29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް ގެނައި މައްސަލަ: ދެ މީހަކު ހައްޔަރުކޮށް، ވަނަވަރު އާންމުކޮށްފި
ކަނޑުމަގުން ރާއްޖެއަށް ހަޝިޝް އޮއިލް އެތެރެކުރަން މަސައްކަތްކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށް، އެ މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. ކަސްޓަމްސްއިން ރޭ ބުނި ގޮތުގައި، މާލެ ވިޔަފާރި ބަނދަރުން 36.4 ކިލޯގެ ހަޝިޝް އޮއިލް އަތުލައިގަތީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެ ތަކެތީގެ މަގުމަތީ އަގު 29 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. އެ މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ. އެއީ، މާލެއަށް ނިސްބަތްވާ 35 އަހަރުގެ ވިޝާމް މުޙައްމަދާއި މ. މުލައް، މަދާރުގެ 26 އަހަރުގެ ޙަސަން މަފާޒެވެ. https://sun.mv/217925 ފުލުހުން ބުނީ، އެ މީހުން ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު މުދާތަކެއްގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކޮށްފައިވާ 36 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އެ ޚިދުމަތާ ހަވާލުކުރުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރާ މިންވަރު އިތުރުވަމުން އަންނައިރު ވައިގެ މަގުން ކުރިއާ މެދުވެރިކޮށް އެތެރެކުރަން އުޅުން ވެސް އާންމެވެ. އެފަދައިން އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެތި ކަސްޓަމްސްއިން އެތައް ފަހަރަކު ހިފަހައްޓާފައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ސުޕްރީމް ކޯޓުގެ އިއްތިފާގާ އެކު މަރުގެ އަދަބުދޭން ފާސްކޮށް، ގާނޫނަކަށް ހަދަން މަޖިލީހުން ފާސްކުރީ މިދިޔަ ޑިސެންބަރު މަހުގެ ތިންވަނަ ދުވަހެވެ. އޭގެ ތިން ދުވަސް ފަހުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ބަދަލު ތަސްދީގުކުރައްވައިފައެވެ. އެހެންކަމުން މިހާރު ގާނޫނުގައިވާ ގޮތުން، މާޗު މަހަށްފަހު، ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް 500 ގްރާމަށްވުރެ ގިނައިން އެތެރެކޮށްފި ނަމަ މަރުގެ އަދަބު ދެވޭނެއެވެ. ބިލުގެ ޖަދުވަލު އެކެއްގައި ހިމެނެނީ، މަަނާކޮށްފައިވާ މަސްތުވާތަކެއްޗާއި އެއިން އެއްޗެއް ނުވަތަ މާއްދާއެއް އެކުލެވޭ ނުވަތަ ހިމެނޭ އެއްޗިއްސެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ