ޗައިނާގެ އެންމެ އިސް ޖެނެރަލަށް ކޮރަޕްޝަންގެ ތަހުގީގު ކުރަން ފަށައިފި

ޗައިނާގެ އެންމެ އިސް ޖެނެރަލް ގާނޫނާ ހިލާފު ސީރިއަސް އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައި ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އެ ގައުމުގެ ދިފާއީ ވުޒާރާއިން އިއްޔެ ބުނެފި އެވެ.
ޗައިނާގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި އެ ގައުމުގެ އެންމެ މަތީ ރޭންކުގެ ޖެނެރަލްގެ މައްޗަށް "އަހުލާގީ މިންގަނޑުތަކާއި ގާނޫނާ ހިލާފު ބޮޑެތި އަމަލުތަކެއް" ހިންގި ކަމުގެ ތުހުމަތުގައި މިހާރު ވަނީ ތަހުގީގެއް ފަށާފަ އެވެ.
ރައީސް ޝީ ޖިންޕިންގެ އަސްކަރީ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ބެލެވޭ ޖެނެރަލް ޖަންގް ޔޫޝިއާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ އިތުރު ތަފްސީލެއް އެ ވުޒާރާއިން ހާމައެއް ނުކުރެ އެވެ. ނަމަވެސް، ޗައިނާގައި މިފަދަ ތުހުމަތުތަކަކީ އާންމުކޮށް ކޮރަޕްޝަނަށް ނިސްބަތްކޮށް ބޭނުންކުރާ ބަސްތަކެވެ.
ދިފާއީ ވުޒާރާއިން ބުނެފައިވަނީ އަސްކަރިއްޔާގެ އެހެން އިސް އޮފިސަރެއް ކަމަށްވާ ޖެނެރަލް ލިއު ޒެންލީގެ މައްޗަށް ވެސް ތަހުގީގު ހިންގަމުންދާ ކަމަށެވެ.
މި ދެ ބޭފުޅުންނާ ދެކޮޅަށް ތަހުގީގެއް ހިންގައި އެ ބޭފުޅުން މަގާމުން ވަކިކޮށްފައި މިވަނީ، ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައި އަސްކަރިއްޔާއާ ދެކޮޅަށް ހިންގި އެންމެ ބޮޑު އެއް ފިޔަވަޅުގެ ދަށުން، މިދިޔަ އޮކްޓޯބަރު މަހު ނުވަ ޖެނެރަލަކު މަގާމުން ދުރުކޮށްފައި ވަނިކޮށެވެ.
އުމުރުން 75 އަހަރުގެ ޖަންގްއަކީ ސީދާ ރައީސް ޝީގެ ބެއްލެވުމުގެ ދަށުން އަސްކަރިއްޔާ ކޮންޓްރޯލް ކުރާ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް މިލިޓަރީ ކޮމިޝަން (ސީއެމްސީ)ގެ ނައިބު ރައީސެވެ. މީގެ އިތުރުން އޭނާއަކީ ޕާޓީގެ އެންމެ މަތީ ނިންމުންތައް ނިންމާ 24 މެންބަރުންގެ މައްޗަށް އެކުލެވޭ ޕޮލިޓްބިއުރޯގެ ވެސް މެންބަރެކެވެ. ޖަންގްގެ ބައްޕައަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ޖެނެރަލެކެވެ.
އެގޮތުން، 1968 ވަނަ އަހަރު އަސްކަރިއްޔާއާ ގުޅުނު ޖަންގްއަކީ ހަނގުރާމައިގެ އަމަލީ ތަޖުރިބާ ލިބިފައިވާ މަދު އިސް ލީޑަރުންގެ ތެރެއިން ބޭފުޅެކެވެ. ޗައިނާގެ އަސްކަރިއްޔާގައި ރިޓަޔާކުރަން ކަނޑައަޅާފައިވާ އުމުރަށް ވުރެ ގިނަ ދުވަހު އޭނާ މަގާމުގައި ބެހެއްޓުމަކީ ރައީސް ޝީގެ ފުރިހަމަ އިތުބާރު އޭނާއަށް އޮތްކަން ހާމަވާ ކަމެކެވެ.
މި ތަހުގީގުގެ ހަބަރު މި އައީ، މިދިޔަ ޑިސެމްބަރު މަހު ބޭއްވި ޕާޓީގެ މުހިންމު ބައްދަލުވުމަކުން ޖަންގް އާއި ލިއު ނުފެނުމާ ގުޅިގެން، އެ ބޭފުޅުންނާ މެދު ތަހުގީގެއް ހިނގަމުންދާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.
ރައީސް ޝީ ވެރިކަމަށް ވަޑައިގަތީއްސުރެ އެކި ދާއިރާތަކުން ކޮރަޕްޝަން ނައްތާލުމުގެ މަސައްކަތް ވަނީ ފައްޓަވާފަ އެވެ. އަދި ފަހަކަށް އައިސް މި ހަރަކާތްތައް އެންމެ ބޮޑަށް އަމާޒުވެފައިވަނީ އަސްކަރިއްޔާއަށެވެ.
ކޮރަޕްޝަނަކީ ކޮމިއުނިސްޓް ޕާޓީއަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށާއި، އެކަމާ ދެކޮޅަށް ކުރާ މަސައްކަތަކީ އުނދަގޫ އަދި ގޮންޖެހުން ބޮޑު ކަމެއްގެ ގޮތުގައި ރައީސް ޝީ ސިފަކުރައްވަ އެވެ. މި ސިޔާސަތަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ މިއީ ހެޔޮ ވެރިކަމެއް ގާއިމުކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
ނަމަވެސް، ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިއީ ސިޔާސީ ވާދަވެރިން މަގާމުތަކުން ދުރުކުރުމަށް ބޭނުންކުރާ އުކުޅެކެވެ.
ޖަންގް އާއި ލިއުއާ ދެކޮޅަށް ފެށި މި ތަހުގީގާ އެކު، ހަތް މެންބަރުންގެ ސީއެމްސީގައި ތިއްބަވާ މެމްބަރުންގެ އަދަދު މިހާރު ވަނީ ދެ މެންބަރުންނަށް މަދުވެފަ އެވެ. އެއީ ކޮމިޝަނުގެ ރައީސް ޝީ އާއި އަސްކަރިއްޔާގެ އަހުލާގީ ކަންކަމާ ބެހޭ އިސްވެރިޔާ ޖަންގް ޝެންގްމިން އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ