ރާއްޖެ އަކީ އަހަރެންގެ ދެ ވަނަ ގައުމު: ސަބީނާ ރާއްޖެ އަކީ އަހަރެންގެ ދެ ވަނަ ގައުމު: ސަބީނާ

ރާއްޖެ އަށް އަބަދުވެސް އިހުތިރާމް އޮންނާނެ ކަމަށް ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްގެ ކެޕްޓަން ބޭންޑް އަޅައިގެން މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަބީނާ ކަތުން ބުނެފި އެވެ.
ސަބީނާ ވަނީ ކްލަބް މޯލްޑިވްސްގެ އަންހެން ފުޓްސަލް މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބަށް ކުޅެފަ އެވެ. ސަބީނާގެ އިތުރުން، ބަންގްލަދޭޝް ޓީމުގައި ހިމެނޭ މަތުސުޝިމާ ސުމައްޔާ ވެސް ވަނީ ކްލަބް މޯލްޑިވްސްގެ އެއިޓީން ތާޓީ މުބާރާތުގައި ސިފައިންގެ ޓީމަށް ކުޅެ ކާމިޔާބު ހޯދައިފަ އެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ކުރިއަށްދާ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އިން ކުޅޭ ފަހު މެޗުގައި މިއަދު ރާއްޖެއާ ކުޅޭނެ އެވެ. އެ މެޗާ ބެހޭގޮތުން، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ސަބީނާ ބުނެފައިވަނީ، ރާއްޖެ އަކީ އޭނާގެ ދެ ވަނަ ގައުމު ކަމަށެވެ.
"އަހަރެން އަބަދުވެސް ބުނަން ރާއްޖެ އަކީ އަހަރެންގެ ދެ ވަނަ ގެ ކަމަށް، އެއީ، އަހަރެން ފުޓްސަލް ކުޅެން ފެށީ ރާއްޖޭގައި. އެހެންވީމަ، އެއީ ވަރަށް ގިނަ ހަނދާންތައް. ދެން، އަބަދުވެސް އަހަރެމެން އިދިކޮޅަށް ނުކުންނަ ކޮންމެ ޓީމަކަށް ވެސް އިހުތިރާމް ދެން. ދެން، ރާއްޖޭގެ ކުޅުންތެރިންނާއި އަހަންނާ ދެމެދު ގާތްގުޅުމެއް އޮވޭ. ކޯޗުން ވެސް ރާއްޖޭގެ މީހުން ވެސް. އުންމީދަކީ އެ މެޗު ރަނގަޅު މެޗަކަށް ވުން،" ސަބީނާ ބުންޏެވެ.
ސަބީނާ، "އަދަދު ސްޕޯޓްސް" އަށް އިންޓަވިއުއެއް ދެނީ.---- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް
ސާފް އިން ފުރަތަމަ ފަހަަރަށް ފުޓްސަލް މުބާރާތެއް ބާއްވައި، ކުޅުންތެރިންނަށް ހުނަރު ދައްކާލައި ކުރިއަށް ދިއުމަށް މި ވަރުގެ ފުރުސަތެއް ލިބޭ ޕްލެޓްފޯމެއް ހޯދައިދިނީތީވެ، ސަބީނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
"އަހަންނަށް ވިސްނޭ ގޮތުގައި މިއީ ކުޅުންތެރިންނަށް ކުޅުމާއި ކޮލިޓީ ދައްކާލަން ލިބުނު ވަރަށް ރަނގަޅު ޕްލެޓްފޯމެއް،" ސަބީނާ ބުންޏެވެ.
ބަންގްލަދޭޝް އިން ލީގު ތާވަލުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާ އެކު އެވެ. ބަންގްލަދޭޝް އިން ފުރަތަމަ މެޗުގައި އިންޑިއާ އަތުން 3-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ބޫޓާނާ 3-3 އިން އެއްވަރުވި އެވެ. ތިން ވަަނަ މެޗުގައި، ނޭޕާލް އަތުން 3-0 އިން މޮޅުވެ، ހަތަރު ވަނަ މެޗުގައި، ސްރީ ލަންކާ އަތުން 6-3 އިން މޮޅުވި އެވެ. އަދި، ރާއްޖެއާ ކުޅުމުގެ ކުރިން އެންމެ ފަހުން ޕާކިސްތާނާ ދެކޮޅަށް ނުކުމެ، 9-1 އިން ބަންގްލަދޭޝް މޮޅުވި އެވެ.
"އަހަރެމެންގެ ޓާގެޓަކަށް އޮތީ މެޗަކަށް ފަހު މެޗެއް މޮޅެއް ހޯދުން. ދެން، އެއް މެޗުގައި ބޫޓާނާ ދެކޮޅަށް އަހަރެމެން ވީ އެއްވަރު، އަހަރެންގެ އުންމީދަކީ ހުރިހާ ޓީމެއް ވެސް ވަރުގަދަވުން. ހާއްސަކޮށް ބޫޓާން ފެނުނީ ވަރުގަދަކޮށް، އެ މީހުން ޓަފް މެޗެއް އަހަރެމެންނާ ކުުޅުނީ، މެޗަކަށް ފަހު މެޗެއް އަހަރެމެން ރަނގަޅަށް މި ދަނީ. ޝުކުރު އަދާކުރަން ކުޅުންތެރިންނާއި ކޯޗިން ސްޓާފުން އަދި ފެޑެރޭޝަން އަށް މި ދޭ ސަޕޯޓަށް، އެ ކަމާ ހެދި އެއް ދުވަހަށް ވުރެން އަނެއް ދުވަސް ރަނގަޅު މި ވަނީ،" ސަބީނާ ބުންޏެވެ.
ސަބީނާ އަކީ މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. ދެ ޑިވިޝަނަށް ބެލިޔަސް އެންމެ ގިނަ ގޯލު ޖެހި ސަބީނާ ވަނީ، މި ފަަހަރުގެ މުބާރާތުގައި ފަސް މެޗުން 10 ލަނޑު ޖަހައިފަ އެވެ. ސަބީނާ ބުނީ، މި މުބާރާތަކީ ހުރިހާ ކުޅުންތެރިންނަށް ވެސް ކުރިއަށްދާން އޮތް ބޮޑު ފުރުސަތެއް ކަމަށެވެ.
"އުންމީދަކީ މި މުބާރާތުން ކަންކަން ދަސްކޮށްގެން ދެން އޮންނަ ސާފް ފުޓްސަލް މުބާރާތެއް މި އަށް ވުރެން ފޯރިގަދަވުން،" ސަބީނާ ބުންޏެވެ.
ބަންގްލަދޭޝް އާއި ރާއްޖޭން ކުޅޭ މެޗު ފަށާނީ މިއަދު ހެނދުނު 9 ޖަހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ