ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި، ރާއްޖޭން ކުޅޭ ފަހު މެޗުގައި މިއަދު ބަންގްލަދޭޝާ ކުޅެން ޖެހޭ މެޗަށް ނުކުންނާނީ ވެވުނު އެންމެ ރަނގަޅަކަށް ތައްޔާރުވެގެން ކަމަށް ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗު އާތިފް މުހައްމަދު (އާތީ) ބުނެފި އެވެ.
މިއީ، ރާއްޖޭގެ އަންހެން ފުޓްސަލް ޓީމެއް ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން، ޓްރެއިނިން މެޗެއް ވެސް ކުޅެފައިނުވާއިރު، މުބާރާތް ކުޅުމަށް ތައިލެންޑަށް އައުމުގެ ކުރިން އިންޑޯއެއްގައި ޕްރެކްޓިސްކޮށްފައެއް ވެސް ނުވެ އެވެ. އަންހެން ޓީމަށް އިންޑޯ އަކަށް ޕްރެކްޓިހެއް ކޮށްލަން އަރާލަން ލިބުނީ، މުބާރާތުގެ ދެ ދުވަހެއް ކުރިންނެވެ.
މުބާރާތުގައި އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުން އިންޑިއާ އަތުން 11-1 އިން ބަލިވިއިރު، ދެ ވަނަ މެޗުން ނޭޕާލް އަތުން ބަލިވީ 5-0 އިންނެވެ. އަދި، ތިން ވަނަ މެޗުގައި، ޕާކިސްތާން އަތުން 3-1 އިން ބަލިވިއިރު، ހަތަރު ވަނަ މެޗުގައި ބޫޓާން އަތުން ބަލިވީ 4-2 އިންނެވެ. އަދި، އެންމެ ފަހުން ކުޅުނު މެޗުގައި ސްރީ ލަންކާ އަތުން 7-6 އިން ވަނީ ބަލިވެފަ އެވެ.
"ކުޅުންތެރިން ކުރި ބުރަ މަސައްކަތަށް އެކަމަށް ހަމަ ސެލިއުޓްކުރަން، މަސައްކަތް ވަރަށް ރަނގަޅަށް ދިޔައީ. މީގެ ތެރެއިން އެންމެ ކަމެއް ލެކް ވެގެން ދިޔައީ، އެއީ ހަމައެކަނި ލީޑު ހިފަަހައްޓައިލައިގެން އޭތި ބެލެންސްކުރަން ނޭގުން. އެކަން ދިމާވީ،" ލަންކާ މެޗަށް ފަހު، އާތީ ބުންޏެވެ.
އޭނާ ބުނީ މުބާރާތަށް ވާން ޖެހޭ ގޮތަކަށް ކަންކަން ކުރެވި، އިންޑޯއެއްގައި ޕްރެކްޓިސްކޮށްލަން ލިބުނު ހިސާބުން ތަފާތު ފެންނަން ފެށި ކަމަށެވެ.
"މުޅި މުބާރާތަށް ބަލާއިރު، މިކޮޅު (ތައިލެންޑުގައި) ޕްރެކްޓިސްތައް ފެށި ފަހުން، ޓްރެއިނިން ފަށާފައި، މުބާރާތުގެ ތެެރެއިން ވެސް މިދިޔަ ޕްރެކްޓިސްތަކުގައި ހަމަ، ހުރިހާ ޕްލޭޔަރުން ވެސް މި އަންނަނީ ދުވަހުން ދުވަހަށް އިމްޕްރޫވްވަމުން، ދެން، މިދިޔަ ގާތްގަނޑަކަށް ފެނިގެން މިއައި، އެއް ދުވަހުން އަނެއް ދުވަހުގެ ކުރިއެރުމަކީ ކުޅުންތެރިން ކޮށްފައި ހުރި ބުރަ މަސައްކަތް،" އާތީ ބުންޏެވެ.
މުބާރާތުގައި މިއަދު ރާއްޖޭން ކުޅޭނީ ޗެމްޕިއަންކަމަށް ވާދަކުރަމުން އަންނަ ބަންގްލަދޭޝްއާ އެވެ. މެޗަކުން ބަލިނުވެ ބަންގްލަދޭޝް އެއް ވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ރާއްޖެ ބަލިކޮށްގެން ބަންގްލަދޭޝް އަށް ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އޮތްއިރު، މި މެޗުގައި ކާޑު ހަމަވުމުގެ ސަބަބުން ޝާލިޔާ ހުރީ ސަސްޕެންޝަނުގަ އެވެ.
"ފަހު މެޗަށް ދާއިރު، މި އޮތީ އެއް ކަންތައް ލައްވާލައިފައި. ޝާލިޔާ މީނީ ސަސްޕެންޝަނަށް ގޮސްފައި (ކާޑުހަމަވުމުގެ ސަބަބުން) އެކަމަކު ވެސް އަޅުގަނޑުމެން ރެޑީވާނީ ހަމަ، އެންމެ ރަނގަޅަކަށް ޓީމު ނެރެން ބަންގްލަދޭޝްއާ ވެސް އެއްކޮށް ކުޅޭއިރު އެންމެ ރަނގަޅަށް ޓީމު ތައްޔާރުކޮށްގެން ހަމަ ނެރޭނީ،" އާތީ ބުންޏެވެ.
ބަންގްލަދޭޝް އާއި ރާއްޖޭން ކުޅޭ މެޗު ފަށާނީ މިއަދު ހެނދުނު 9 ޖަހާއިރު އެވެ.
ބަންގްލަދޭޝާ ކުޅޭނީ ވެވުނު އެންމެ ރަނގަޅަކަށް ތައްޔާރުވެގެން ބަންގްލަދޭޝާ ކުޅޭނީ ވެވުނު އެންމެ ރަނގަޅަކަށް ތައްޔާރުވެގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ