މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރުވަމުންދާ މިދަނޑިވަޅުގައި، އެކުވެރި ގައުމުތަކަށް ދިފާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފްރާންސުން އެ ސަރަހައްދަށް ގާތްގަނޑަކަށް 10 ހަނގުރާމަމަތީ މަނަވަރު ފޮނުވަން ނިންމައިފި އެވެ.
މީގެ ތެރޭގައި އެ ގައުމުގެ 'ޝާލްސް ޑި ގޯލް' މަތިންދާބޯޓު އުފުލާ މަނަވަރު ހިމެނޭ ގްރޫޕެއް މެޑިޓެރޭނިއަން ކަނޑާއި ރަތްކަނޑުގެ އިތުރުން ހޯރްމުޒް ކަނޑުއޮޅިއަށް ފޮނުވުމަށް ވަނީ ހަމަޖެހިފަ އެވެ.
ސައިޕްރަސްއަށް ކުރެއްވި ދަތުރެއްގައި ފްރާންސުގެ ރައީސް އެމަނުއަލް މެކްރޮން ވިދާޅުވީ، މި މަނަވަރުތައް ފޮނުވުމުގެ ބޭނުމަކީ އީރާނުގެ ހަމަލާތަކުގެ ބިރު އޮތް ގައުމުތަކަށް އެހީތެރިވުމާއި ކަނޑުގެ މުހިންމު މަގުތައް ރައްކާތެރިކުރުން ކަމަށެވެ.
ސައިޕްރަސްގެ ރައީސް ނީކޯސް ކްރިސްޓޯޑޫލައިޑްސް އާއި ގްރީސްގެ ބޮޑުވަޒީރު ކިރިއާކޯސް މިޓްސޮޓާކިސްއާ ބައްދަލުކުރެއްވުމަށް ފަހު މެކްރޮން ވިދާޅުވީ، ސައިޕްރަސްއަށް ހަމަލާއެއް ދިނުމަކީ މުޅި ޔޫރަޕަށް ދެވޭ ހަމަލާއެއް ކަމަށެވެ.
ފްރާންސުން އަށް ހަނގުރާމަމަތީ މަނަވަރާއި މަތިންދާބޯޓު އުފުލާ މަނަވަރަކާ އަދި ހެލިކޮޕްޓަރު އުފުލާ ދެ މަނަވަރު މި ސަރަހައްދަށް ފޮނުވާނެ އެވެ. މި މިޝަން ފަހުން ހޯރްމުޒް ކަނޑުއޮޅިއާ ހަމައަށް ފުޅާކުރުމަށް ވަނީ ރާވާފަ އެވެ.
މެކްރޮން އިތުރަށް ވިދާޅުވީ، އެ ގައުމުގެ އަމާޒަކީ ސަރަހައްދީ ހަމަނުޖެހުންތައް ކުޑަކުރުމަށް ބާރުއެޅުމާއި ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.
އެމެރިކާ، އިޒްރޭލު އަދި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކަނޑުގެ ދަތުރުފަތުރަށް ބުރޫއަރައި، ތެލުގެ އަގު ފީފާއަކަށް 100 ޑޮލަރަށް ވުރެ މައްޗަށް އިއްޔެ ގޮސްފައިވާތީ، ޔޫރަޕްގެ ގައުމުތަކުން ދަނީ ކަނޑުގެ ސަރަހައްދުގައި އެ ގައުމުތަކުގެ އަސްކަރީ ބާރު ވަރުގަދަކުރަމުންނެވެ.
ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާ މުދާ އުފުލާ ބޯޓުތަކާއި ތެޔޮ ޓޭންކަރުތަކަށް ރައްކާތެރިކަން ދިނުމަށްޓަކައި، ހާލަތު ތަންދިންހާ އަވަހަކަށް ދިފާއީ މިޝަނެއް ފެށުމަށް ފްރާންސާއި އެ ގައުމުގެ ބައިވެރިން ތައްޔާރުވަމުންދާ ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ.
ފްރާންސުން ގަލްފަށް މަނަވަރު ފޮނުވައި ހޯރްމުޒް ކަނޑުއޮޅީގެ އޮޕަރޭޝަނަކަށް ތައްޔާރުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ