ޖަރުމަނުގެ ބުންޑެސްލީގައި މިރޭ ރަށުން ބޭރުގައި ބަޔާން މިޔުނިކާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އޮގްސްބާގް އިން ކާމިޔާބުކޮށްފިއެވެ. އަދި މިއީ މިސީޒަނުގައި، ލީގުގައި ބަޔާން މިޔުނިކް ބަލިވި ފުރަތަމަ މެޗެވެ.
ލީގުގައި ބަޔާން މިޔުނިކް އެންމެ ފަހުން ކުޅުނު މެެޗުގައި އާރުބީ ލެޕަޒިގް އަތުން 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި އޮގްސްބާގް އިން އެންމެ ފަހުން ކުޅުނު މެޗުގައި ފްރައިބާގް އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.
ބަޔާން މިޔުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދޯ ބަޔާން އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ މިކެލް އޮލީސޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަޕާން ޑިފެންޑަރު ހިރޯކީ އިޓޯ އެވެ.
އޮގްސްބާގް އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ޑިފެންޑަރު އާތަރް ޗާވެސް އެވެ. އަދި އޭގެ ހަ މިނެޓު ފަހުން އެޓީމަށް މެޗުގެ ލީޑުހޯދައިދިނީ މިޑްފީލްޑަރު ހަން ނޯއާ މަސެންގޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އޮގްސްބާގް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 19 މެޗުން އޮގްސްބާގަށް 19 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ބަޔާން މިޔުނިކް ލީގުގައި ކުޅުނު 19 މެޗުން ހޯދި 50 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ.
މިސީޒަނުގެ ބުންޑެސްލީގާގައި ބަޔާން މިޔުނިކް ފުރަތަމަ ފަހަރަށް ބަލިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ