ ފަދަ މަޝްވަރާތަކަށް މަގުފަހިކޮށްދިނުމަށް އެ ގަމު ތައްޔާރަށް އޮތް ކަމަށް ޕާކިސްތާނުން ބުނެފި އެވެ.
ޕާކިސްތާނުގެ ހާރިޖީ ވަޒީރު އިސްހާގް ދާރު ވިދާޅުވީ، މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދާއިމީ ހައްލެއް ހޯދުމުގެ މައްޗަށް ކަމަށެވެ. އަދި މި މައްސަލައިގައި އޮތް ހަމައެކަނި ކާމިޔާބު މަގަކީ ވާހަކަދެއްކުމާއި ސުލްހަވެރި ހާރިޖީ ސިޔާސަތު އިސްކުރުން ކަމަށް ބައްދަލުވުމުގައި ބައިވެރިވި ހާރިޖީ ވަޒީރުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"ދެ ފަރާތުގެ މެދުގައި ބާއްވާ މާނަހުރި މަޝްވަރާތަކަށް މަރުހަބާ ކިޔައި، އެކަމަށް މަގުފަހިކޮށްދިނުމަކީ ޕާކިސްތާނަށް ލިބޭނެ ޝަރަފެއް،" އިސްހާގް ދާރު ވިދާޅުވި އެވެ.
ނަމަވެސް، މި މަޝްވަރާތަކުގައި ވޮޝިންޓަނާއި ތެހެރާނުން ބައިވެރިވާނެކަން ނުވަތަ ނޫންކަން އަދި ކަށަވަރެއް ނުވެ އެވެ.
މީގެ އިތުރުން، މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ވިޔަފާރި އާއި ހަކަތައިގެ ވަސީލަތްތަކާއި ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ މެދު އޮފިޝަލުން ވަނީ އިންޒާރު ދެއްވާފަ އެވެ.
ސަރަހައްދީ މަޝްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވަނީ މަޝްވަރާ ކުރައްވާފަ އެވެ. މިއާ އެކު، ހާރިޖީ ގޮތުން މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ޕާކިސްތާނުން ދަނީ މުހިންމު މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ