އެމްޑީޕީގެ ލީޑަރުން ސުލްހަވުމުން، ވަގުތީ ޗެއާޕާސަން ކަމުގެ މަގާމުން އަބްދުލްގަފޫރު މޫސާ ވަކިކުރުމުގެ މައްސަލަ އަނބުރާ ގެނެސް، ވަކިކުރި އެ ޕާޓީގެ އިސް ދެ ބޭފުޅުންގެ މަގާމު އިއާދަ ކުރަން އެއްބަސްވެފައިވާ ކަމަށް 'ދައުރު'އަށް އެނގިއްޖެ އެވެ.
ވީ ކިހިނެއް؟ - ނިމިގެން ދިޔަ އިންތިހާބުގެ ނަތީޖާއަށް ފަހު، އެމްޑީޕީގެ ފެކްޝަންތަކުގެ މެދުގައި އޮތް ކޯޅުން ބޮޑުވެ، ގަފޫރު ވަނީ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް މަގާމުން ވަކިކޮށްފަ އެވެ.
ނަމަވެސް ޕާޓީގެ ލީޑަރުންގެ މެދުގައި މަޝްވަރާކޮށް، މިހާރު ވަނީ ހިޔާލު ތަފާތުވުންތަކަށް މިވަގުތަށް ހައްލެއް ގެނެސްފަ އެވެ. އެކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ހާމަކުރައްވާފަ އެވެ.
ތަފްސީލު - އެމްޑީޕީގެ އެތެރޭގެ މަސްދަރުތަކުން 'ދައުރު'އަށް ކިޔައިދިން ގޮތުގައި، މަޝްވަރާތަކުން މިހާރު ކަންކަން ހައްލުވެފައިވާތީވެ، ގަފޫރު ވަކިކުރުމުގެ މައްސަލަ އަނބުރާ ގެންދަން ވަނީ ނިންމާފަ އެވެ.
"އޭގެ އިތުރުން މަގާމުން ވަކިކުރި އިބުރޭ އާއި މައުރޫފްގެ މަގާމު އިއާދަ ކުރަން މިހާރު އޮތީ ނިންމާފައި،" އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
މަގާމުން ވަކިކުރި އިބްރާހިމް ވަހިދާއި މައުރޫފަކީ ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. ގަފޫރު ވަކިކުރުމުގެ މައްސަލަ ހުށަހެޅީ ވެސް އެ ފެކްޝަންނުންނެވެ.
ގުޅުން ހުރި - ގަފޫރު މަގާމުން ވަކިކުރުމުގެ މައްސަލަ ވެއްދީ، ގައުމީ މަޖިލީހުގެ 123 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ ސޮޔާ އެކު، ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެދި އެވެ. އެ ޖަލްސާ ހޯމަ ދުވަހަށް ވަނީ ތާވަލްކޮށްފަ އެވެ. ނަމަވެސް ގަފޫރު ވަކިކުރުގެ މައްސަލަ އަނބުރާ ގެނައުމަށް ނިންމާފައިވާތީ އެ ޖަލްސާ ދެން ނުބާއްވާނެ އެވެ.
އެނގިފައިވާ ގޮތުގައި، މިރޭ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ސިއްރުކޮށްގެން ބާއްވާ މި ބައްދަލުވުމުގައި ބައެއް ނިންމުންތައް ނިންމުމަށް ހަމަޖެހިފައިވެ އެވެ.
އެމްޑީޕީގެ ފެކްޝަންތަކުގެ މެދުގައި މިފަހަރު ކޯޅުން ފެށުނީ، މިދިޔަ އިންތިހާބުގައި އެ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގެ އެޖެންޑާ ފައިނަލް ކުރި ގޮތާ ގުޅޭ ގޮތުންނެވެ. އެގޮތުން:
އެޖެންޑާގެ މައްސަލަ ދިމާވުމުގެ ކުރިން ބައެއް ފެކްޝަންތަކުގެ އިސް ލީޑަރުންގެ ފަހަތުގައި ތިބި ބައެއް ސަޕޯޓަރުންގެ މެދުގައި ސޯޝަލް މީޑިއާގައި ހޫނު ބަހުސެއް ވެސް ހިނގި؛ އެ ބަހުސަކީ އެމްޑީޕީއަށް ކާމިޔާބީ ލިބުނީ ކޮން ލީޑަރެއްގެ ސަބަބުންތޯއާ ގުޅޭ ބަހުސެއް
މައްސަލަ އިތުރަށް ބޮޑުވެ، ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އުފާ ފާޅުކުރުމުގެ ޖަލްސާ ބޮއިކޮޓް ކުރެއްވި
އެ ފެކްޝަަނުން ބުނާ ގޮތުން ނަޝީދާއި ފައްޔާޒަށް އެ ޖަލްސާގައި ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ފަހު، ފަހު ވަގުތު އެޖެންޑާއަށް ބަދަލު ގެނައީ އެހެން ބައެއް ފެކްޝަންތަކުގައި އެކަމާ ނުރުހިގެން
ނަމަވެސް އެކަން ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ ދޮގު ކުރައްވާ
ގަފޫރު ވަކިކުރުމުގެ މައްސަލަ އަނބުރާ ގެނެސް، ވަކިކުރި 2 ބޭފުޅުންގެ މަގާމުން އިއާދަ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ