ވިލާ ގްރޫޕުން ލަންކާއަށް 100،000 ޑޮލަރު ހަދިޔާކޮށްފި ވިލާ ގްރޫޕުން ލަންކާއަށް 100،000 ޑޮލަރު ހަދިޔާކޮށްފި

ތޫފާނު ޑިޓުވާގެ ސަބަބުން އަވައްޓެރި ސްރީ ލަންކާއަށް ލިބެމުންދާ ގެއްލުންތަކަށް އެހީވުމުގެ ގޮތުން ރާއްޖޭގެ ވިލާ ގްރޫޕުން އެއް ލައްކަ ޑޮލަރު މިއަދު ހަދިޔާކޮށްފި އެވެ.
ވިލާގެ އެހީ ހަވާލުކޮށްދެއްވީ ވިލާ ރިސޯޓްސްގެ ސީއީއޯ ސިޔާދް ގާސިމް އެވެ. އެހީއާ ހަވާލުވެވަޑައިގަތީ ލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން އެވެ.
ތޫފާނުގެ ސަބަބުން ލަންކާގައި މިހާތަނަށް 212 މީހުން ވަނީ މަރުވެފަ އެވެ. އަދި ތޫފާނުގައި 218 މީހަކު ވަނީ ގެއްލިފަ އެވެ. އަދި މަދުވެގެން 50،000 ގެ ތޫފާނުގެ ސަބަބުން މުޅިން ހަލާކުވެފައިވާ ކަމަށް ބެލެވެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގެ ގޮތުގައި ފާހަގަ ކުރެވޭ ވިލާ ގްރޫޕުގެ އިތުރުން ބައެއް އެހެން ބޮޑެތި ކުންފުނިތަކުން ވެސް ދަނީ ލަންކާއަށް އެހީތެރިވަމުންނެވެ. އެގޮތުން ސަން ސިޔާމް ގްރޫޕާއި ކްރައުން އެންޑް ޗަމްޕާ އާއި އެލިއާ މޯލްޑިވްސް އިން ވެސް ވަނީ ލަންކާއަށް އެހީތެރިވެފަ އެވެ.
ރާއްޖޭގެ އިތުރުން ލަންކާގައި ވެސް ރިސޯޓެއް ހިންގާ ސަން ސިޔާމް ގްރޫޕުން ވަނީ ލަންކާއަށް 200،000 ޑޮލަރު ހަދިޔާކޮށްފަ އެވެ. ކްރައުން އެންޑް ޗަމްޕާއިން ވަނީ 10،000 ޑޮލަރުގެ އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ. އެލިއާއިން ވަނީ 20،000 ޑޮލަރު ލަންކާއަށް ދީފަ އެވެ.
އޭގެ އިތުރުން، "ލަންކާއާއެކު ދިވެހިން" ގެ ނަމުގައި ބާއްވާ ޓެލެތޯނަށް ވެސް ގިނަ އަދަދެއްގެ ފައިސާ ދިވެހި އެކި ކުންފުނިތަކާއި އާންމުން ދަނީ ހަދިޔާ ކުރަމުންނެވެ. ޕަބްލިކް ސާވިސް މީޑިއާއިން ބުނާ ގޮތުގައި އެ ޓެލެތޯނަށް މިހާތަށް 10 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
އެ ޓެލެތޯނަށް މިހާތަނަށް އެންމެ ބޮޑު އަދަދެއްގެ ފައިސާ ހަދިޔާ ކުރީ ދިވެހި ފުލުހުންގެ ފަރާތުންނެވެ. ފުލުހުން ވަނީ ޓެލެތޯނަށް 2.4 މިލިއަން ރުފިޔާ ދީފަ އެވެ. ދިވެހި ސިފައިންގެ ފަރާތުން ވެސް އެއް މިލިއަން ރުފިޔާ ހަދިޔާ ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ