އިދިކޮޅުގެ ވިޔާނުދާ ގޮވާލުންތަކަށް ރައްޔިތުން އިޖާބަ ނުދިނުމަށް ގޮވާލަން: މެމްބަރު އިބްރާހިމް ދީދީ

ގައުމު ނާޒުކު ފައްތަރެއްގައި އޮތް ވަގުތެއްގައި އެމްޑީޕީ މީހުން އެކަމުގެ ނާޖާއިޒް ފައިދާ ނަގަން މަސައްކަތް ކުރާނެ ކަމަށާއި އެހެންކަމުން އެފަދަ ވިޔާނުދާ ގޮވާލުންތަކަށް އިޖާބަނުދިއުމަށް ފޭދޫ ފެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ގޮވާލައްވައިފިއެވެ.
އަސްލުޓީގެ «ރައްޔިތުންގެ ވެރިކަން » ކަވަރޭޖްގައި ވާހަކަ ދައްކަވަމުން މެންބަރު ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބަވަނީ ގާނޫނު އަސާސީ އާއި ރައްޔިތުންގެ ނިންމެވުންތަކަށް ތަބާނުވެ އަމިއްލަޔަށް ގޮތް ނިންމާ ބޭފުޅުން ކަމަށާއި، ހުދު އެޕާޓީގެ މެންބަރުންވެސް ޕާޓީ ދޫކުރައްވާ ވަޑައިގަންނަވަނީ އެސަބަބަށްޓަކައި ކަމަށް މެމްބަރު ވިދާޅުވިއެވެ. އެމްޑީޕީއަކީ "ގަޑުބަޑު" ވެފައި އޮތް ޕާޓީއެއް ގޮތުގައި ސިފަ ކުރައްވާ މެމްބަރު ވިދާޅުވީ އެމްޑީޕީގެ ބައެއް ލީޑަރުން ގާނޫންއަސާސީ އާ ގާނޫނުތަކާ ހިލާފުވާން ހިތްވަރުދޭ ކަމަށެވެ. މެމްބަރު ވިދާޅުވީ އެމްޑީޕީގައި ގައި ތިއްބެވީ ގާނުނޫ އަސާސީއާ ހިލާފުވާން ފަރިތަ ބޭފުޅުންކަމަށެވެ.
މެމްބަރު ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަނީ އެޕާޓީގެ އެކްޓިވިސްޓުންނަށް ކަމަށާއި ޕާޓީގެ ހަމަ ހަމަ ކަމާއި އަދުލު އިންސާފެއް ނޯންނަ ކަމަށެވެ. ގާނޫނު އަސާސީގެ ދިފާއުގައި ވާހަކަ ދައްކާއިރު، އެމްޑީޕީގެ ވެރިކަމުގައި އެބޭފުން ތިބީ ގާނޫނުއަސާސީގެ މައްޗަށް ކޮޅަށް އަރާ ކަމަށް މެންބަރު ވިދާޅުވިއެވެ.
ރާއްޖޭގެ އިޖުތިމާއީ ފޭރާން ވީދާލީ އެމްޑީޕީން ކަން ފާހަގަ ކުރައްވާ މެމްބަރު ވިދާޅުވީ ހުރިހާ ވިޔާނުދާ ކަމެއް ރާއްޖޭގައި ފަތުރާލީ އެމްޑީޕީން ކަމަށެވެ. މެމްބަރު ވަނީ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުނު އިރު ކުރެވުނީ ކޮންކަމެއްތޯ ސުވާލުކުރައްވާފަައެވެ.
މެންބަރު ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަނީ ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ނޫން ކަމަށާއި ރާއްޖޭގެ ކުށުގެ ވެށީގައި ހިނގާ މައްސަލަތައް މިސަރުކާރުން ހުއްޓުވަން އުޅޭތީ އެކަމުގެ ދިފާއުގައި ކަމަށެވެ. މެމްބަރުވިދާޅުވީ އެހެންނަމަވެސް ސަރުކާރުން ދޫ ނެދޭނެ ކަމަށާއި ރައީސުލްޖުމްހޫިރއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކަމަށެވެ. ރާއްޖޭގެ މުސްތަގުބަލު ކުރިޔަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ވަރަށް އުޖާލާވާނެ ކަން ފާހަގަ ކުރައްވާ މެމްބަރު ވިދާޅުވީ ހައްދުފަހަނައަޅާ ދާ ކަންކަން ކުރަން މި ސަރުކާރުން ދޫ ނުދޭނެ ކަމަށެވެ.
ގައުމު އޮތީ ނާޒުކު ފައްތަރެއްގައިކަން ފާހަގަ ކުރައްވާ މެމްބަރު ވިދާޅުވީ މިފަދަ ކޮންމެ ވަގުތެއްގައި އެމްޑީޕީ މީހުން އެކަމުގެ ނާޖާއިޒް ފައިދާ ނަގަން މަސައްކަތް ކުރާނެ ކަމަށެވެ. އެހެންކަމުން އެފަދަ ވިޔާނުދާ ގޮވާލުންތަކަށް އިޖާބަނުދީ ބީރު ކަންފަތެއްދީގެން ގައުމާއިގެން ކުރިޔަށް ދިއުމަށް މެމްބަރު ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ