އިހުސާނަށް ނޯޓެއް: އަގު ނަގަންވީ މައުލޫމާތު ނުދޭނަމަ!

އެނގޭތޯއެވެ! މިނިސްޓްރީއަކަށް ޑެޕިއުޓީ މިނިސްޓަރަކު, ނުވަތަ މިނިސްޓަރުންގެ ފެންވަރުގައި ބޭފުޅަކު އައްޔަންކުރެއްވި ޚަބަރު ލިޔަން މިހާރު ލިބެނީ, އެ ބޭފުޅަކު ނޫހުގައި އެ ޚަބަރު ޖަހާހިތުން އިސްވެ, ނޫސްވެރިންނަށް ގުޅައި އެ މައުލޫމާތު ދިނުމުންނެވެ. މި ސަރުކާރު ފިޔަވާ މި ފަހުން މި ރާއްޖޭގައި ވެރިކަން ކުރި ހުރިހާ ސަރުކާރުތަކެއްގައި ވެސް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތަކީ ވަރަށް ފަސޭހައިން ލިބެން ހުންނަ މައުލޫމާތެވެ. ރައީސް އޮފީހުގެ ވެބްސައިޓުން އެ މައުލޫމާތު ލިބެން ހުރެއެވެ. އަދި، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާނާއެކު ހުރީ ފެންނާށެވެ. އަދި، ސިޔާސީ އިސް މަގާމަކަށް ބޭފުޅަކު އައްޔަން ކުރައްވައިފިނަމަ ރައީސް އޮފީހުން އިސްވެ, މީގެ ކުރިން އެ މައުލޫމާތު ހާމަކުރެއެވެ. ނަމަވެސް، މި ސަރުކާރަށް ބަލާއިރު އެކަން އެ ގޮތަކަށް ހިނގާތަނެއް ނުފެނެއެވެ. އޭގެ އެއް މިސާލަށް ބަލާއިރު މިދިޔަ ހަފުތާއާއި މި ހަފުތާގައި ވެސް ޔޫތު މިނިސްޓްރީއަށް 35,000 ރުފިޔާގެ މަހު މުސާރައެއް ލިބޭ ދެ ޑެޕިއުޓީ މިނިސްޓަރުން އައްޔަންކުރައްވައިފިއެވެ. އެކަން އެ މަގާމުތަކަށް ވަޑައިގެންނެވި ބޭފުޅުން ޔަގީންކޮށްދެއްވި ނަމަވެސް އަދިވެސް ސަރުކާރުން އިސްވެ އެ މައުލޫމާތެއް ނުދެއެވެ. މައުލޫމާތު ނުދޭތާ ރައީސް އޮފީހުގެ ވެބްސައިޓުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި އެ ދެ ބޭފުޅުންގެ މައުލޫމާތު އަދިއަދަދަށް ވެސް ހިމަނާފައެއް ނުވެއެވެ. އިހުސާންގެ ޚިޔާލާ މެދު ކަންބޮޑުވުން! ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ހޭދަތަކުގެ މައުލޫމާތު ހާމަކުރުން އޮތީ މިހާ ދެރަކޮށެވެ. އެ ހާލަތުގައި އެކަން އޮއްވައި ރައިޓް ޓު އިންފޮމޭޝަން (އާރުޓީއައި)އިން މައުލޫމާތު ދިނުމަށް ފީއެއް ނަންގަވާ ޚިޔާލު ދެއްވައި, ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ދެއްކެވި ވާހަކަފުޅުތަކަކީ ހަގީގަތުގައި ވަރަށް ކަންބޮޑުވާ ވާހަކަތަކެކެވެ. https://www.sun.mv/214756 ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންތަކެއް އިސް ނަގައިގެން ކުރިއަށްގެންދާ 'ނޯ ކެޕް ޖަސްޓް ފެކްޓްސް' ކެމްޕޭން ލޯންޗުކޮށްދެއްވަން އެ ޔުނިވާސިޓީއަށް ވަޑައިގެން, މިދިޔަ އަންގާރަ ދުވަހު ދެއްކެވި ވާހަކައިގައި އިހުސާން ވަނީ މައުލޫމާތު ހޯދުމާއި ފޯރުކޮށްދޭން ހިނގާ ޚަރަދުގެ މައްޗަށް ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. އެ ޚަރަދާ މެދު އޭނާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެހެންވެ، ގިނަ ގައުމުތަކުގައި ހޯދަން އެދޭ މައުލޫމާތަށް ބަލާފައި ކޮންމެ ވެސް ވަރެއް ޗާޖްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ މިސާލެއް ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ވަރަށް ފަހުން ބޭއްވި ރަސްމިއްޔާތެއްގައި ކެއްކީ ކިތައް މީހުންނަށްތޯއާއި ޚަރަދުވި ވަރުގެ އިތުރުން ވަކި ބޭފުޅަކު ކެއީ ކިހާ ވަރަކަށްތޯ ބަލަން މީހަކު އެދުނު ކަމަށެވެ. އެއީ، ހޯދަން ވަރަށް ދަތިވާނެ މައުލޫމާތެއްކަން ފާހަގަކުރައްވައި އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. "ކިހިނެއް އެ ހިސާބު ޖަހާނީ؟ 50 ގުޅަ ހަވީރު ސަޔަށް ހެދީ، އަހުމަދު އެ ރަސްމިއްޔާތަށް އައިސް ކެއީ ކިތައް ގުޅަހޭ؟ އަހަންޏާ ހަމަ ސިޓީއެއްގައި ޖަހާފައި މަހޯލި ޕޯޓަލް ތެރެއިން ފޮނުވާލަންވީ.... ޒިންމާދާރުކަމާ އެކު ބޭނުންކުރެވޭނެ ގޮތެއް އަޅުގަނޑުމެން އެންމެން ވެގެން އެބަޖެހޭ ޖެނަރޭޓްކުރަން،" އޭނާ ވިދާޅުވިއެވެ. އެ ޚިޔާލު ދެއްވި ނަމަވެސް އިހުސާން ވަނީ ފަހަރުގައި މިހާރު އޮތް ގޮތް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ވެދާނެ ކަމަށް ވިދާޅުވެފައެވެ. އެކަމަކު، އެއީ ބޮޑު ޚަރަދެއް ހިނގާ ކަމެއްކަން ތަކުރާރުކޮށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.އެގޮތުން، ދައުލަތުގެ ކޮންމެ އިދާރާއެއްގައި މިހާރު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަންނަ ރިކުއެސްޓްތަކަށް ޖަވާބުދޭން އިންފޮމޭޝަން އޮފިސަރެއް ހުރުން ލާޒިމުވާ ކަމަށާއި އަދި އޭނާގެ އަމަލުތައް ބަލަން އެޕީލް އޮފިސަރެއް ވެސް ހުންނަންޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި, ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކޮށް, ހަމަ އެ ވެރިކަމުގައި އަމަލު ކުރަން ފެށި, މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަކީ ޑިމޮކްރެޓިކް މުޖުތަމައުއަކަށް ވަރަށް މުހިންމު ގާނޫނެކެވެ. ސަބަބަކީ ކަންކަން ފޮރުވުމުގެ ފަހަތުގައި ގިނަ ފަހަރަށް ވާނީ ކޮންމެ ވެސް ކޮރަޕްޝަންގެ އަމަލުތަކެއް ކަމަށްވާތީއެވެ. އެހެންކަމުން ރައްޔިތުންގެ ފައިސާއާއި މުދަލާއި ވަސީލަތްތަކާ ހަވާލުވެތިއްބަވާ ބޭފުޅުން ވާން ޖެހޭނީ ކަންކަން ފޮރުވުމަށް އުޅުއްވާ ބަޔަކަށް ވުރެ ބޮޑަށް ކަންކަން ހާމަކުރައްވަން އިސްކަން ދެއްވާ ބަޔަކަށެވެ. ނާރެސް ޕޯޓަލާއި އެ އޮޕަރޭޝަންގެ ފޭސް ދޭއް އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސްއިހުސާނަށް އެނގިވަޑައިގެންފައި ނެތީކަމެއް ނޭނގެއެވެ. މިހާރު ވެސް މައުލޫމާތު ހޯދަން ފޮނުވާ ރިކުއެސްޓްތަކުން ފީއެއް ނެގޭނެ ގޮތް ގާނޫނުގައި އޮވެއެވެ. އެކަމަކު، އެއީ މައުލޫމާތު ހޯދުމަށާއި ބެލުމަށާއި އެއްކުރުމަށާއި ކަށަވަރުކުރަން ކުރާ މަސައްކަތަށް ނަގާ އަގަކަށް ވެގެންނުވާނެ ކަމަށް ގާނޫނުގައި ލިޔެފައި އޮވެއެވެ. އަދި، މާލީ ގޮތުން ތަނަވަސްކަން ނެތް މީހުންނަށް ހުރަހަކަށްވާ ގޮތަށް ވެސް ފީ ނަގައިގެން ނުވާނެ ކަމަށް ގާނޫނުގައި އޮވެއެވެ. އިންފޮމޭޝަން އޮފިސަރާއި އޭނާގެ މަސައްކަތް ބަލަން ހުންނަ, އެޕީލް އޮފިސަރަށް ހިނގާ ހަރަދަކީ ބޮޑު ހަރަދެއްގެ ގޮތުގައި މިނިސްޓަރު ސިފަ ކުރެއްވިއިރު, އެ ހަރަދު ނުކުރާނަމަ ކޮރަޕްޝަންގެ ތެރެއިން ލިބެން އޮތް ގެއްލުން މާ ބޮޑުވާނެއެވެ. އަނެއް ކޮޅުން އެ ވަޒީފާތަކަކީ ބޮޑު ހަރަދެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއިރު, މި ސަރުކާރުގައި މިހާރު ވެސް މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ކުރާނެ ކަމެއް ނެތި, ބޮޑު މުސާރަ ނަގައިގެން އެތައް ވަޒީފާއެއްގައި އެތައް ބަޔަކު އެބަތިއްބެވެ. އިހުސާން ހިންގަވާ ހޯމް މިނިސްޓްރީއަކީ އެފަދަ ސިޔާސީ މަގާމުތައް އެންމެ ގިނަ އެއް މިނިސްޓްރީއެވެ. ޚަރަދު ކުޑަ ކުރަން ބޭނުންވާނަމަ ފުރަތަމަ އުވާލަން ފެންނަނީ އެ ބޭކާރު ސިޔާސީ ވަޒީފާތަކެވެ. ގާތްގަނޑަކަށް ބޭކާރު ވިއްސަކަށް ސިޔާސީ ވަޒީފާ އުވާލިޔަސް އިންފޮމޭޝަން އޮފިސަރުންނާއި އެޕީލް އޮފިސަރުންނަށް ކުރަން ޖެހޭ ހޭދަ ސަލާމަތް ވާނެއެވެ. އާރުޓީއައިތަކަށް މައުލޫމާތު ދިނުމަށް ކުރަން ޖެހޭ ހޭދައިން މިސާލު ދައްކަވަމުން އިހުސާން އެ ވިދާޅުވަނީ ރަސްމިއްޔާތަކަށް ކެއްކީ ކިތައް މީހުންނަށްތޯއާއި ޚަރަދުވީ ކިހާ ވަރެއްތޯ ސާފުކުރަން އަހާ ވާހަކައެވެ. އެ ސުވާލު ނޫސްވެރިން, ނުވަތަ ރައްޔިތުން އަހަން ޖެހެނީ ސަބަބުތަކެއް އޮތަތީއެވެ. އެފަދަ ކަންކަމަކީ ވެސް ގިނަ ފަހަރަށް ކޮންމެ ވެސް ކޮރަޕްޝަންގެ އަމަލުތަކެއްގެ ތެރެއިން ކޮންމެ ވެސް ގާތް މީހަކަށް ދީފައި ހުންނަ މަސައްކަތްތަކަކަށް ވާތީ އެ މައުލޫމާތު ސާފު ކުރަން ޖެހެއެވެ. މީގެ ކުރީ ސަރުކާރުތަކަށް ބެލި ނަމަވެސް ސަރުކާރުން ބާއްވާ އެކިއެކި ހަފުލާތަކާއި ރަސްމިއްޔާތުތަކުގެ އެކިއެކި ކަންކަން, ސިޔާސީ ގޮތުން ގާތް މީހުންނާ ހަވާލުކޮށްގެން, ރައްޔިތުންގެ ޓެކްސް ފައިސާއަށް ކިތަންމެ މިލިއަން ރުފިޔާއެއްގެ ޚިޔާނާތް ވެފައި އެބަހުއްޓެވެ. "އާރުޓީއައިއަށް ފީއެއް ނަގާ ވާހަކަ ދެއްކެވުމަކީ. ނުވަތަ އެ ޚިޔާލު މިނިސްޓަރު އިހުސާން ގެންގުޅުއްވުމަކީ ފަހަތަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް. އެކަން އެ ގޮތަށް ކޮށްގެން ނުވާނެ," މީޑިއާ ދާއިރާގައި މަސައްކަތް ކުރައްވާތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވިއެވެ. https://www.sun.mv/202122 އާރްޓީއައި ރިކުއެސްޓްތަކަށް ޖަވާބު ދިނުމަށް ފީއެއް ނެގުމަކީ ދެފުން ފެންނަ ގޮތަކަށް ދައުލަތް ހިންގުމަށް ބުރޫ އަރާނެ ކަމެކެވެ. ސަރުކާރަށް އިތުބާރުކުރުމާއި، ޖަވާބުދާރީ ކުރުވުމާއި، މަޢުލޫމާތު ހޯދުމުގައި ރާއްޖެއަށް މިހާރުވެސް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މައުލޫމާތު ހޯދަން ޚަރަދު ކުރަން ޖެހުމުގެ ސަބަބުން، ޢާންމު ރައްޔިތުންނާއި، ނޫސްވެރިންނާއި، ދަރިވަރުންނާއި، މަދަނީ ޖަމިއްޔާތަކުން އެކަމަށް އެދި ހުށަހެޅުމަށް ފަސްޖެހިދާނެއެވެ. އޭރުން މައުލޫމާތެއް ވެސް ލިބޭނީ, ބާރުގަދަ ނުވަތަ ތަނަވަސް މީހުންނަށް އެކަންޏެވެ. ބައިނަލްއަގުވާމީ ގޮތުން ވަރުގަދަ ޑިމޮކްރެޓިކް ގައުމުތަކުން ގަބޫލުކުރަނީ އާރްޓީއައިއަކީ މިނިވަން އާންމު ހައްގެއް ކަމަށެވެ. މި ކަމަށް ކުޑަ އިދާރީ ފީއެއް ނަގާ ގައުމުތަކުގައި ވެސް އެކަން ކުރަނީ ވަރަށް ހަރުދަނާ ރެގިއުލޭޓް، ދެފުށް ފެންނަ ގޮތަކަށެވެ. މައުލޫމާތު ހާމަ ކުރުމުގެ ސަގާފަތެއް ނެތް ރާއްޖޭގައި މިފަދަ ފީއެއް ނަގައިގެން މައުލޫމާތު ދިނުން ދަތި ކުރުން ނޫން ނަތީޖާއެއް ނުނިކުންނާނެކަން ޔަގީނެވެ. މިހާރު ވެސް ގިނަ މުއައްސަސާތަކަކުން މައުލޫމާތު ދެނީ ގާނޫނީ ގޮތުން ލަސް ކުރެވެން އޮތް އެންމެ ބޮޑު ލަހެއް ކޮށްފައެވެ. މައުލޫމާތު ހަމާ ކުރުން އަދިވެސް ވަރަށް ދަށް! އެތައް ބައެއްގެ ގުރުބާނީން ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް ގެނައީ ފޮނި އުންމީދުތަކަކާއެކުއެވެ. އޭގެ އެންމެ މުހިންމު އެއް ބޭނުމަކީ ރައްޔިތުންގެ ފައިސާ އާއި ވަސީލަތްތައް ބޭނުންކުރަނީ ޒިންމާދާރުކޮށްކަން ޔަގީން ކުރުމެވެ. ވެރިން ހިތުހުރި ގޮތަކަށް ރައްޔިތުންގެ ފައިސާއާއި ވަސީލަތްތައް ވެރިން ހިތުހުރި ގޮތަކަށް ބޭނުން ކުރުމުގެ ފުރުސަތު ނުދިނުމެވެ. ނަމަވެސް، ރާއްޖޭގައި އަދިވެސް މައުލޫމާތު ދިނުމާއި މައުލޫމާތު ހާމަކުރުމުގެ ކަންކަން ސަރުކާރާއި ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އޮތީ ވަރަށް ދެރަވަރުކޮށެވެ. މި ސަރުކާރަށް ބަލާއިރު ރައްޔިތުންގެ ޓެކްސް ފައިސާއިން މާ ސިންގާ މުސާރަ ނަންގަވާ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދެއް ހާމަނުކުރަން ކަންކަން ކުރި ގޮތަކީ އޭގެ ކުޑަ މިސާލެކެވެ. މީގެ އިތުރުން ވެސް އާރުޓީއައިތަކަށް ޖަވާބު ނުދިނުމާއި އިދާރާތަކަށް ފޯނުކޮށް, މެސެޖުކޮށް, މެއިލްކޮށްގެން ވެސް ޖަވާބުދާރީނުވުމަކީ އާއްމު ކަމެކެވެ. ޚާއްސަކޮށް, އެޑިއުކޭޝަން މިނިސްޓްރީއާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ފަދަ ބައެއް އިދާރާތަކުން މައުލޫމާތު ހޯދުމަކީ ދަތިކަމެކެވެ. ހާމަ ކުރާނީ އެތަނުގައި ތިއްބަވާ ވެރިން ބޭނުންވާ އެއްޗެއް އެކަންޏެވެ. ކުރާ ސުވާލަށް ޖަވާބެއް ނުދެއްވައެވެ. ނުދެއްވާތަނުގައި ދެން ޚަބަރެއް ލިޔެފިނަމަ, ސީދާ މިނިސްޓަރު ސޯޝަލް މީޑިއާގައި "އައްޗިކޮށް" ރައްދު ދެއްވުން ފަދަ އެތައް ކަމެއް ކުރައްވައެވެ. އެ ވެސް މައުލޫމާތު ހާމަނުކޮށް ހުންނަވައެވެ. https://www.sun.mv/205295 މިދިޔަ އޭޕްރީލް މަހު އާއްމުކުރި އާރްޓީއައި އިމްޕްލިމެންޓޭޝަން އެސެސްމަންޓް ރިޕޯޓުން ދައްކާގޮތުގައި އިދާރާތަކަށް ހުށަހެޅި އާރްޓީއައިތަކުގެ ތެރެއިން 62 ޕަސެންޓު އާރްޓީއައިތަކަށް ފުރިހަމައަށް ޖަވާބުނުދެއެވެ. މި އެސެސްމަންޓުން ދައްކާ ގޮތުގައި، އެ ތަންތަނަށް ހުށަހެޅި އާރްޓީއައިތަކުގެ ތެރެއިން ފުރިހަމައަށް ޖަވާބުދީފައިވަނީ 38 ޕަސެންޓު އާރްޓީއައިތަކަށެވެ. އެ އާރްޓީއައިތަކުގައި ހޯދަން އެދިފައިވާ މައުލޫމާތު ފުރިހަމައަށް ލިބުނީ 45 ޕަސެންޓު ހުށަހެޅުމަށް ކަމަށް އެސެސްމަންޓުގައިވެއެވެ. ނަމަވެސް، އެއީ އެ ހުށަހެޅުންތަކަށް ޖަވާބުދޭން ކަނޑައެޅި މުއްދަތަށް ވުރެ ފަހުންނެވެ. އޭގެ އިތުރުން، ސަރުކާރު އިދާރާތަކުން އާރްޓީއައި ހުށަހެޅުންތަކަށް ޖަވާބުދޭން ކަނޑައަޅާފައިވާ މުއްދަތުގައި ޖަވާބު ދޭ ކަމަށް ފާހަގަކޮށް، އެސެސްމަންޓުގައި ވަނީ ގިނަ ފަހަރަށް އެ ހުށަހެޅުންތަކުގައި އެދިފައިވާ މައުލޫމާތު ދީފައިނުވާ ކަމަށް ބުނެފައެވެ. އިދާރާތަކުގައި އާރްޓީއައި ތަންފީޒުކުރުމުގެ ޕްލޭނެއް ނެތުމާއި ހަރުދަނާ އޮންލައިން އިންފްރާންސްޓްރަކްޗާއެއް ނެތުމުގެ އިތުރަށް މައުލޫމާތު ހޯދަން އާރްޓީއައި ހުށަހަޅާ ފަރާތްތަކަށް ކުރިމަތިލާން ޖެހޭ ގޮންޖެހުންތައް އެސެސްމަންޓުގައި ވަނީ ފާހަގަކޮށްފައެވެ. ޑިމޮކްރެޓިކް ގައުމެއްގައި ދައުލަތުގެ ހުރިހާ މަގާމުތަކަކަށް ވެސް އަންނަން ވާނީ ކަންކަން ހާމަކުރަން ލޯބި ކުރާ އަދި އެގޮތަށް އަމަލުކުރާ މީހުންނެވެ. ކޮރަޕްޝަނާއި ތަފާތުކުރުން ހުއްޓުވޭނެ ގޮތަކީ އެއީއެވެ. ތިމާ ހަވާލުވެ ހުންނަވާ މަގާމަކީ ތަރިކަ މުދަލެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި ދެކެން ވާނީ ތިމާއަކީ ރައްޔިތުންގެ ޚާދިމެއް ކަމެވެ. އެހެންކަމުން ރައްޔިތުންނަށް ކަންކަން ހާމަ ކުރުމަށް ކުރެވުނު ވަރަކުން މަސައްކަތް ކުރަން ވާނެއެވެ. އަމުދުން މިއީ ހުރިހާ ކަމެއް ހާމަކުރަން ވައުދުވި ސަރުކާރެވެ. މައުލޫމާތު ހޯދަން އާރްޓީއައި ލާން ވެސް ނުޖެހޭނެކަމަށް ރައީސް މުއިއްޒު ވައުދުވެލެއްވިއެވެ. މައުލޫމާތު ހާމަނުކޮށްގެން ކުރިއަށް ގެންދިޔަ ޝަރީއަތެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު, އައިޝާ ޝުޖޫން މުހައްމަދު, މިދިޔަ ޖަނަވަރީ މަހު ވިދާޅުވި ގޮތުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދަން ހުށަހަޅާ މައުލޫމާތު ނުދޭން އެކި ފަހަރު އެކި ސަބަބު ދެއްކުމަކީ ކޯރެއްގެ އައްސޭރިފަށުގެ އެކި ހިސާބުތަކުން ދޮށި އުކައިގެން ވިޔަސް މަހެއް ބޭނޭތޯ އުޅުން ފަދަ ކަމެއް ކަމަށެވެ. ޝުޖޫން ވިދާޅުވީ، އެކި މައްސަލަތަކުގައި ވެސް މައުލޫމާތު ހިފަހައްޓަން ދައުލަތުން އެކި މަރުހަލާގައި އެކި ސަބަބުތައް ދައްކާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެއީ، ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. https://www.sun.mv/201552 ފަނޑިޔާރު ވިދާޅުވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ރޫހަކީ މައުލޫމާތު ވީހާ ވެސް ފުޅާ މިނެއްގައި ހާމަކުރުން ކަމަށެވެ. އާރްޓީއައިއަށް ފީއެއް ނެގުމުގެ މާނައަކީ ޖަވާބުދާރީ ކުރުވުމަށް ހުރަސް އެޅުމެވެ. އޭގެ ސަބަބުން ޓްރާންސްޕޭރެންސީ ދަށްވެ، ރައްޔިތުންގެ އިތުބާރު ގެއްލުމާއި އިންވެސްޓިގޭޓިވް ޖާނަލިޒަމް ހަނިކޮށް، މައުލޫމާތު ނުދިނުމަށް ހިތްވަރު ލިބޭ ނިޒާމެއް ގާއިމުވާނެއެވެ. ޑިމޮކްރެސީއެއްގައި އެންމެ އިސްކަން ދޭން ވާނީ މައުލޫމާތު ދިނުމަށެވެ. ފޮރުވާކަށް ނޫނެވެ. ކަންކަން ފޮރުވަން ބޭނުންވާ ބޭފުޅުން އަމިއްލަ ވިޔަފާރިކުރައްވާށެވެ. އެފަދަ ބޭފުޅުން ދައުލަތުގެ ފައިސާއިން މުސާރަ ދޭ މަގާމުތަކަށް އެއްވެސް ގޮތަކަށް ވަޑައިގަންނަވާނެ ކަމެއް ނެތެވެ. ހަގީގަތުގައި ފީއެއް ނަގަންވީ މައުލޫމާތަށް އެދޭ މީހާގެ އަތަކުން ނޫނެވެ. ފީއެއް ނަގަންވީ, ނުވަތަ ޖޫރިމަނާ ކުރަންވީ ދައުލަތުގެ މައުލޫމާތު ހާމަ ނުކުރާ މީހުންގެ އަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ