ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން 2-0އިން ބަލިވި މެޗުގައި ލިވަޕޫލް ކޮޅަށް ގިނަ ގޯލުތަކެއް ނުވަނީ ނަސީބަކުން ކަމަށާއި މެޗުގެ ބޮޑުބައިގައި ލިވަޕޫލް އުޅުނީ ޕީއެސްޖީގެ އެޓޭކް ވަރުގަދަ ކަމުން ސަލާމަތް ނުވެވިގެން ކަމަށް ކޯޗު އާނޭ ސްލޮޓް ބުނެފި އެވެ.
"އަހަރުމެން ޝުކުރު ކުރަން 2-0ވީތީވެ. މެޗުގެ ބޮޑުބައިގައި އަހަރުމެން އުޅެން ޖެހުނީ ސަލާމަތް ނުވެވިގެން. މި މެޗުގައި ހުރިހާ ގޮތަކުން ވެސް މޮޅު ޓީމަކީ ޕީއެސްޖީ. އެ މީހުންގެ ޓެމްޕޯ އާދަޔާ ހިލާފަށް ރަނގަޅު،" ސްލޮޓް ބުންޏެވެ.
އޭނާ ބުނީ މި ނަތިޖާ އަބުރާލައި ލިވަޕޫލަށް މުބާރާތުގެ ސެމީ ފައިނަލަށް ދެވޭނީ އަމިއްލަ ދަނޑުގައި ވަރަށް ބޮޑަށް މަސައްކަތް ކޮށްގެން ކަމަށެވެ.
"އަމިއްލަ ދަނޑާއި ސަޕޯޓަރުންގެ ހިތްވަރާއެކު ނަތީޖާ ބަދަލު ކުރެވިދާނެ. އެއީ ނުވާނެ ކަމެއް ނޫން. އެކަމަކު ޕީއެސްޖީ އަކީ މޮޅު ޓީމެއް،" ކޯޗު ބުންޏެވެ.
ހުސްވި ސީޒަނުގައި އިނގިރޭސި ޕްރެމިއާ ލީގުގެ ތަށި ހޯދި ނަމަވެސް މި ސީޒަނުގައި ލިވަޕޫލް މިވަނީ ހުރިހާ މުބާރާތަކުން ވެސް ގާތްގަނޑަކަށް ކަޓާފަ އެވެ. ކިރިޔާ ވެސް ތައްޓެއްގެ އުއްމީދެއް އޮތީ ޗެމްޕިއަންސް ލީގުގަ އެވެ.
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ މި މެޗުގެ ކުރިން ބުނީ ލިވަޕޫލާ ޖެހުމުން ޕީއެސްޖީ އަކީ ފެވަރިޓުންނަށް ނުވާނެ ކަމަށެވެ. މިހެންވެ މެޗަށް ފަހު އޭނާ ބުނީ ކުޅުންތެރިންގެ ފަރާތުން މެޗުގައި ފެނުނީ ވަރަށް ހިތްވަރު ގަދަ ކުޅުމެއް ކަމަށެވެ.
"އަހަރެން ބުނާނީ މިއީ ވަރަސް ފުރިހަމަ ކުޅުމެކޭ މި މެޗުގައި ދެއްކީ. އަހަރުމެން ހަގީގަތުގައި މިއަށްވުރެ ގިނަ ގޯލު ޖަހަންޖެހޭ މެޗެއް މިއީ. އެކަމަކު ބޭނުންވާ ހުރިހާ ކަމެއް ނުވާނެ. އަހަރުމެން ލިވަޕޫލްގެ ދަނޑުގައި ވެސް ނުކުންނާނީ މި ފޯރީގައި މެޗު ކާމިޔާބު ކުރަން،" ކޯޗު ބުންޏެވެ.
އެންރިކޭގެ ކޯޗުކަމުގައި ޕީއެސްޖީ ވަނީ މި މުބާރާތް ފުރަތަމަ ފަހަރަށް މީގެ ދެ އަހަރު ކުރިން ކާމިޔާބު ކޮށްފަ އެވެ. އަދި އޭނާ ވަނީ 2015 ވަނަ އަހަރު ބާސެލޯނާ އަށް ވެސް މި ތަށި ހޯދައިދީފަ އެވެ. ނަމަވެސް އެންރީކާ ބުނީ މި ފަހަރުގެ މުބާރާތުގެ ތައްޓާމެދު ވާހަކަ ދައްކަން އަދި އަވަސް ކަމަށެވެ.
އަހަރުމެން އުޅެން ޖެހުނީ ސަލާމަތް ނުވެވިގެން: ލިވަަޕޫލް ކޯޗު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ