އިރާންގެ އިގްތިސާދު އިސްލާހުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށް އެގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.
ޕެޒެޝްކިއާން މިހެން ވިދާޅުވެފައިވަނީ، ތަކެތީގެ އަގުބޮޑުވުމާއި އިގްތިސާދީ ދަތިތަކާ ގުޅިގެން މުޅި އިރާންގައި މުޒާހަރާތައް ކުރިއަށްދާތާ ދެ ހަފުތާ ވެފައިވަނިކޮށެވެ.
އާދިއްތަ ދުވަހު ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޕެޒެޝްކިއާން ވިދާޅުވީ، ގައުމުގެ އިގްތިސާދީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް، މި ހަމަނުޖެހުންތަކުގެ ފަހަތުގައި އޮތީ އެމެރިކާ އާއި އިޒްރޭލުން ތަމްރީނުކޮށްފައިވާ "ޓެރަރިސްޓުން" ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިވޭ ކަމަށާއި، އެހެންނަމަވެސް "ހަމަނުޖެހުން ހިންގާ މީހުންނަށް" ގައުމު ހަލަބޮލިކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވިއެވެ.
"އެހެންވެ، ޓެރަރިސްޓުންނާއި ހަމަނުޖެހުން ހިންގާ މީހުންގެ އަމަލުތަކުގެ ތެރެއަށް ޒުވާނުން ވަނަނުދިނުމަށް އާއިލާތަކުގެ ކިބައިން އަޅުގަނޑުމެން އެދެން،" އޭނާ ވިދާޅުވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
"ދުޝްމަނުން ވަނީ ތަމްރީނުކޮށްފައިވާ ޓެރަރިސްޓުން ގައުމަށް ވައްދާފަ... ހަމަނުޖެހުން ހިންގާ މީހުންނަކީ މުޒާހަރާކުރާ ރައްޔިތުންނެއް ނޫން. މުޒާހަރާކުރާ މީހުންގެ އަޑު އަޅުގަނޑުމެން އަހަން، އަދި އެމީހުންގެ މައްސަލަތައް ހައްލުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވާނީ ކޮށްފަ،"
މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އިރާންގެ ފައިސާގެ އަގު ވަރަށް ބޮޑަށް ވެއްޓުމާ ގުޅިގެން ފެށުނު މި މުޒާހަރާތައް މިހާރު ވަނީ ސަރުކާރާ ދެކޮޅު ސިޔާސީ ހަރަކާތަކަށް ބަދަލުވެފައެވެ. މިއީ 2022 ވަނަ އަހަރު މަހްސާ އަމީނީގެ މަރާ ގުޅިގެން ހިނގި މުޒާހަރާތަކަށް ފަހު އިރާންގައި ހިނގާ އެންމެ ބޮޑު ހަމަނުޖެހުމެވެ. ދައުލަތުގެ މީޑިއާ އިން ރިޕޯޓްކުރާ ގޮތުގައި މިހާތަނަށް ސަލާމަތީ ބާރުތަކުގެ 109 މީހުން މަރުވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން ބުނަނީ މަރުވި މީހުންގެ އަދަދު އެއަށްވުރެ މާ މަތި ކަމަށެވެ.
އިރާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވެސް ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިންޒާރުތަކަށް ރައްދު ދެއްވާފައެވެ. ގާލިބާފް ވިދާޅުވީ، އެމެރިކާ އިން އިރާނަށް އެއްވެސް ކަހަލަ އަސްކަރީ ހަމަލާއެއް ދީފިނަމަ، އިޒްރޭލުގެ އިތުރުން އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކަކާއި އުޅަނދުތަކަކީ އިރާންގެ އަމާޒުތަކަށް ވާނެ ކަމަށެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން އިރާންގެ ގިނަ ސަރަހައްދުތަކުން އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައި އޮންނާތާ 60 ގަޑިއިރަށްވުރެ ގިނަ އިރު ވަނީ ވެފައެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ މުޒާހަރާގެ ބައިވެރިންނާ މެދު ހިންގާ އަނިޔާވެރިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުން ކެތްތެރިކަން އިސްކުރުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން، ލަންޑަންގައި ހުންނަ އިރާން އެމްބަސީގެ ދީދަ، މުޒާހަރާގެ ބައިވެރިން ބާލާފައި ވާއިރު، އިރާނުން ވަނީ އެ ގައުމުގައި ހުންނަވާ އިނގިރޭސި ވިލާތުގެ ސަފީރު ހާޒިރުކޮށް ކަންބޮޑުވުން ހިއްސާކޮށްފަ އެވެ.
ރައްޔިތުންގެ އަޑުއަހާނެ ކަމަށާއި އިގްތިސާދު އޯވަހޯލް ކުރާނެ ކަމަށް އިރާންގެ ރައީސް ވިދާޅުވެއްޖެ ރައްޔިތުންގެ އަޑުއަހާނެ ކަމަށާއި އިގްތިސާދު އޯވަހޯލް ކުރާނެ ކަމަށް އިރާންގެ ރައީސް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ