ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި 'ގެދޮރިވެރިޔާ' އަދި 'ބިންވެރިޔާ'ގެ ސްކީމްގެ ދަށުން ދީފައިވާ ގޯއްޗާއި ފްލެޓް ލިބުނު މީހުންގެ ތެރެއިން އެ ސްކީމްގެ އަސާސީ ޝަރުތު ހަމަނުވާ ފަރާތްތަކުގެ އަތުން އެތަންތަން އަތުލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ގެދޮރިވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓް ލިބުނު މީހުންނަށް އެ ލިބުނު ތަނަކުން ދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕެއިން ތެރޭ ވަނީ ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް ބައެއް މީހުންގެ އަތުން އެ ތަންތަން ދަނީ އަތުލަމުންްނެވެ.
މި ސްކީމްގެ ދަށުން ބައެއް މީހުންނަށް ލިބުނު ފްލެޓްތައް އަތުލަމުންދާ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން
މިއަދު ރައީސް އޮފީހުގައި މިނިސްޓަރު މުއްތަލިބު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ޝަކުވާއާ ގުޅިގެން ބައެއް ނޫސްވެރިން ވަނީ ސުވާލުކޮށްފައި
މިނިސްޓަރު ވިދާޅުވި ގޮތުގައި އެގޮތަށް ފްލެޓް އަތުލަނީ، "އަސާސީ ޝަރުތު ފުރިހަމަ ނުވާތީ ކަމަށް"
އެގޮތަށް 400އެއްހާ މީހުން ދެނެގަނެވިފައިވާ ކަމަށް ވިދާޅުވި
ތަފްސީލު - އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއްތަލިބް ވިދާޅުވީ ކުރީ ސަރުކާރުގައި ލިބުނު ތަނަކުން ލިބުނު ގޯއްޗެއް ދޭނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނު "މާނަކުރެެއްވީ، އޮޅުވާލުމާއި މަކަރުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކަށް ދޭ ވާހަކަ ނޫން" ކަމަށެވެ.
އެގޮތަށް މަކަރު ހަދައިގެން މި ދެ ސްކީމްގެ ތެރެއިން ވެސް ފްލެޓާއި ގޯތި ބައެއް ފަރާތްތަކަށް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިސާލަކަށް ދަންނަވާ ނަމަ، ބިންވެރިޔާ ސްކީމްގެ ތެރެއިން އޭގައި ވަރަށް ސްޕެސިފިކް ޝަރުތެއް އޮންނާނެ، މާލެއަށް އުފަން، ފެށުނީއްސުރެ މާލެ ރައްޔިތަކަށް ވާން ޖެހޭނެއޭ. އެއީ އޭގެ ބޭސިކް ޝަރުތު. އެކަމަކު އެބަހުރި އެތައް ފަރާތްތަކަށް ދީފައި މާލެއަށް މާ ފަހުން ރަޖިސްޓްރީކޮށްފައި ހުރި ފަރާތްތަކަށް،" ގެދޮރުވެރިޔާ ސްކީމުން ބައެއް މީހުންގެ ފްލެޓް ލިބުނު ކަމުގެ ލިޔުން ބާތިލުކަމަށް މިނިސްޓްރީން އެ ފަރާތްތަކަށް އަންގަމުންދާ ކަމަށް ބުނާ ޝަކުވާއާ ގުޅޭ ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވި އެވެ.
"އެއީ ބަޔަކު ގޯސްކޮށް ކޮށްފައި އޮތް ކަމެއް. އެ ހާލަތުގައި ޝަރުތު ހަމަނުވާ މީހަކަށް އޭނާއަށް ގޯތި ދޭނެ ގޮތެއް އެއީ ގާނޫނީ ގޮތުން ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން."
ރައީސް މުއިއްޒު އެ ވައުދުވެވަޑައިގެންނެވި އިރު ބެލެވިފައި އޮތީ ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޕޮއިންޓް ދިން ގޮތުގެ މައްސަލަތަކެއް ހުރެގެން އެ ފްލެޓާއި ގޯތި އަތުނުލާނެ ކަމަށެވެ. މިގޮތަށް ފްލެޓާއި ގޯތިތައް ބާތިލު ކުުރުމުގައި ޕޮއިންޓް ދިން ގޮތަށް ނުބަލާ ކަމަށާއި ބަލަމުން މިދަނީ، އަސާސީ ޝަރުތު ހަމަނުވާ މީހުންނަށް އެކަނި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ސުވާލަށް އިތުރަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ:
ގެދޮރުވެރިޔާ ސްކީމްގެ 76އިން މަތިން ޕޮއިންޓް ލިބޭ މީހުންނަށް ތިން ކޮޓަރީގެ އެޕާޓްމަންޓް ލިބޭނެ ކަމަށް އެ ސަރުކާރުގައި އޭރު އިއުލާންކުރި
ނަމަވެސް 76އިން މަތިން ޕޮއިންޓް ލިބުނު މީހުންގެ ތެރެއިން 400އަށް ވުރެ ގިނަ މީހުންނަށް ފްލެޓް 'އެލޮކޭޓްނުކޮށް' ނުވަތަ ހާއްސަނުކޮށް ހުރީ
އޭގެ އިތުރުން، އެ 400 ފްލެޓް، 75 ޕޮއިންޓް ލިބުނު މީހުންގެ މެދުގައި ގުރުއަތުލައިގެން އެމީހުންނަށް ދީފައިވޭ
"އަޅުގަނޑުމެން އެއްވެސް ވަރަކަށް ލިސްޓުގައި ނެތް މީހެއް، ލިސްޓަށް ނާރުވަން. އެހެން ނަމަވެސް މި ދެންނެވި ގޮތަށް ފްލެޓް ހުރި ވަރަށް ވުރެ އިތުރަށް ދީފައި ހުރިއްޔާ ކިހިނެއްތޯ ހަދާނީ؟ އެހެންވީމަ، އޭގެ ތެރެއިން ބަލަން ޖެހޭނެ ނޫންތޯ ކޮން ބައެއްތޯ އަސާސީ ޝަރުތު ހަމަވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުގެ މަތިން، ފްލެޓް އެލޮކޭޓް ނުކޮށް ހުރި ފަރާތްތަކަށް ފްލެޓް ދިނުމަށް އަސާސީ ޝަރުތު ހަމަނުވާ ބައެއް މީހުން ލިސްޓުން އުނިކުރަމުންދާ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
"އޭގެ ތެރެއިން [ފްލެޓް ލިސްޓުން އުނިކުރާ މީހުންގެ ތެރެއިން] އަމިއްލަ ބޯހިޔާވަހިކަން ހުރި، ފްލެޓް ހުރި ބައިވަރު ފަރާތްތައް އެބަހުރި. އަދި ލިޔެކިޔުންތަކުން އެބަ އެނގޭ މާލޭގައި 15 އަހަރު ނޫޅޭ ފަރާތްތަކެއްކަން،" އެގޮތަށް އަސާސީ ޝަރުތު ހަމަނުވާ 400އެއްހާ ފްލެޓް ލިބުނު މީހުން ތިބިކަން ފާހަގަކުރައްވައި އޭޭނާ ވިދާޅުވި އެވެ.
"އެހެންވީމަ، ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުގެ ތެރެއިން ޝަރުތު ހަމަނުވާކަން ސާބިތުވާ ނަމަ، އެ ފަރާތެއްގެ ފްލެޓް ކެންސަލްކޮށްފައި އޮންނާނީ."
އެގޮތަށް ފްލެޓް މިހާރު ކެންސަލްކުރި މީހުންގެ ތެރޭގައި އަމިއްލަ ފްލެޓް/ބިން ހުރި މީހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ މީހުން ކަމެއް ވިދާޅެއް ނުވެ އެވެ.
"ލިބިފައި އޮތް ތަނަކުން ދޭނަމޭ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ޕޮލިސީ އަޅުގަނޑުމެން އިމްޕްލިމެންޓް ކުރިން. އެހެން ނަމަވެސް އެ އިމްޕްލިމެންޓް ކުރުމުގައި ދިމާވި ދަތިތަކާއި ބެލި ކަންތައްތައް އަޅުގަނޑު މި ދެންނެވީ. އަސާސީ ޝަރުތު ހަމަވެގެން ނޫން ގޮތަކަށް އެއްވެސް މީހެއްގެ އަތުން [ފްލެޓް] ކެންސަލްކޮށްފައި ނޯންނާނެ،" މުއްތަލިބު ވިދާޅުވި އެވެ.
"ގާތްގަނޑަކަށް 450 [ފްލެޓް] އެބަ އުޅޭ... އެކަމަކު ބައެއް ކޭސްތައް އެބަހުރި ރިވިއުގައި ހުރި ކޭސްތައް. އެއްވެސް މީހެއްގެ އެއްޗެއް ކެންސަލް ނުކުރަން އެ މީހުންނަށް ފުރުސަތު ދީފައި، ކޮމިއުނިކޭޝަންތައް ހިންގާފައި ނޫނީ. ހަމަ އާބިޓްރަލީ ކެންސަލްކޮށްފައި ފޮނުވާލަނީކީ ނޫން،" މިގޮތަށް ކިހާ އަދަދެއްގެ މީހުންގެ ފްލެޓް ކެންސަލްކޮށްފިންތޯ އެހުމުން މިނިސްޓަރު ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންގެ ތެރޭގައި އަސާސީ ޝަރުތު ހަމަނުވާ ބަޔަކު ތިބި ކަމަށް މިނިސްޓަރު މިއަދު ވިދާޅުވި ނަމަވެސް، އެ ގޯތިތައް އަތުލާނެ ކަމަށް ސަރުކާރުން މީގެ ކުރިން ހާމަކޮށްފައެއް ނުވެ އެވެ.
ޝަރުތު ހަމަނުވާ މީހުންގެ ފްެލެޓްތައް އަތުލަމުން ދާއިރު، އަސާސީ ޝަރުތު ހަމަނުވާ މީހުންގެ ގޯތިތައް އަތުނުލަނީ ކީއްވެގެންތޯ 'ދައުރު'ން ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ:
މި ސަރުކާރު ވެރިކަމަށް އައިއިރު، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބައެއް މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަދައި، ބައެއް މީހުންނަށް ގޯތި ލިބުނު ކަމުގެ ލިޔުން އޮތީ ހަވާލުކޮށްފައި
މި ސްކީމް ދަށުންނާއި ސްކީމުން ބޭރުން ގޯތި ލިބުނު ބައެއް މީހުންގެ މައްސަލަތަކުގެ ތަހުގީގު ފުލުހުގައި ވެސް ކުރިއަށް އެބަދޭ
އެ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންގެ ލިސްޓު ރިވިއުކުރަމުން ނުދާ ކަމަށާއި ނަމަވެސް، އެ ގޯތިތަކުގައި އިމާރާތް ކުރުމުގެ ހުއްދައަށް ބަޔަކު އެދިއްޖެ ނަމަ، 'ރިވިއުކުރުމަށް' މިނިސްޓްރީއަށް އެންގުމަށް އެޗްޑީސީއަށް އަންގާފައި ވާނެ ކަމަށް
އެޗްޑީސީން އެގޮތަށް ފޮނުވުމުން، މިނިސްޓްރީން 'ރިވިއު ކުރުމަށް ފަހު، މައްސަލަ ދިމާވާ ނަމަ، އިމާރާތް ކުރުމުގެ ހުއްދަ ނުދީ މަޑުކުރުމަށް އަންގަމުންދާ' ކަމަށް
"ރަޖިސްޓްރީ ހަދާފައި އޮތް އެއްޗެއްވީމަ، މި ވަގުތަށް ކުރެވޭނެ ކަމަކީ، ހަވާލުކުރުން ނުވަތަ އިމާރާތް ކުރުން ހުއްޓުވޭ ކަމުގައިވާ ނަމަ، އެކަންތައް ކޮށްފައި އޮންނާނީ. އަޅުގަނޑުމެން ތަފާތެއް ނުކުރަން [ފްލެޓް ލިބުނު މީހުންނާއި ގޯތިި ލިބުނުު މީހުން]. ޝަރުތު ހަމަނުވާ ނަމަ [ގޯތިތައް ވެސް] ނުދޭނަން،" މުއްތަލިބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގޯތި ލިސްޓު ވަކިން ނުބަލާތީ މައްސަލަ ހުރީ ކިތައް އެޕްލިކޭޝަންގައި ކަން ނޭނގޭ ކަމަށެވެ. އަދި މިހާތަނަށް މައްސަލަ ދިމާވީ ކިތައް މީހުންގެ ގޯތިތަކުގައިތޯ އެހުމުން ވިދާޅުވީ، އެ އަދަދުތައް މިވަގުތު އަތުގައި ނެތް ކަމަށެވެ.
"އަސާސީ ޝަރުތު ހަމަނުވަންޏާ ނުދެވޭނެ ނޫންތޯ. އާދެ [ޝަރުތު ހަމަނުވާ ނަމަ ގޯތިތައް ވެސް އަތުލާނަން]. އަޅުގަނޑު މި ދެންނެވީ ނޫންތޯ ހަވާލު ވެސް ނުކުރާނަމޭ," އަސާސީ ޝަރުތު ހަމަނުވާ ގޯތި ލިބުނު މީހުންގެ ގޯތިތައް އަތުލާނަންތޯ އެހުމުން މިނިސްޓަރު ވިދާޅުވި އެވެ.
އަސާސީ ޝަރުތު ހަމަނުވާ ނަމަ، ކުރީ ސަރުކާރުން ދިން ފްލެޓާއި ގޯތި އަތުލާނަން: މުއްތަލިބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ