އިގުތިސާދީ ގޮތުން ދަތި ވަގުތެއްގައި ވެރިކަންކުރުމަކީ ގޮންޖެހުމެއް: ރައީސް ޔާމީން

އެމްއެމްއޭއިން ޑޮލަރު މާރުކުރަން ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ލާޒިމުކުރި ކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް އޮތްކަމެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އިގުތިސާދީ ގޮތުން ދަތި ވަގުތެއްގައި ވެރިކަންކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. 
ރާއްޖެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޔާމީންވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް އާމްދަނީގެ ގޮތުގައި ލިބޭ ބޭރު ފައިސާއިން ވަކި މިންވަރެއް މާރުކުރުން ލާޒިމުކުރުމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ. 
ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ރިސޯޓުތަކުގެ ވެރިންނަށް ޑޮލަރުން ލިބޭ އާމްދަނީއަކީ އެމީހުންގެ ފައިސާކަން ފާހަގަކުރައްވައި ރައީސް ޔާމީނު ވިދާޅުވީ އެމީހުން ޓެކުހުގެ ގޮތުގައި ފައިސާ ދައްކަމުން އަންނަނީ ޑޮލަރުން ކަމަށެވެ. ޓެކުހެ އިތުރަށް އެމީހުންގެ އާމްދަނީން މިންވަރެއް މާރުކުރުން ލާޒިމުކުރުމަކީ އަހުލާގީ ގޮތުން ރަނގަޅު ކަމެއްތޯ ސުވާލު އުފެދޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 
އިތުރު ކަމެއްގެ ގޮތުގައި ރައީސް ޔާމީނު ފާހަގަކުރެއްވީ ރާއްޖޭގެ ގާނޫނީ ފައިސާގެ ގޮތުގައި ރުފިޔާ އޮތް ނަމަވެސް، އެތައް ބައިވަރު ވިޔަފާރިއަކަށް ޑޮލަރު ގަނެގެން ޑޮލަރުން ވިޔަފާރިކުރަން ހުއްދަ ދީފައިވާ ކަމަށެވެ. ނަމަވެސް ސިންގަޕޫރު ފަދަ ގައުމުތަކުގައިވެސް ޑޮލަރުން މުއާމަލާތްނުކުރެވޭކަން ފާހަގަކުރެއްވި އެވެ. 
މި ބަދަލާމެދު ފަތުރުވެރިކަމުގެ ސިނާއަތުގެ ކަންބޮޑުވުންތައް އުޅޭ ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ އެކަށީގެންވާ މުއްދަތެއް ނުދީ، އަދި ރަނގަޅަށް މަޝްވަރާނުކުރެވި އެ ނިންމުން ނިންމުމެވެ. އެމަނިކުފާނު ވިދާޅުވީ އެކަށީގެންވާ މުއްދަތުތަކެއް ދިނުމަށްފަހު އެ ނިންމުން ނިންމިނަމަ އިންޑަސްޓްރީއަށް އެ ނިންމުން ބަލައިގަންނަން ފަސޭހަވީސް ކަމަށެވެ. 
"އޭގެ ޒާތުގައި އަޅުގަނޑަށް އޮތް މައްސަލައެއް ނޫނޭ ޑޮލަރު މާރުކުރުވުމަކީ.،" އުސޫލެއްގެ ގޮތުން އެ ސިޔާސަތާމެދު މައްސަލައެއް ނެތްކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވި އެވެ. އެހެންނަމަވެސް ސަރުކާރުން އެ ސިޔާސަތު ތަންފީޒުކުރާ ގޮތުގައި މައްސަލަތަކެއް ހުރިކަމަށް ވިދާޅުވި އެވެ. 
އިތުރަށް ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކީ މިހާރު އޮތް ޑޮލަރުގެ ތާށިކަން ހައްލުކުރުމަށް ކަމުގަ އެވެ. އަދި އެ ސިޔާސަތުތަކުން ފަތުރުވެރިކަމުގެ ސިނާއަތަށް ދަތިތަކެއް ކުރިމަތިވާނެކަން ސަރުކާރަށްވެސް އެނގޭނެ ކަމަށާއި، ނަމަވެސް ޑޮލަރު ނުލިބުމުން ގެއްލޭ މަސްލަހަތުތައް މާބޮޑުވާނެ ކަމަށްވެސް ވިދާޅުވި އެވެ. 
"ޓޫރިޒަމް އިންޑަސްޓްރީއާއެކު ކޮންމެވެސް ކަހަލަ ނެގޯޝިއަންސްތަކެއް، ކޮންމެވެސް ކަހަލަ އަންޑަސްޓޭންޑިންއަކަށް އަންނާނެ ކަމުގައި އަޅުގަނޑަށް ގަބޫލުކުރެވޭ،" ރައީސް ޔާމީން ވިދާޅުވި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ