ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސް، ރަސްމާލެ ހިއްކުން 3 ގުނަ އަވަސްކޮށްފި

ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ރާއްޖެ ގެނެސް، ބިން ހިއްކުމުގެ މަސައްކަތް 3 ގުނަ އަވަސްކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ރާއްޖެ ގެނެސް ބިން ހިއްކުމުގެ މަސައްކަތް ތިން ގުނަކޮށްފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ކްރިސްޓަބަލް ކޮލޯންގެ ނަން ދީފައިވާ މި ޑްރެޖަރު ބޭނުންކޮށްގެން ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ ރޭ ފަތިހު ކަމަށެވެ.
ރޭގެ ފަތިހުގެ ވަގުތެއްގައި ވެލި ނަގަން ފަށައި، މިއަދު މެންދުރެއްހާއިރު، ވެލި އަޅަން ފަށާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. "(ޑްރެޖަރު) މޮބިލައިޒް ކުރީ 30 ނޮވެމްބަރުގައި. ވެލި ނަގަން ފެށީ ރޭގެ ފަތިހު. މިއަދު 11:41 ގައި ވެލި އަޅަން ފަށައިފި." ރައީސްގެ ޕޯސްޓުގައި ހިއްސާކޮށްފައި ވެއެވެ.
ރައީސް ވިދާޅުވި ގޮތުގައި ރަސްމާލެ ތަރައްގީ ކުރަމުން ދަނީ ސަތޭކަ ޕަސެންޓު ނެޓް ޒީރޯ ކާބަން، ސްްމާޓް އިކޯ ސިޓީއެއްގެ ގޮތުގަ އެވެ. އެ މަޝްރޫއުއަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ކްލައިމެޓް އެޑެޕްޓޭޝަން މަޝްރޫއު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެެ.
ފުށިދިއްގަރު ފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އެ ފަޅުން 1153 ހެކްޓަރު ހިއްކަން ނިންމާފައި ވާއިރު މި މަޝްރޫއުގެ ފުރަތަމަ ހިއްކާ 29 ހެކްޓަރު ބޭނުންކުރާނީ މަޝްރޫއުގެ ބޮޑެތި ފިޔަވަހިތައް ނިންމުމަށް ބޭސްއެއްގެ ގޮތުގައެވެ. ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ ރަސްމާލެ ތަރައްގީ ކުރާނީ ޒީރޯ ކާބަން، ސޭފް އައިލެންޑް ކޮންސެޕްޓަށެވެ. ބިމުގެ ބޮޑު މިނަށް ބަލާ ނަމަ މިއީ، ހުޅުމާލެ ފޭސް 2 ހިމެނޭހެން ހުޅުމާލޭގެ ތިން ގުނަ ބޮޑު ސިޓީއެކެވެ.
ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ ވެގެންދާނީ އިންޑިޔާ ކަނޑުގައި ތަރައްގީކުރާ ފުރަތަމަ ޒީރޯ ކާބަން ސިޓީކަމަށާއި، މިއީ ޓެކްނޮލޮޖީގެ އިތުރުން ތިމާވެއްޓާއި ރައްޓެހި އިތުރު އީޖާދީ ބަދަލުތައް ރާއްޖެއަށް ތައާރަފް ވެގެންދާނެ މަޝްރޫއެއްކަމަށް ސަރުކާރުން މީގެ ކުރިން ވެސް ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ މަސައްކަތް ދިގު ދެމިގެންދާތީ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ކަމަށް ބުނެ މިދިޔަ ހަފްތާ ވަނީ އިދިކޮޅު ޕީޖީ ގުރޫޕުގެ މެންބަރުން އެ ސަރަހައްދަށް ޒިޔާރަތްކޮށް މަސައްކަތް ކުރިއަށްދާ މިންވަރު ބަލާފައެވެ.
ރަސްމާލެ އިން 25،000 ގޯތި ދޭން މި ސަރުކާރުން ނިންމާފައިވެ އެވެ. އޭގެ ތެރެއިން 15،000 ގޯއްޗާއި 7،500 ފްލެޓު ދޫކުރަން ނިންމައި އެކަމުގެ އުސޫލު ވެސް ވަނީ އިއުލާނު ކޮށްފަ އެެވެ. އެ މަޝްރޫއުއަށް ކުރިމަތިލާން ހުޅުވާލާނީ އަންނަ އަހަރުގެ ޖެނުއަރީ 4 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ