ދެކުނު އޭޝިއާގެ ގައުމުތަކަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް މިހާރު ތައިލެންޑުގައި ކުރިއަށްދާއިރު، ރާއްޖޭގެ ގައުމީ އަންހެން ޓީމާއި އެހެން ގައުމުތަކުގެ ޓީމުތަކާ ފެނުނު މައިގަނޑު ފަރަގަކީ ރާއްޖޭން އިންޑޯއެއްގައި ޕްރެކްޓިސް ނުކޮށް މުބާރާތުގައި ކުޅެން ޖެހުން ކަމަށް ޓީމުގެ ކެޕްޓަން، ފާތިމަތު ޝާލިޔާ (ޝާ) ބުނެފި އެވެ.
މިއީ، ރާއްޖޭގެ އަންހެން ފުޓްސަލް ޓީމެއް ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން، ޓްރެއިނިން މެޗެއް ވެސް ކުޅެފައިނުވާއިރު، މުބާރާތް ކުޅުމަށް ތައިލެންޑަށް އައުމުގެ ކުރިން އިންޑޯއެއްގައި ޕްރެކްޓިސްކޮށްފައެއް ވެސް ނުވެ އެވެ. އަދި، މުބާރާތުގައި ވާދަކުރާ ހަތް ގައުުމުގެ ތެރެއިން އިންޑޯއެއްގައި އަމިއްލަ ގައުމުގައި ޕްރެކްޓިސްކުރުމުގެ ފުރުސަތު ނުލިބުނީ، ރާއްޖޭގެ ދެ ޓީމަށެވެ. ފިރިހެން ޓީމުން ޗައިނާގެ ކޭމްޕްގައި އިންޑޯ ޕްރެކްޓިސް ކޮށްލަން ލިބުނުއިރު، އަންހެން ޓީމަށް އިންޑޯ އަކަށް ޕްރެކްޓިހެއް ކޮށްލަން އަރާލަން ލިބުނީ، މުބާރާތުގެ ދެ ދުވަހެއް ކުރިންނެވެ.
މުބާރާތުގައި އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުން އިންޑިއާ އަތުން 11-1 އިން ބަލިވިއިރު، ދެ ވަނަ މެޗުން ނޭޕާލް އަތުން ބަލިވީ 5-0 އިންނެވެ. އަދި، ތިން ވަނަ މެޗުގައި، ޕާކިސްތާން އަތުން 3-1 އިން ބަލިވިއިރު، ހަތަރު ވަނަ މެޗުގައި ބޫޓާން އަތުން ބަލިވީ 4-2 އިންނެވެ. އަދި، އެންމެ ފަހުން ކުޅުނު މެޗުގައި ސްރީ ލަންކާ އަތުން 7-6 އިން ވަނީ ބަލިވެފަ އެވެ.
ލަންކާ މެޗުގެ ތެރެއިން ޝާލިޔާ ބޯޅަ ފޮނުވާލަނީ.---- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް
ލަންކާ މެޗަށް ފަހު، ދިން އިންޓަވިއުއެއްގައި ޝާލިޔާ ބުނީ، ލަންކާއާ ދެކޮޅަށް ހުރިހާ ކުޅުންތެރިން ވެސް ނުުކުތީ މޮޅެއް ހޯދަން ޓާގެޓްކޮށްގެން ކަމަށެވެ.
"އެހެން މެޗުތަކާ ބަލާފައި، ހަމަ ސްކޯރިން ވެސް ވަރަށް ރަނގަޅަށް ދިޔައީ، ދެން ހަަމަ ލެކް އޮފް އެކްސްޕީރިއަންސް ކަންނޭނގެ މި ބޮޑަށް، މުބާރާތަށް އެ ވަރަށް ޕްރެޕެއާ ނުވެވި އަންނަން ޖެހުނީމަ ކަންނޭނގެ މި ރިޒަލްޓްތަކުން މިދިޔައީ، އެހެން ހުރިހާ ޓީމެއް މިއައީ އިންޑޯގައި ވަން މަންތު ވަރު ޕްރެޕަރޭޝަން ވަރު، ވަރަށް ރެޑީވެގެން ހުރިހާ ޓީމެއް އައީ، ހަމަ އެކަނި ރާއްޖޭގެ އަންހެން ޓީމު އެކަނި ކަންނޭނގެ މީނީ 10 ދުވަހު ޕްރެކްޓިސް އަށް ފަހު، މުބާރާތަށް އައިސްފައި،" ޝާލިޔާ ބުންޏެވެ.
މެޗުތަކުން ބަލިވި ކަމުގައި ވިޔަސް، ޝާލިޔާ ވަނީ ހަގީގަތުގައި ކުޅުމަށް ބަލާއިރު، ކުޅުންތެރިން ކުރި މަސައްކަތް ރަނގަޅުކަން ފާހަގަކޮށްފަ އެވެ.
"މެޗަކަށް ފަހު މެޗެއް އިމްޕްރޫވް ކުރަމުން އައިސް. މިއަދު 7-6 އިން ބަލިވިޔަސް މިއީ އަސްލު ވަރަށް ބޮޑު ކާމިޔާބީއެއް ގޮތުގައި އަޅުގަނޑު ދެކެނީ. ދެން، ނަސީބު ވެސް ނެތީ ކަންނޭނގެ ވިން އަށް، މަސައްކަތްކޮށްފި،" ޝާލިޔާ ބުންޏެވެ.
މުބާރާތުގައި މިއަދު ރާއްޖޭން ކުޅޭނީ ޗެމްޕިއަންކަމަށް ވާދަކުރަމުން އަންނަ ބަންގްލަދޭޝްއާ އެވެ. މެޗަކުން ބަލިނުވެ ބަންގްލަދޭޝް އެއް ވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ރާއްޖެ ބަލިކޮށްގެން ބަންގްލަދޭޝް އަށް ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އޮތްއިރު، މި މެޗުގައި ކާޑު ހަމަވުމުގެ ސަބަބުން ޝާލިޔާ ހުރީ ސަސްޕެންޝަނުގަ އެވެ.
"ޝާ އަދި ނެތަސް، ބަރަށް އިތުބާރު ކުރަން މި އޮތް ޓީމަށް. އިނގޭ، އެންމެ ބެސްޓް ފައިޓް ދޭނެކަން، ޓީމާ އެއްކޮށް މި ހުރީ. ބެންޗުގައި ނޫނީ ދަނޑުމަތީގައި ނޫނަސް ފަހު، މެޗުގައި ވަރަށް ޔަގީންކަން އެބައޮތް ޓީމު ރަނގަޅަށް ކުޅޭނެ ކަމުގެ،" ޝާލިޔާ ބުންޏެވެ.
ބަންގްލަދޭޝް އާއި ރާއްޖޭން ކުޅޭ މެޗު ފަށާނީ މިއަދު ހެނދުނު 9 ޖަހާއިރު އެވެ.
ފަރަގަކަށް ފެނުނީ އިންޑޯއެއްގައި ރަނގަޅު ޕްރެކްޓިސް ނުލިބުނުތަން ފަރަގަކަށް ފެނުނީ އިންޑޯއެއްގައި ރަނގަޅު ޕްރެކްޓިސް ނުލިބުނުތަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ